ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލްގެ މައްޗަށް ހިޔާނާތުގެ ދައުވާ ސާބިތުވެ ހަތަރު އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.
ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާ ބައްސާމްގެ މައްޗަށް ކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ އެކެއްގައެވެ. ބައްސާމަށް މިއަދު ހުކުމް ކުރީ ހިޔާނާތުގެ ބަޔަށް އެކަންޏެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ދުވަހު ބުނެފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަނުގެ ބޭނުމަށް ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ފަރާތުން އެމެރިކާ ޑޮލަރުން ދެމުންދިޔަ ފައިސާގެ ތެރެއިން އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާ ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 އެމެރިކާ ޑޮލަރު ޖަމާކުރުމަށް ޓަކައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި 10،004 ޑޮލަރުގެ ޓްރާންސްފާ ކުރުމަށް ލިޔެ، 26 އޮގަސްޓް 2018 ގައި ލިޔުންތައް ހުށަހަޅައި، ބޭންކް ޗާޖުގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށް ފަހު 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
"އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކަށް ހުށަހެޅި ލިޔުންތަކުގައި 'sales of dollar' ލިޔެފައިވީ ނަމަވެސް، 9,999 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) އަށް ވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީ އާއި، ބައްސާމް އަދީލް ޖަލީލް އެފްއޭއެމްއަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނޯންނާތީ އާއި، މި ފައިސާ މީނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީ،" ބައްސާމަށް ހިޔާނާތުގެ ކުށުގެ ދައުވާ ކުރާ ސަބަބެއްގެ ގޮތުގައި ޕީޖީން ބުނެފައިވެއެވެ
ކްރިމިނަލް ކޯޓުގައި މިއަދު ހުކުމް އިއްވަން ބޭއްވި މަޖިލީހުގައި އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުންނާއި ބައްސާމްގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށާއި އެއީ އެލަވަންސްގެ ގޮތުގައި ލިބުނު ފައިސާ ނޫން ކަމަށެވެ.
ދައުލަތުން ބުނެފައިވަނީ، ފީފާއިން އެފްއޭއެމަށް ދިން ފައިސާއަކީ އެފްއޭއެމްގެ ކަންކަމަށް ހަރަދުކުރަން ދިން ފައިސާކަން ހެކިތަކުން އެނގޭ ކަމަށެވެ. ނަމަވެސް އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެގެން ފައިސާއާ ބެހޭ ކަންކަމުގައި ގޮތް ނިންމާފައިވަނީ ބައްސާމް ކަމަށެވެ. އެގޮތުން އޭނާގެ އަމިއްލަ ކަންކަމަށް ފައިސާ ބޭނުން ކުރިކަން ހެކިތަކުން އެނގޭ ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.
އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ބައްސާމް ބުނި ނަމަވެސް، އެ އަދަދަށް ވާ ދިވެހި ރުފިޔާ އެފްއޭއެމަށް ލިބިފައި ނުވާތީ އެއީ ޑޮލަރު މާރުކުރުން ކަމަށް ބެލެވޭނެ ގޮތެއް ނެތް ކަަމަށްވެސް ދައުލަތުން ބުންޏެވެ.
ނަަމަވެސް ބައްސާމްގެ ވަކީލު ވިދާޅުވެފައިވަނީ އެއީ ކުށެއް ކޮށްގެން ހޯދި ފައިސާއެއްކަމަށް ބެލެވޭނެ ސަބަބެއް ނެތް ކަމަށެވެ. އެ އަދަދަކީ ބައްސާމަށް އެފްއޭއެމުން ދޭން ޖެހޭ ފައިސާގެ ތެރެއިން ކުޑަ މިންވަރެއް ކަމަށާއި އެ ފައިސާ ނަގަން ލިޔުންތައް ތައްޔާރުކުރީ ބައްސާމް ކަން އެނގޭނެ ހެއްކެއް ނެތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ދައުލަތުން ވަނީ ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތުގެ އިތުރު ދައުވާއެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ވެސް ކުރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. މި ދެ ދައުވާގެ އަޑުއެހުންތައް ކޯޓުގައި އަދި ފަށައިފައެއް ނުވެއެވެ.
އެ ދެ ދައުވާ އުފުލާފައިވަނީ ބައްސާމް، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނެވި އިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރި ވެ، އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި އެމެރިކާ ޑޮލަރުން ދޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލީ އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަން ޖެހޭ ޖުމުލަ 23 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށް ވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީއެވެ.
އަލީ ޔާމިން
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު