ސެރެއާ އޭގެ އިތުރުން ސްޕެނިޝް ލީގުގެ މެޗެއް ގައުމުން ބޭރުގައި ކުޅުމުގެ ހުއްދަ، ޔޫއެފާއިން ދީފިއެވެ.

ޔޫއެފާއިން މިއަދު ބުނެފައި ވަނީ އެ އިދާރާއިން ގައުމުން ބޭރުގައި ކުޅުމަށް ހުއްދަ ދިނީ ލަ ލީގާގައި ބާސެލޯނާއިން ވިލަރެއާލާ ދެކޮޅަށް ޑިސެމްބަރު މަހު ކުޅެން އޮތް މެޗާއި، އޭސީ މިލާނުން އަންނަ އަހަރު ފެބްރުއަރީ މަހު ކޯމޯއާ ދެކޮޅަށް އޮތް ލީގު މެޗެވެ.

ބާސާއާއި ވިލަރެއާލްގެ މެޗު އެމެރިކާގެ މިއާމީގައި ހޯސްޓް ކުރަން ޔޫއެފާއިން ހުއްދަ ދީފައިވާ އިރު، މިލާންގެ މެޗު ހޯސްޓް ކުރަން ނިންމާފައި ވަނީ އޮސްޓްރޭލިއާގެ ޕާތުގައެވެ.

މިލާނުން ގައުމުން ބޭރުގައި ކޯމޯއާ ދެކޮޅަށް ކުޅުމުގެ ހުއްދައަކަށް އެދުނީ ފެބްރުއަރީ މަހު، އެޓީމުގެ ސްޓޭޑިއަމް ސަން ސީރޯގައި ވިންޓާ އޮލިމްޕިކްސްގެ ހަރަކާތްތައް ކުރިއަށްދާތީއެވެ. ހާއްސަކޮށް ވިންޓާ އޮލިމްޕިކްސްގެ ފެށުމުގެ ރަސްމިއްޔާތުވެސް ފެބްރުއަރީ ހަވަނަ ދުވަހު އޮންނާނީ ސަން ސީރޯގައެވެ.

ސްޕެނިޝް ލީގުން ގައުމުން ބޭރުގައި ލީގު މެޗެއް ހޯސްޓް ކުރުމަށް މަސައްކަތް ކުރާތާ މިހާރު ގާތްގަނޑަކަށް 10 ވަރަކަށް އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެއީ އެންއެފްއެލްއާއި އެންބީއޭއިންވެސް އެ އުސޫލުން ކަންކަން ކޮށް، ވިޔަފާރި ފައިދާތައް ހޯދަމުންދާތީއެވެ. ހާއްސަކޮށް އެކި މާކެޓްތަކަށް ލީގު ބޮޑަށް އިޝްތިހާރު ކުރުމަށެވެ.

ޔޫއެފާއިން ބުނީ ދެ ލީގަށް ހުއްދަ ދިން ނަމަވެސް، އެކަމުގައި ހިޔާލު ތަފާތުވުންތަކެއް ހުރި ކަމަށެވެ. ހާއްސަކޮށް އެ ހުއްދައަކީ ފީފާގެ އުސޫލުތަކުގެ ތެރެއިން ދެވިދާނެ ހުއްދައެއް ކަމާމެދު ސުވާލުތަކެއް ހުރި ނަމަވެސް، ޔޫއެފާއިން އެހެން ނިންމީ ފީފާގެ އުސޫލުތަކުގައި ކަންކަން މުޅިން ސާފު ނުވާތީ ކަމަށެވެ.

ޔޫއެފާއިން ބުނީ ލީގު މެޗުތަކަކީ ހޯމް ގައުމުގައި ކުޅެން ޖެހޭ މެޗުތަކެއްކަން ގަބޫލުކުރާ ކަމަށާއި، މިފަހަރު ނިންމި ނިންމުމާއެކު ގައުމުން ބޭރުގައި ލީގު މެޗުތައް ކުޅެން އަބަދު ފުރުސަތު ދޭން ނުވިސްނާ ކަމަށެވެ.