އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި ތަޖިކިސްތާނުން އަނެއްކާވެސް ރާއްޖެ ބަލިކޮށްފިއެވެ.

މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ތަޖިކިސްތާނުން ރާއްޖެ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ރާއްޖެއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ގޯލެއް ނުޖެހި ނިމިގެން ގޮސްފައިވާ އިރު، މިހާތަނަށް ގްރޫޕް ސްޓޭޖުގައި ރާއްޖެއަށް ޕޮއިންޓެއް ނުލިބެއެވެ.

ތަޖިކިިސްތާން ގްރޫޕްގެ އެއްވަނައިގައި ހަތަރު މެޗުން 10 ޕޮއިންޓާއެކު އޮތް އިރު، ދެވަނައިގައި ފިލިޕީންސް އޮތީ ހަތަރު މެޗުން އަށް ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި ޓިމޯ ލެސްޓޭ އޮތް އިރު، ރާއްޖެ އޮތީ ގްރޫޕް ފުލުގައެވެ.

މިއަދުގެ މެޗަށް ރާއްޖެއިން ނެރުނު ފުރަތަމަ 11 --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މިއަދު ކުޅުނު މެޗުގެ ކުުރިން ގައުމީ ޓީމުން އެންމެފަހުން ގައުމީ ދަނޑުގައި މެޗެއް ކުޅުނީ މީގެ 733 ދުވަސް ކުރީންނެވެ. އެއީ 2023 ވަނަ އަހަރު އޮކްޓޯބަރު މަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން ޕްރިލިމިނަރީ ކޮލިފިކޭޝަން މެޗެކެވެ.

އެ ޕްރެޝަރު ޓީމަށް ކުރިންވެސް އޮތް އިރު، މިއަދުގެ މެޗަށް ރާއްޖޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެފައިވެއެވެ. ހާއްސަކޮށް ގިނަ ސަޕޯޓަރުން ވަނީ ޓީމަށް ހިތްވަރުދީފައެވެ. އެގޮތުން ރާއްޖޭގެ އެޓޭކަށް މަސައްކަތް ކޮށް، އެޓޭކްތައް ކާމިޔާބުނުވި ނަމަވެސް، ސަޕޯޓަރުން ވަނީ ގިނަ ފަހަރަށް ޓީމަށް ވަރަށް ބޮޑަށް ތަރުހީބު ދީފައެވެ.

މިއަދު މެޗަށް ރާއްޖެއިން ނުކުތީ މިމަހުގެ ނުވަ ވަނަ ދުވަހު ތަޖިކިސްތާނުގެ ހިސޯރްގައި ކުޅުނު މެޗުން 2-0 އިން ބަލިވެފައި އޮވެގެންނެވެ. އޭގެ ކުރިން ކުޅުނު ކޮލިފިކޭޝަން މެޗުތަކުންވެސް ރާއްޖެއަށް ޕޮއިންޓެއް ނުލިބި އޮތް އިރު، ގައުމުން ބޭރުގައި ޓިމޯ ލެސްޓޭއާއި ފިލިޕީންސާ ދެކޮޅަށް ކުޅެގެންވެސް ރާއްޖެ އޮތީ ބަލިވެފައެވެ.

މިއަދު މެޗުގައި ރާއްޖެއަށް ކުރިމަތީ އުނދަގޫ ފެށުމެކެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ތަޖިކިސްތާންގެ ފުރަތަމަ އެޓޭކުން ކަހަލަ ގޮތަކަށް އެޓީމަށް ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީއަކީ އަރިމަތިން ހުރަސްކޮށްލި ބޯޅަ، އޭރިއާ ތެރެއިން ޓެކުލް ކުރި ރާއްޖޭގެ ޑިފެންޑަރު މުހައްމަދު އިރުފާން (އިރޭ) އަތުގައި ޖެހުމުން ދިން ޕެނަލްޓީއެކެވެ.

އެ ޕެނަލްޓީ ތަޖިކިސްތާންގެ އުމަރްބައޭވް ޕަރްވިޒޮން ފޮނުވާލުމުން ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް މަތަކުރި ނަމަވެސް، ރީބައުންސްގައި ސަފަރޯވް މަނުޗެހްރު ވަނީ ބޯޅަ ގޯލަށް ވައްދާލައިފައެވެ.

އޭގެ ދެމިނެޓްފަހުން އޭރިއާ ބޭރުން ތަޖިކިސްތާނުގެ އެހްސޯނީ ޕަންޝަންބޭ ފޮނުވާލި ހަމަލާ ރާއްޖޭގެ ކީޕަރު ފައިސަލް ފަސޭހަކަމާއެކު މަތަކުރި އިރު، ހާފުގެ 20 ވަރަކަށް މިނެޓް ހިނގިތަނާ ރާއްޖެއިން ފުރަަތަމަ ހަމަލާއެއް އުފެއްދިއެވެ.

ހާފުގެ ފަހުކޮޅަށް ދިޔަވަރަކަށް ރާއްޖެއިން ކުޅުން ރަނގަޅު ކޮށްފައިވާ އިރު، ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު)ގެ ރަނގަޅު ކޮމްބިނޭޝަނަކުން ތަނަވަސްކުރި ފުރުސަތުގައި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ.

އެ ހަމަލާއަށް މާ ގިނައިރެއް ނުވެ، އަހުމަދު އައިހަމް (ފަތޯ) ގެ ތަފާތު އިންޑިވިޖުއަލް ހުނަރެއް ފެނިގެން ދިޔައެވެ. އަމިއްލަ ހާފު ތެރެއިން ބޯޅަ ހިފައިގެން ގޮސް، ތަޖިކިސްތާނުގެ ދެ ކުޅުންތެރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ އޭނާ ތަޖިކިސްތާން ކީޕަރު ބޯމަތިން ޗިޕް ކޮށްލި ނަމަވެސް، ދިޔައީ އަރިމަތިން ބޭރަށެވެ.

މިއަދުގެ މެޗުގައި އައިހަމް --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އޭގެފަހުންވެސް ރާއްޖެއިން ރަނގަޅު ކޮންފިޑެންސެއްގައި ކުޅެމުން ދަނިކޮށް، 34 ވަނަ މިނެޓުގައި ތަޖިކިސްތާނުން އަނެއްކާވެސް ދެވަނަ ގޯލެއް ޖެހިއެވެ. އޭރިއާ ތެރެއިން އަމިރްބެކް ޖުރަބޮއޭވް ޖައްސާލި ޕާހުގައި މަބަތުޝޮއޭވް ޝެރްވޯނީ ބޯޅަ ގޯލަށް ވައްދާލި އިރު، އެ ހަމަލާ ހުއްޓުވަން ރާއްޖޭގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އާއި ހުސައިން ނިހާން (ނިހަޓް) މަސައްކަތް ކުރިއެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައިވެސް ރާއްޖެއިން ރަނގަޅަށް ކުރިއަށް ޖެހި ކުޅުނު އިރު، ދެވަނަ ހާފު ފެށިގެންވެސް އެ ޓެމްޕޯގައި ކުޅުން ފެށިއެވެ. ހާފުގެ ކުރީކޮޅުގައި ހަމްޕުގެ ހަމަލާއެއް ފެނިގެން ގޮސްފައިވާ އިރު، މެދުތެރެއިން ފަތޯއަށް ލިބުނު ބޯޅައިގައި އޭނާ ރަނގަޅަށް ކުރިއަށް ޖެހި ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މިއަދު ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ފޭދޫ އިއްބެ ބޯޅައާއެކު މަސައްކަތް ކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ފަހުކޮޅަށް ދިޔަ އިރު، ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުންވެސް ކޮންމެވެސް ވަރަކަށް ވަރުބަލިކަން ފެނިގެން ގޮސްފައިވާ އިރު، ތަޖިކިސްތާނުން ދިޔައީ ރާއްޖެ ހިފަހައްޓަން ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓަމުންނެވެ. އެ ވަރުބަލިކަމުގެ ތެރެއިން ރާއްޖޭގެ ފަހަތުން ހެދުނު ގޯހަކުން ތަޖިކިސްތާން ތިންވަނަ ގޯލެއްވެސް ޖެހިއެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ތަޖިކިސްތާނުގެ ތިންވަނަ ގޯލް ޖެހީ، ހަމްޕު ފަހަތަށް ޖައްސާލި ބޯޅައެއް ހޯދައިގެން މަބްތަޝޮއޭވް އެވެ. އޭނާ އެ ގޯލް ޖެހީ އެ ބޯޅަ ރިކަވާކުރުމަށް ފަހަތަށް ޖެހުނު އިރުފާން ކައިރިން ފަސޭހައިން ބީޓް ކޮށްލައި، ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

އެ ގޯލަށްފަހު ރާއްޖެއިން ބަދަލުތަކެއް ގެނެސްފައިވާ އިރު، އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) އަދި މުހައްމަދު އިލާން އިމްރާނާއި މުހައްމަދު ނާއިމް ކުޅުމަށް ނެރެފައިވާ އިރު، އެ ކުޅުންތެރިންގެ ނުރައްކާ ފެނުނުވެސް މެއެވެ.

ސެންޓޭގެ ހިލޭ ޖެހުމެއް ތަޖިކިސްތާން ކީޕަރު އޮލެގް ބަކްލޯވް ސޭވްކުރި އިރު، އޭގެ އިރުކޮޅެއްފަހުން ނާއިމް މަތީ ކަނަށް އާމަޒުކޮށް ފޮނުވާލި ބާރު ހަމަލާވެސް މަތަކުރީ އޮލެގެވެ.

މިއީ ރާއްޖެއާއި ތަޖިކިސްތާން ވާދަކުރި ފަސްވަނަ މެޗެވެ. އޭގެ ތެރެއިން ތިން ހަތަރު މެޗުން ތަޖިކިސްތާން މޮޅުވެފައިވާ އިރު، ރާއްޖެ އެގައުމާ އެއްވަރުކުރީ 2011 ވަނަ އަހަރު ގައުމީ ދަނޑުގައެވެ.