ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗުކަމުގައި ހުރި، ސޮފްވާން މުހައްމަދުގެ މައްސަލައެއް ބަލަމުންދާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފިއެވެ.

މިދިޔަ އަހަރު ބޭއްވި ކާވާ މުބާރާތުގައިވެސް އަންހެން ޓީމަށް އިރުޝާދު ދިން ސޮފްވާން މައްސަލައެއް ވީއޭއެމްގެ ފަސް މެމްބަރުންގެ ކޮމިޓީއަކުން ބަލަމުންދާކަން އެ އެސޯސިއޭޝަންގެ ރައީސް، މުހައްމަދު ލަތީފް ވަނީ "ވަން ސްޕޯޓްސް"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

އެ މައްސަލައަކީ ކޮންކަހަލަ މައްސަލައެއްކަން ވީއޭއެމްއިން ހާމަކޮށްފައި ނުވާ އިރު، ލަތީފް ވިދާޅުވީ ސޮފްވާން މިވަގުތު މަގާމުން އެކަހެރިކޮށް، ޓީމު ފަރިތަކުރަނީ އެހެން ކޯޗަކާ އެކުގައި ކަމަށެވެ. ބަލަމުންދަނީ އިންޓާނަލް މައްސަލައެއް ކަމަށާއި، ކޯޗުގެ އަބުރު ރައްކާތެރިކުރުމުގެ ގޮތުން، އެއްވެސް ކަމެއް ސާފު ނުވަނީސް، އިތުރު ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ކަމަށްވެސް ލަތީފް ފާހަގަކުރެއްވިއެވެ.

ސޮފްވާނާ ގުޅިގެން ލިޔެކިޔުމުން މައްސަލައެއް ހުށަހެޅިފައި ނުވާ ނަމަވެސް، އެ މައްސަލަ ވީއޭއެމްއިން އަމިއްލައަށް އިސްނަގައިގެން ބަލަން ފެށީ ކުޅުންތެރިންތަކެއްގެ ފަރާތުން ލިބުނު މައުލޫމާތަށް ބިނާކޮށް ކަމަށްވެސް ލަތީފް ފާހަގަކުރެއްވިއެވެ. ހާއްސަކޮށް އަވަހަށް މައްސަލަ ބަލަން ފެށީވެސް، ވީއޭއެމްއިން އެންމެ އިސްކަމެއް ދޭ ކަމަކީ ކުޅުންތެރިންނަށް ފަހި މާހައުލެއް ޓީމު ތެރޭގައި އޮތުން ކަމަށް ދެކޭތީ ކަމަށްވެސް ލަތީފް ފާހަގަކުރެއްވިއެވެ.

ލަތީފް ވިދާޅުވީ ސޮފްވާނަކީ ވީއޭއެމްގެ އެކްސްކޯ މެމްބަރެއް ނަމަވެސް، އެއްވެސް މައްސަލައެއް ނުބަލައި އެ އެސޯސިއޭޝަނުން ދޫކޮށް ނުލާނެ ކަމަށެވެ. އަދި މިހާރު މައްސަލަ ބަލަމުންދާ ކޮމިޓީއަށް ދީފައިވަނީ ހަތް ދުވަސް ކަމަށާއި، އެ ހިސާބުން ރިޕޯޓު ތައްޔާރުކޮށް، އެކްސްކޯއަށް ރިޕޯޓް ހުށަހަޅާނެ ކަމަށްވެސް ލަތީފް ފާހަގަކުރެއްވިއެވެ.