އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިންހިއްކުމާއި ބަނަދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި ތިން މަޝްރޫގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކުނބުރުދުއަށް މިއަދު ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިންހިއްކުމާއި އަދި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތު އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަހުމަދު ސައުދީއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބުދުﷲ މުއްތަލިބްއެވެ.

އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިންހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 169.11 މިލިއަން ރުފިޔާއަށް 480 ދުވަހުން ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ މަސައްކަތުގެ ދަށުން 9.89 ހެކްޓަރު ސަރަހައްދެއްގެ ބިން ހިއްކުމާއި 1616 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 230 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ކުނބުރުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 67.41 މިލިޔަން ރުފިޔާއަށް 450 ދުވަހުން ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 28،740.90 ކިއުބިކް މީތަރގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުން.
  • 444 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން.
  • 20 މީތަރު ބޭރުން ތޮށިލުން.
  • 246 މީޓަރު ރިވެޓްމަންޓް ޖެހުން.
  • 2945 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން.
  • ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް.