އދ. ދަނގެތީގައި ކުރިއަށްދާ އަންވާރު 14 ވަނަ ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކާމިޔާބުކޮށް، ދަނގެތި އެޓޯލާއި ރިއާލިޓީ، އެފްސީ ބިރަކާނުލާ އަދި އެފްސީ ގަބުޅިން ސެމީ ފައިނަލް ޔަގީން ކޮށްފިއެވެ.
އަންވާރު ފުޓްސަލް ކަޕަކީ އަރި އަތޮޅު ދެކުނު ބުރީގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގައި މިއަހަރު 15 ޓީމަކުން ބައިވެރިވެފައިވާ އިރު، ރޭ ކުޅުނީ ކުއާޓާ ފައިނަލް ހަތަރު މެޗެވެ.
ކުއާޓާގެ ފުރަތަމަ މެޗުގައި ދަނގެތި އެޓޯލްއިން ވިލަމެންދޫ ކައިރިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފަހުކޮޅުގައި ދަނގެތި އެޓޯލްގެ ހަމައެކަނި ގޯލް ޖަހައިދިނީ މުހައްމަދު ފައްޔާހް ސާމިލްއެވެ.
ބިރަކާނުލާއިން ސެމީ ޔަގީންކުރީ ކުއާޓާގެ ދެވަނަ މެޗުގައި ޒިލެފި ކައިރިން 3-1 އިން މޮޅުވެގެންނެވެ. އެމެޗުގައި ބިރަކާނުލާގެ މުހައްމަދު ވިލްފް ދެ ގޯލް ޖެހި އިރު، އަނެއް ގޯލް ކާމިޔާބުކުރީ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ. ޒިލެފީގެ ހަމައެކަނި ގޯލް ޖެހީ މުހައްމަދު ހާޖިދު ޝަހީމެވެ.
ރިއާލިޓީއާއި ބުރު ސަހަރާ ވާދަކުރި ކުއާޓާ މެޗުވެސް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެމެޗު ރިއާލިޓީން ކާމިޔާބުކުރީ 3-2 އިންނެވެ. އެމެޗުގައި ރިއާލިޓީގެ އަފީފް އީސާއާއި އިބްރާހީމް އިމްރާން (އިންމި) ގޯލް ޖެހިއެވެ. އިންމި ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ. މެޗު ނިމެން ދަނިކޮށް ބުރު ސަހަރާގެ ދެ ގޯލްވެސް ޖެހީ އިބްރާހީމް ރިޒުހާން (ރިޒުއްކޮ) އެވެ.
ކުއާޓާގެ ފަހު މެޗުގައި ގަބުޅިން ވަނީ އެފްސީ ވާނުވާ ކައިރިން 5-1 އިން މޮޅުވެފައެވެ. އެމެޗުގައި ގަބުޅީގެ އާދަމް ޝިޔާން މުހައްމަދު ދެ ގޯލް ޖެހި އިރު، އަނެއް ގޯލްތައް ޖެހީ އިސްމާއީލް ޝިޔާޒާއި މުހައްމަދު ތޯހިރުގެ އިތުރުން އާދަމް އާޒިމެވެ. ވާނުވާގެ ހަމައެކަނި ގޯލް ޖެހީ މުހައްމަދު ރަޒާން ހުސައިނެވެ.
އަންވާރު ފުޓްސަލް ކަޕްގެ މެޗުތައް މާދަމާއާއި މިރޭވެސް ކުރިއަށްދާނެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ކަނޑައަޅައިފައެވެ.
މިރޭ އޮންނަ ސެމީ މެޗުތައް
20:15 ދަނގެތި އެޓޯލް - ރިއާލިޓީ
21:15 އެފްސީ ބިރަކާނުލާ - އެފްސީ ގަބުޅި
އަންވާރު ފުޓްސަލް ކަޕް
އަންވާރު ފުޓްސަލް ކަޕް
އަންވާރު ފުޓްސަލް ކަޕް