އދ. ދަނގެތީގައި ކުރިއަށްދާ އަންވާރު 14 ވަނަ ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި، ކުއާޓާ ފައިނަލްގެ މެޗުތަކަށް ތައްޔާރުވެއްޖެއެވެ.
އަންވާރު ފުޓްސަލް ކަޕަކީ އަރި އަތޮޅު ދެކުނު ބުރީގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގައި މިއަހަރު 15 ޓީމަކުން ވާދަކުރަމުންދެއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖު ކުރިއަށް ދިޔައީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ރޭ ނިމިފައިވާ އިރު، ކުއާޓާ މެޗުތައް އޮންނާނީ މާދަމާ ރޭގައެވެ.
މިއަދު ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ބަލާއިރު، ލަކުޑި އަދި ލިލީ ބީޗް ވާދަކުރި މެޗު ލަކުޑިން ކާމިޔާބުކުރީ 7-3 އިންނެވެ. އެމެޗަށް ނުކުތް އިރު ލިލީ ބީޗަށް ހަނި ފުރުސަތެއް އޮތް ނަމަވެސް ބައްޔާއެކު އެޓީމުވެސް ވަނީ ކަޓައިފައެވެ. ލަކުޑި އިއްޔެގެ މެޗަށް ނުކުތްއިރުވެސް އޮތީ މުބާރާތުން ކަޓައިފައެވެ.
މެޗުގައި ލަކުޑީގެ އިސްމާއީލް އީސަ (މެސީ) ހެޓްރިކް ފުރިހަމަ ކުރި އިރު، އަލީ އަޔާޒާއި އަބްދުލް މިދުހަތު ފަހުމީ (ބިޗަޑް)ގެ އިތުރުން މުހައްމަދު އަފްލާމް އަލީ ގޯލް ޖެހިއެވެ. މެޗުގައި ބިޗަޑް ވަނީ ދެ ގޯލް ޖަހައިފައެވެ. ލިލީ ބީޗުގެ ގޯލްތައް ޖެހީ ހަސަން ނާއިމްއާއި މުހައްމަދު މާއިސްއެވެ. ނާއިމް މެޗުގައި ދެ ގޯލް ޖެހިއެވެ.
ވިލަމެންދޫން ގްރޫޕް އޭގެ އެއްވަނަ ޔަގީންކުރީ މިއަދު ހަވީރު 4-2 އިން ރިއަލް ކެރެކްޓާ ބަލިކޮށްގެންނެވެ. ވިލަމެންދޫގެ މުހައްމަދު މިސްބާހާއި ހުސައިން ވިޔާމް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިފައެވެ. އަދި އަނެއްކޮޅުން ގޯލްތައް ޖެހީ އަހުމަދު ޒާލިފާއި އާދަމް ޒަރީފެވެ.
މިރޭގެ މެޗުތަކަށް ބަލާ އިރު، ގްރޫޕް ބީގައި އެފްސީ ބިރަކާނުލާއިން އެންޓީ ޔުނައިޓެޑް ބަލިކުރީ 12-0 އިންނެވެ. އެ ގްރޫޕްގެ އެއްވަނަ ބިރަކާނުލާއިން ހޯދި އިރު، ދެވަނައަށް ދިޔައީ ދަނގެތި އެޓޯލްއެވެ. ބިރަކާނުލާއިން އެންޓީ ޔުނައިޓެޑް ކޮޅަށް ޖެހި ގޯލްތަކަށް ބަލާއިރު، އަލީ ޝަމާލް އަބްދުﷲ (ޝަންމު) އާއި މުހައްމަދު ނާއިމް މެޗުގައި ހެޓްރިކް ހެދިއެވެ. އަދި އަހުމަދު ސުދައިސް އަލީއާއި މުހައްމަދު ސާދު ނިޒާރް ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހި އިރު، މުހައްމަދު ވިލްވެސް ގޯލެއް ޖަހާފައިވެއެވެ.
ގްރޫޕް ސީގެ އެއްވަނަ ކަނޑައަޅަން މިރޭ ރިއާލިޓީއާއި އެފްސީ ގަބުޅި ވާދަކުރި މެޗު ނިމުނީ 4-2 އިން ރިއާލިޓީ މޮޅުވެގެންނެވެ. އެ ދެޓީމުވެސް ކުއާޓާ ޔަގީންކޮށްފައި އޮވެގެން މެޗަށް ނުކުތް އިރު، މެޗުގައި ރިއާލިޓީގެ ގޯލްތައް ޖެހީ މުހައްމަދު ފިޒަލްއާއި އަހުމަދު ޖުމާންގެ އިތުރުން މުހައްމަދު ފަރުހާން އަދި އަޒްޔާން އިބްރާހީމެވެ. އަނެއްކޮޅުން ގޯލްތައް ޖެހީ ހުސައިން ޝިފާހްގެ އިތުރުން އިސްމާއީލް ޝިޔާޒެވެ.
ގްރޫޕް ޑީގެ ފަހު މެޗުގައި އެފްސީ ވާނުވާއިން ވަނީ އެފްސީ ލައިކަންސް ކައިރިން 9-1 އިން މޮޅުވެ، ކުއާޓާ ޔަގީން ކޮށްފައެވެ. ދެން އެ ގްރޫޕުން ކުއާޓާއަށް ދިޔައީ ބުރު ސަހަރާއެވެ. އެ ގްރޫޕުން ކުއާޓާއަށް ދިޔަ ދެޓީމުގެ ޕޮއިންޓާއި ފައިދާ ގޯލްގެ އިތުރުން ޖެހި ގޯލާއި ވަން ގޯލްވެސް އެއްވަރު، އެއްވަނަ ދެވަނަ ކަނޑައެޅީ ގުރު ނަގައިގެންނެވެ.
ގުރުގައި އެއްވަނަ ލިބުނީ ބުރު ސަހަރާއަށެވެ. ދެވަނައަކީ ވާނުވާއެވެ.
މިރޭ ވާނުވާގެ ހަސަން އަރީޖް މުހައްމަދު ފަސް ގޯލް ޖެހި އިރު، އެޓީމުގެ އަނެއް ގޯލްތައް ޖެހީ މުހައްމަދު އިރުފާނާއި އަހުމަދު މާއިޝް ޖަލީލް އަދި އިބްރާހީމް ރިލުވާން ރާޝިދެވެ. އަނެއް ޓީމްގެ ގޯލް ޖެހީ މުހައްމަދު ޖިނާން ޖުނައިދެވެ.
އަންވާރު ފުޓްސަލް ކަޕްގެ މެޗުތައް މާދަމާއާއި މިރޭވެސް ކުރިއަށްދާނެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ކަނޑައަޅައިފައެވެ.
ކުއާޓާ ފައިނަލްގެ ކުރިމަތިލުންތައް
20:15 ވިލަމެންދޫ - ދަނގެތި އެޓޯލް
21:15 ޒިލެފި - އެފްސީ ބިރަކާނުލާ
22:15 ބުރު ސަހަރާ - ރިއާލިޓީ
23:15 އެފްސީ ގަބުޅި - އެފްސީ ވާނުވާ
މުޙައްމަދު ޝަމްޢޫން
އަންވާރު ފުޓްސަލް ކަޕް
އަންވާރު ފުޓްސަލް ކަޕް
އަންވާރު ފުޓްސަލް ކަޕް