ވިކްޓްރީ ސްޕޯޓްސް ކްލަބަކީ މިވަގުތު ބޮޑެތި ޓީމުތަކުގެ ލިސްޓްގައި ހިމެނޭ ޓީމެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި، އަލުން އެހިސާބަށް ދާން ތަށި ހޯދަން ޖެހޭ ކަމަށް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ވިކްޓްރީއަށް އެންމެފަހުން ތަށްޓެއް ލިބުނީ 2011 ވަނަ އަހަރުއެވެ. އެއީ އެފަހަރު ޕްރެޒިޑެންޓްސް ކަޕެވެ. އޭގެ ކުރިން އެޓީމަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޓީމެވެ. ފުލުފުލުގައި ތަށި ހޯދާ ޓީމެއްގެ ގޮތުގައި ވިކްޓްރީ ފާހަގަކުރެވިފައިވާ އިރު، މިދިޔަ ދުވަސްތަކުގައި ސަސްޕެންޝަނުގެ ސަބަބުން އެޓީމު ވަނީ ދެވަނަ ޑިވިޝަނަށްވެސް ވެއްޓިފައެވެ. އެޓީމު މިހާރު ފުރަތަމަ ޑިވިޝަނުގައި ޖެހިޖެހިގެން ދެވަނަ ސީޒަނުގައި މި ކުޅެނީ، ދެ ސީޒަނުގައި ދެވަނަ ޑިވިޝަނުގައި ކުޅުމަށްފަހުއެވެ.

"މިއޮތްހާ ދުވަހު މިދިޔައީ ވިކްޓްރީ ދިޔައީ ވަރަށް ދަށް ހާލުގައި. އެހިސާބަށް އަރަން ކުރި މަސައްކަތުގެ ވާހަކަ މިދައްކަނީ. އެހެންވީމަ އެހިސާބަށް އަލުން އަރާފައި ނޫނީ ބޮޑު ޓީމެކޭ އަދި ނުބުނެވޭނެ. ފުރަތަމަ ކަމަކީ އެހިސާބަށް ދާން ޗެމްޕިއަން ކަމެއް، ކާމިޔާބީއެއް ނޫނީ ތަށްޓެއް ހޯދުން. އެހެން ނޫނީ މީ ހަމަ އަދިވެސް ނަމެއް. ވިކްޓްރީއަކީ ބޮޑު ނަމެއް، އެހެން ނަމަވެސް މިހާރު މިފަހުން އައި ޓީމުތަކުން ހޯދި ކާމިޔާބީތަކާ ހަމައިގައި ކިޔަން ފައިނަލްތަކެއްގައި ކުޅެ، ތަށިވެސް ހޯދަން ޖެހޭ. މިހާ ދުވަހު ކާމިޔާބީއެއް ނުލިބި އޮވެފައި ބޮޑު ޓީމެކޭ ބުނެވޭނީ ކާމިޔާބު ހޯދައިގެން،" މޯހަން ބުންޏެވެ.

މޯހަން އިތުރަށް ޕްރެސްގައި ފާހަގަކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކައިރިން އެންމެފަހުން މެޗުގައި ހޯދި ޕޮއިންޓަކީ އުންމީދީ ޕޮއިންޓެއް ކަމަށާއި، ޓީމު އޮތް ފެންވަރު ވަޒަންކޮށްލަން އެ ޕޮއިންޓް މުހިއްމުވި ކަމަށެވެ. ވިކްޓްރީން މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

"މާޒިޔާ މެޗާ ހަމައަށް ދިޔައިރު ވިކްޓްރީ އޮތީ ގަދައޭ މިކިޔާ ޓީމުތަކުން ޓީމަކާ މެޗެއް ނުކުޅެ. އެމެޗާ ހަމައަށް ދިޔައިރު އަސްލު ހަގީގަތުގައި ޓީމު އޮތް ސީދާ ހިސާބެއް ބުނެދޭކަށް ނޭނގެ. އޭރު އޮތް ފިއާއެއްވެސް ކިހާ ހިސާބެއްގައިތޯ އޮތީ. ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ހަގީގަތުގައި އެމެޗު އެއްވަރު ކޮށްލެވުމަކީވެސް. އެހިސާބުން އެނގިއްޖެ ވާދަކުރެވިދާނެ ކަމަށް ވިކްޓްރީއަށް. އެހެން ނަމަވެސް އަދި ހަމަ ވަރަށް ދުވަސް އެބައޮތް، މިއީ ސީޒަނެއްގެ ކުރީކޮޅުގެ ވާހަކަ މި ދައްކަނީ،" މޯހަން ޕްރި މެޗު ޕްރެސްގައި ބުންޏެވެ.

ތަޖުރިބާކާރު ކޯޗު މޯހަން ބުނީ ސީޒަންގައި އެއްކޮށް ހިފަހައްޓަން ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ޓީމުގެ ފިޓްނަސް ލެވެލް މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަމަށްވެސް މޯހަން ބުންޏެވެ. އެކަން ރަނގަޅު ވެގެންދާނީ ވާދަވެރި މެޗުތައް ގިނައިން ކުޅެގެން ކަމަށެވެ. އަދި ކަޕް ވިނާސް ކަޕް ކުޅެން ވިކްޓްރީއަށް ފުރުސަތު ނުލިބުމަކީ ފިޓްނަސްއަށް އަސަރުކުރި ކަމެއް ކަމަށްވެސް މޯހަން ބުންޏެވެ.

މޯހަން ބިސް ބުރާ ގުޅޭ ގޮތުން ބުނީ އެޓީމާ ދޭތެރޭ ވިސްނަން ޖެހޭނެ ކަމަށެވެ. ލީގުން ފެންނަ މަންޒަރަކީ އެއްވެސް މެޗެއް ފަސޭހަ ނުކޮށްލެވޭނެކަމުގެ މަންޒަރު ކަމަށްވެސް މޯހަން ބުންޏެވެ. އަދި ބިދޭސީ ވަރުގަދަ ކުޅުންތެރިން ފެނުމަކީ ލީގުގެ ވާދަވެރިކަން އިތުރު ވާނެ ކަމެއް ކަމަށްވެސް މޯހަން ބުންޏެވެ.

ބިސް ބުރާއި ވިކްޓްރީ ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު 4:00 ގައެވެ.