ނެދަލޭންޑްސްއަށް ރެކޯޑު އަދަދަކަށް ގޯލް ޖަހައިދީފައިވާ މެމްފިސް ޑިޕާއީގެ ޕާސްޕޯޓް ގެއްލިގެން ގައުމީ ޓީމާ ގުޅުމަށް ދަތިތަކެއް ދިމާވެއްޖެއެވެ.
މިވަގުތު ބްރެޒިލްގެ ކޮރިންތިއަންސްއަށް ކުޅެމުންދާ ޑިޕާއީގެ ޕާސްޕޯޓް ގެއްލިގެން އިއްޔެ އަނބުރާ ނެދަލޭންޑްސްއަށް ނުދެވި މަޑުކުރަން ޖެހިފައިވާ އިރު، ނެދަލޭންޑްސް އެފްއޭއިން ބުނީ އެމަޖެންސީ ޕާސްޕޯޓްގައި އޭނާ މިއަދު ގައުމަށް ދާނެ ކަމަށެވެ.
އުމުރުން 31 އަހަރުގެ ޑިޕާއީއަކީ ނެދަލޭންޑްސް ގައުމީ ޓީމަށް މުހިއްމު ކުޅުންތެރިއެކެވެ. އެންމެފަހުން ގްރޫޕް ޖީގެ ކޮލިފިކޭޝަންގައި ލިތުއޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޑިޕާއީ ގޯލް ޖަހައި، ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލިއެވެ. އޭނާ މިހާތަނަށް ގައުމީ ޓީމަށް 52 ގޯލް ޖަހާފައިވެއެވެ.
ނެދަލޭންޑްސްއިން މިފަހަރުގެ ކޮލިފިކޭޝަން މެޗުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުޅޭނީ މާލްޓާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗެވެ. ޑިޕާއީއަށް އެމެޗު ގެއްލުނު ނަމަވެސް، ހޮނިހިރު ދުވަހުގެ ރޭ ފިންލޭންޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ކުޅޭނެ ކަމަށް ބެލެވެއެވެ.
ނެދަލޭންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ޑިޕާއީއަށް ދިމާވި ހާލަތުގެ ސަބަބުން ގޭމް ޕްލޭނަށްވެސް ތަފާތު ވިސްނުމެއް ގެންނަން ޖެހިފައިވާ ކަމަށެވެ. އޭނާ ބުނީ ޑިޕާއީ އަތުން ގެއްލުނީ ޕާސްޕޯޓް އެކަނި ކަމަށާއި، އެވާހަކައަކީ ޔަގީނުންވެސް ތެދެއް ކަމަށެވެ.
އޭގެ އިތުރުން ކޯޗު ކޫމަން ބުނީ ޑިޕާއީ ޕާސްޕޯޓާ ނުލައި އެއާޕޯޓަށް ގޮސް ފުރޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވީ ކަމަށެވެ.
"ޑިޕާއީ ޕާސްޕޯޓް ގެއްލުމުން އެއާޕޯޓަށް ގޮސް ފުރޭތޯ މަސައްކަތް ކުރި. އެކަމަކު ޑިޕާއީ ވިޔަސް އެކަން އެގޮތަކަށް ނުވި. އަހަރެން އަދަބެއް ނުދޭނަން ޑިޕާއީއަކަށް. މެޗަށް ނުނެރެވޭނީ، ޑިޕާއީއަށް ގައުމަށް އާދެވޭނީ މެޗުގެ އެއް ދުވަސްކުރިން ކަމަށްވީމަ،" ކޫމަން ބުންޏެވެ.
ނެދަލެންޑް
ނެދަލެންޑް
ނެދަލެންޑް
ނެދަލެންޑް