އދ. ދަނގެތީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ މިއަދު ރައީސް އދ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ފެއްޓެވި ދަތުރުފުޅުގައި ދަނގެއްޗަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަހުމަދު ސައުދީއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ.

ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ހަވާލުކުރީ 279.92 މިލިޔަން ރުފިޔާއަށް 570 ދުވަހުން ނިންމާގޮތަށެވެ.

ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 27.32 ސަރަހައްދެއްގެ ބިންހިއްކުން
  • 576 މީޓަރުގެ ވަގުތީ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން
  • 718 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން
  • 500 މީޓަރުގެ ސަރަހައްދެއްގައި ލޯކްރެސްޓު ބޭރުތޮއްޓެއްލުން
  • 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 66,500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުން
  • 492 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން
  • 385 މީޓަރުގެ ސަރަހައްދެއްގައި ގޮރޮއިން ޖެހުމުގެ މަސައްކަތް ކުރުން