ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ ސްޕެއިންނާއި ޕޯޗުގަލްގެ އިތުރުން އިޓަލީން ކުޅުނު މެޗުތަކުންވެސް މޮޅުވެއްޖެއެވެ.
ސްޕެއިނާއި ޕޯޗުގަލްއިންވެސް މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާ އިރު، ރޭ ސްޕެއިނުން ޖޯޖިއާ ބަލިކުރީ 2-0 އިންނެވެ. އަމިއްލަ ދަނޑުގައި ހޯދި މޮޅާއެކު އެޓީމުން އެއްވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާއެކުގައެވެ.
ތުރުކީން އެ ގްރޫޕްގެ ދެވަނައިގައި ތިން މެޗުން ހަ ޕޮއިންޓާއެކު އޮތް އިރު، އެ ގްރޫޕްގެ ތިންވަނައިގައި އޮތީ ޖޯޖިއާއެވެ. އެންމެ ފުލުގައި އޮތީ ރޭ ތުރުކީ ކައިރިން ބޮޑުކޮށް ބަލިވި، ބަލްގޭރިއާއެވެ.
ގްރޫޕް އެފްގައި ރޭ ޕޯޗުގަލްއިން 1-0 އިން އަޔަލޭންޑް ބަލިކޮށް، ތިން މެޗުން ތިން މޮޅާއެކު އެއްވަނަ ދެމެހެއްޓި އިރު، އެ ގްރޫޕްގެ ދެވަނައިގައި އޮތީ ހަންގޭރީއެވެ. ތިންވަނައިގައި އަރްމޭނިއާ އޮތް އިރު، އަޔަލޭންޑް އޮތީ ފުލުގައެވެ.
ގްރޫޕް އައިގައި އިޓަލީން އެސްޓޯނިއާ ކައިރިން 3-1 ގެ ނަތީޖާއަކުން މޮޅުވި އިރު، އިޓަލީއަށް ފަސް މެޗުން ލިބުނީ 12 ޕޮއިންޓެވެ. އެއްވަނައިގައި އޮތީ ނޯވޭއެވެ. އެއީ ހަ މެޗުންވެސް މޮޅުވެގެންނެވެ.
ތިންވަނައިގައި އިޒްރޭލް އޮތީ ހަ މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. އެސްޓޯނިއާ ހަތަރެއްގައި އޮތް އިރު، މޮލްޑޯވާ އޮތީ ގްރޫޕް ފުލުގައެވެ.
ސްޕެއިނުން އަމިއްލަ ދަނޑުގައި ރޭ ޖޯޖިއާ ބަލިކުރި މެޗުގެ، 24 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގައިގައެވެ. ޔެރެމީ ޕިނޯގެ އެ ގޯލުން ލީޑު ނެގި ސްޕެއިނަށް ހާފު ނިމުމުގެ ކުރިން ޕެނަލްޓީއެއް ލިބި، ފެރާން ޓޮރެސް އަތުން ބޭކާރުވިއެވެ.
ސްޕެއިންގެ ދެވަނަ ގޯލް، ދެވަނަ ހާފުގައި މިކޭލް އޮޔަރުޒަބާލް ޖެހީ ހިލޭ ޖެހުމަކުންނެވެ.
ޕޯޗުގަލް މެޗުގައި ގޯލެއް ނުފެނި ގިނައިރު ވެގެން ގޮސްފައިވާ އިރު، 75 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީ، ކްރިސްޓިއާނޯ ރޮނާލްޑޯ އަތުން ނާކާމިޔާބުވިއެވެ. ކައޮއިމްހިން ކެލެހާ އެ ޕެނަލްޓީ މަތަކޮށްފައިވާ އިރު، ޕޯޗުގަލް މޮޅުވީ ފަހުވަގުތު ރުބެން ނެވޭސް ޖެހި ގޯލުންނެވެ.
އިޓަލީގެ އާ ކޯޗު، ޖެނާރޯ ގަޓޫސޯއާއެކު ފޯމު ދަމަހައްޓަމުން އަންނަ އިރު، އެޓީމުގެ ގޯލްތައް މެޗުގައި ޖެހީ މޮއިސް ކީންއާއި މަޓެއޯ ރަޓެގީ އަދި ފްރެންސެސްކޯ ޕިއޯ އެސްޕޮސީޓޯއެވެ. އެސްޓޯނިއާގެ ގޯލް ޖެހީ ރައުނޯ ސަޕިނެންއެވެ. ރަޓެގީ އަތުން މެޗުގައި ޕެނަލްޓީއެއް ނާކާމިޔާބުވިއެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން