ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގައި ނެދަލޭންޑްސްއިން ރޭ ކުޅުނު މެޗުގައި ފިންލޭންޑް ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ނެދަލޭންޑްސްއިން ހޯދީ 4-0 ގެ މޮޅެކެވެ. އެޓީމަށް ކޮލިފިކޭޝަން ފުރަތަމަ ބުރުގެ ގްރޫޕް ޖީގައި ނެދަލޭންޑްސްއިން މިހާތަނަށް ކުޅުނު ހަ މެޗުން 16 ޕޮއިންޓް ހޯދާފައިވެއެވެ. އެ ގްރޫޕްގެ ދެވަނައިގައި ޕޮލެންޑް ހަ މެޗުން 13 ޕޮއިންޓާއެކު އޮތް އިރު، ނެދަލޭންޑްސްއަށް އެއްވަނަ ޔަގީންވުމާ މިހާރު އޮތީ ގާތުގައެވެ.
ޔޫރަޕްގެ ކޮލިފިކޭޝަން އުސޫލު އޮންނަ ގޮތުން، ފުރަތަމަ ބުރުން ސީދާ ވޯލްޑް ކަޕަށް ދާނީ ގްރޫޕްގެ އެއްވަނަ ޓީމުތަކެވެ.
ރޭގެ މެޗު ނެދަލޭންޑްސްއިން ރަނގަޅަށް ފެށި އިރު، އަށްވަނަ މިނެޓުގައި ޑޮންޔެލް މާލެން ވަނީ ލީޑު ނަގައިދީފައެވެ. މެމްފިސް ޑިޕާއީ އެ ގޯލަށް އެސިސްްޓް ކޮށްދިން އިރު، އޭގެ 10 ވަރަކަށް މިނެޓްފަހުން ދެވަނަ ގޯލަށްވެސް އެސިސްޓް ކޮށްދިނީ އޭނާއެވެ.
ދެވަނަ ގޯލް ޖެހީ ވާޖިލް ވެން ޑައިކެވެ. ރޭގެ މެޗުގައި ޑިޕާއީ އޭނާގެ 35 ވަނަ އެސިސްޓް ގައުމީ ޓީމަށް ފުރިހަމަކޮށްދިން އިރު، މިހާރު ޑިޕާއީއަކީ އެގައުމަށް އެންމެ ގިނަ ގޯލު ޖެހުމުގެ އިތުރުން އެސިސްޓްވެސް ހެދި ކުޅުންތެރިޔާއެވެ.
ޑިޕާއީ މިހާތަނަށް ގައުމީ ޓީމަށް 35 އެސިސްޓް ކޮށްދީފައިވާ އިރު، އެ މަގާމުގައި ކުރިން އޮތީ ވެސްލޭ ސްނައިޑާއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 33 އެސިސްޓް ފުރިހަމަ ކޮށްދީފައެވެ.
ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއެއްގައި ޑިޕާއީ އޭނާގެ ގޯލްވެސް ޖެހި އިރު، މެޗު ނިމެން ދަނިކޮށް ހަތަރުވަނަ ގޯލް ޖެހީ ކޯޑީ ގަކްޕޯއެވެ.
ނެދަލެންޑް
ނެދަލެންޑް
ނެދަލެންޑް
ނެދަލެންޑް