ކުރިއަށް އޮތް ދިރާގު ދިވެހި ޕްރިމިއާ ލީގު ސީޒަން ވެގެންދާނީ ހާއްސަ ސީޒަނަކަށް ކަމަށާއި، ރަށްރަށުގައި މެޗުތަކެއް ކުޅެން ޖެހުމުން ލީގު އިތުރަށް ފޯރިގަދަވެގަވާނެ ކަމަށާ ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ކުރިއަށް އޮތް ޕްރިމިއާ ލީގު މާދަމާ ފަށާނެއެވެ. ރާއްޖޭގެ ފުޓުބޯޅަ ފޯމެޓަށް ގެނެސްފައިވާ ބަދަލާއެކު މިފަހަރުގެ ލީގަށް އަތޮޅު ތެރޭގެ ދެ ޓީމަކުންވެސް ވަނީ ޕްރޮމޯޓް ވެފައެވެ. އެއީ އަތޮޅު މުބާރާތާއި ޒޯން އަދި ރީޖަނަލް ލީގުތަކުން އައިސް ކޮލިފިކޭޝަންގައި ވާދަކޮށްގެންނެވެ. މިފަހަރު ލީގުގައި ވާދަކުރާ އަތޮޅު ތެރޭގެ ދެޓީމަކީ ދިއްދޫ ފުޓުބޯޅަ ޓީމާއި ގައްދޫ ފުޓުބޯޅަ ޓީމެވެ. އެފްއޭއެމްއިން ނިންމާފައި ވަނީ އެ ދެ ރަށުގެ ހޯމް މެޗުތައް އެ ރަށްތަކުގައި ކުޅުމަށެވެ.
މިފަހަރުގެ ސީޒަނަށް ވިކްޓްރީ ތައްޔާރުވެފައި ވަނީ ސްކޮޑު ވަރަށް ބޮޑަށް ވަރުގަދަކޮށް، ރަނގަޅު ކޭމްޕަކާއެކުގައެވެ. އެގޮތުން ސްރީ ލަންކާއަށް ގޮސް ކުރި ކޭމްޕްގައި ވިކްޓްރީން ވަނީ އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅެފައެވެ. މޯހަން ބުނީ އެންމެ އެކަށީގެންވާ ވަގުތު ސީޒަނަށް ތައްޔާރުވަން ނުލިބުނު ނަމަވެސް، ތައްޔާރީތަކާއެކު ހިތްހަމަ ޖެހޭ ކަމަށެވެ.
ޕްރި މެޗު ޕްރެސްގައި މޯހަން ބުނީ ކަޕް ވިނާސް ކަޕުގައި ކުޅުނު ޓީމުތަކަށް ފައިދާތަކެއް ހުންނާނެ ނަމަވެސް، ވިކްޓްރީއަށް އޭގެން އެއްވެސް ކަމަކަށް ބެލެން ނެތް ކަމަށެވެ. ވިކްޓްރީއަށް އޮތީ ލީގަށް ވާދަކުރުން ކަމަށް މޯހަން ބުންޏެވެ.
"މިވަރުގެ ސްކޮޑެއް ނަގައިގެން ނުކުންނައިރު ލީގަށް ހޭނެން މުއްދަތެއް ނެގޭކަށް ނޯންނާނެ. ދެމެޗު ތިން މެޗު ދަންދެން ބަލަހައްޓައިގެން ނުހުރެވޭނެ. ފުރަތަމަ މެޗުން ފެށިގެން ކުޅުންތެރިންގެ މެކްސިމަން އެފޮޓާއި ޕާފޮމަންސް ދައްކަން ޖެހޭ. އެއީ ފަސޭހަ ކަމެއް ނޫން، އެއީ ކޮންމެ ފަހަރަކު ވާނެވެސް ކަމެއް ނޫން. މީގައި އެޑްވާންޓޭޖްތަކެއް ހުރި ކްލަބުތައް އެބަހުރި. އެއީ ވާދަވެރި މެޗުތަކެއް ކުޅެފައިވާ ޓީމުތައްވެސް އެބަހުރި. މުބާރާތްވެސް ކުޅެފައި އޮތް ކްލަބުތަކަށް ފައިދާތަކެއް ހުންނާނެ. އެކަމަކުވެސް އޭގެން އެއްވެސް ކަމަކަށް ބެލޭކަށް ނެތް. ވިކްޓްރީ މިފަހަރު މި ނުކުންނަނީ ސީދާ ލީގަށް ވާދަކުރަން،" މޯހަން ބުންޏެވެ.
މޯހަން ބުނީ ހޯމް އެންޑް އަވޭ ކުޅުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި، އެކަމަކީ ހެޔޮ ބަދަލެއް ފުޓުބޯޅައިން ފެންނާނެ ކަމެއް ކަމަށެވެ.
"ހަމަ ޔަގީނުންވެސް ހޯމް އެންޑް އަވޭ މެޗުތައް އައިމަ ލީގުގެ ފޯރިގަދަވެގެން ދާނެ. އެއީ އަޅުގަނޑު ވަރަށް ކުރިންސުރެ ދެކެމުން އައި ހުވަފެނެއް. ހޯމް އެންޑް އަވޭ މެޗުތަކެއް ފެނިގެން ދިޔުން. ދެ ރަށަށް ދާން ޖެހުނު ނަމަވެސް އެއީ ވަރަށް ރަނގަޅު ފެށުމެއް. ފުޓުބޯޅަ ކުރިއަރާ ދާން އެއީ މުހިއްމު ކަމެއް. މެޗަކަށް އެ ރަށަކަށް ގޮސް، ރަށެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅެން ޖެހުމަކީ ތަފާތު ކަމެއް. މިއަހަރު އަދި އެ ޕްރެޝަރު އެންމެ ބޮޑަށް ނުފެނިދާނެ. އެހެންނަމަވެސް މުސްތަގުބަލުގައި މިކަން ދެމިގެންދާނަމަ، ދެތިން ސީޒަނެއްގައި އެއް ރަށެއް މި ލެވެލްގައި ހިފަހައްޓާލައިފިނަމަ، ދެން ތިންވަނަ ސީޒަނުގައި އަވޭ ޓީމަކަށް ރަށަކަށް ގޮސް މޮޅުވުންވާނީ އުނދަގޫ ކަމަކަށް. އެއީ އެ ޓީމުތަކަށް ތަޖުރިބާ ލިބުނީމަ އެ ތަފާތުވާނެ. އޭރުން ކޮންމެ އަވޭ މެޗެއްވެސް ވަރަށް ފޯރިގަދަވާނެ،"
މޯހަން ބުނީ އަވޭ މެޗުތައް މިއަހަރުވެސް ފަސޭހަ ނުވާނެ ކަމަށާއި، އެކަމުގައި ޓީމުތަކުން ވިސްނަން ޖެހޭ ކަމަކީ ހުރިހާ ކަމެއްގައި އެންމެ އިންތިޒާމު ރަނގަޅު ނޫން ނަމަވެސް މާބޮޑު ޝަކުވާތަކެއް ނުކޮށް މެޗުތަކާ ކުރިމަތިލުން ކަމަށެވެ. އަދި ޓީމުތަކުން ކަނޑު ދަތުރާއި އެހެން ކަންކަމަށްވެސް "އެޖަސްޓް ވާން ޖެހޭނެ،" ކަމަށް މޯހަން ބުންޏެވެ. އޭނާ ބުނީ ފުޓުބޯޅަ ފޯރިގަދަ ކުރުމަށް ކޮންމެ ކްލަބެއްގެވެސް ޒިންމާއެއް އޮންނާނެ ކަމަށެވެ.
ވިކްޓްރީން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނީ ހުކުރު ދުވަހުގެ ރޭ 9:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް