އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖެއިން ކުޅޭ ފުރަތަމަ ހޯމް މެޗުގެ ޓިކެޓް މިއަދު ހަވީރު ވިއްކަން ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެއިން ކުޅޭ ހޯމް މެޗު، މިމަހުގެ 14 ވާ އަންގާރަ ދުވަހު އޮންނާނީ ގައުމީ ދަނޑުގައެވެ. މެޗު ފަށާނީ މެންދުރުފަހު 3:30 ގައެވެ. އެމެޗު ވެގެންދާނީ މެދުކެނޑުމަކަށްފަހު ގައުމީ ފުޓުބޯޅަ ޓީމުން އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ މެޗަށެވެ.
މެޗަށް ސަޕޯޓަރުން ވެއްދުން އިތުރުކުރުމުގެ ގޮތުންނާއި، ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމަށް އެފްއޭއެމްއިން ވަނީ "ފޯރީގައި ދަނޑަށް" ނަމުގައި ހާއްސަ ކެމްޕޭނެއްވެސް ފަށައިފައެވެ. އެ ކެމްޕޭނުގެ ދަށުން މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި ހާއްސަ ހަރަކާތެއްވެސް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.
އެ ހަރަކާތުގައި ބިދަބިން ބޮޑުބެރު ގްރޫޕްގެ ހާއްސަ ހުށަހެޅުންތަކަކާއެކު ރޮބޯމޭންވެސް ފެނިގެން ދާނެއެވެ. އަދި މަޝްހޫރު ފްރީ ސްޓައިލް އެތުލީޓް މުހައްމަދު ސައިފް ޒާހިރުގެ ހަރަކާތްތައްވެސް އިވެންޓްގައި ފެނިގެންދާނެއެވެ. އެ ހަވީރު ކުރިއަށްދާނީ ގައުމީ ޓީމުގެ ކުޅުންތެރިންނާވެސް އެކުގައެވެ.
އެފްއޭއެމްއިން އިއުލާނު ކޮށްފައި ވަނީ މިއަދު ހަވީރު އާޓިފިޝަލް ބީޗުގެ އިވެންޓް ތެރެއިން ޓިކެޓް ވިއްކަން ފަށާނެ ކަމަށެވެ. ސިޑިބަރީގެ ޓިކެޓް 50 ރުފިޔާއަށް ވިއްކާ އިރު، ގޮނޑިބަރީ ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ.
މިފަހަރުގެ ކޮލިފިކޭޝަން ގްރޫޕް އޭގައި މިހާތަނަށް ރާއްޖެއަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ފުރަތަމަ މެޗުގައި ފިލިޕީންސާ ދެކޮޅަށް ރަށުން ބޭރުގައި ބަލިވީ 4-1 އިންނެވެ. އޭގެފަހުން އޮސްޓްރޭލިއާގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން 1-0 އިން ބަލިވެފައިވާ އިރު، ތަޖިކިސްތާނާ ދެކޮޅަށް ދާދިފަހުން އެގައުމުގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު