ނެދަލޭންޑްސްގެ ކޯޗުކަމުގައި ހުރި ރޮނާލްޑް ކޫމަން، ވޯލްޑް ކަޕް 2026 ގެ ފެއިލިއާއާއެކު މަގާމު ދޫކޮށްލަން ނިންމައިފިއެވެ.

ނެދަލޭންޑްސްއިން ވޯލްޑަ ކަޕް ކާމިޔާބުކުރުމުގެ ޓާގެޓަކާއެކު މިފަހަރު މުބާރާތަށް ނުކުމެފައިވާ އިރު، އެޓީމުން ނޮކްއައުޓް ބުރުން ކެޓީ މޮރޮކޯ ކައިރިން ބަލިވެގެންނެވެ. ޕެނަލްޓީ ޖަހައިގެން ބަލިވި މެޗަށްފަހު ކޫމަން ބުނީ އެވަގުތުން ވަގުތަށް ގޮތެއް ނިންމަން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް، އޭގެ ފަހުން ރޭގެ ވަގުތެއްގައި ކޫމަން ވަނީ ނެދަލޭންޑްސްގެ ކޯޗުކަން ދޫކޮށްލިކަން އިއުލާނު ކޮށްފިއެވެ.

"އަހަރެމެން މަސައްކަތް ކުރީ ތާރީހު ލިޔެލައި ވޯލްޑް ކަޕް ކާމިޔާބުކުރަން. އެކަމެއް ނުވި. އަހަންނަށްވުރެ ވަކިން ދެރަވި މީހެއްް އެކަމުގައި ނުވެސް ހުންނާނެ. އަހަންނަކީ ކޯޗު، އެކަމުގެ ޒިންމާ ނަގާނީވެސް އަހަރެން،" ކުރިން އެގައުމަށް ކުޅުނު ކޫމަން ބުންޏެވެ.

އެ ވާހަކައާއެކު ކޫމަން ވަނީ ކޯޗުކަމުން ދުރަށް ޖެހިލާ، އާއިލާއަށް ވަގުތު ދޭން ވިސްނާ ކަމަށްވެސް ބުނެފައެވެ.

"އަހަރެން އިތުރަށް ނެދަލޭންޑްސްގެ ކޯޗުކަމުގައި ހުންނާކަށް ނެތިން. މި މަސައްކަތް މިހެން ކުރިޔަސް، ފުޓުބޯޅައަށްވުރެ މުހިއްމު ބައެއް ކަންކަން އަހަރެންގެ އެބަހުރި. ފުޓުބޯޅައަކީ އަހަރެންގެ ހަޔާތް ނަމަވެސް ސިއްހީ ކަންކަން އަހަރެންގެ އަދި އަންހެނުންގެ އެބަހުރި. އަންހެނުން ބާޓިނާގެ ހާލު ގޯސް ނަމަވެސް، އަހަންނަށް މިކަމަށް ހިތްވަރު ދެނީ އޭނާ. އެއީ އަންހެނުން އަހަންނަށް ދޭ އިތުބާރެއް. އެކަމަކު މިހާރު އަންހެނުންނަށް ވަގުތު ދޭން ޖެހޭ،" ކޫމަން ބުންޏެވެ.

ކޫމަންގެ އަންހެނުން ބާޓިނާ ކޫމަން ދަނީ އުރަމަތީ ކެންސަރަށް ފަރުވާ ދެމުނުންނެވެ. މީގެ ކުރިން 2018 ވަނަ އަހަރާއި 2020 ވަނަ އަހަރާ ހަމައަށްވެސް ނެދަލޭންޑްސްއަށް ކޯޗުކަން ކޮށްދިން ކޫމަން، 63، މީގެ ކުރިންވެސް އަންހެނުންނަށް ވަގުތު ދޭން ބައެއް ބްރޭކްތައް ނެގިއެވެ. ކޫމަންއަކީ ކުރިން ބާސެލޯނާއަށްވެސް ކޯޗުކަން ކޮށްދިން ފަރާތެކެވެ.