ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ)އަށް ލިބުނު އަނިޔާގެ ސަބަބުން ސާޖަރީ ފުރިހަމަ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ލަސްތަކެއް ދިމާވި ނަމަވެސް، މިހާރު އެ ފަރުވާއަށް ބޭނުންވާ ހަރަދު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހަމަޖައްސައިފިއެވެ.
ހާއްޕެގެ ވާތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން މިޔަންމާގައިވެސް އޭނާއަށް ފަރުވާ ދީފައިވެއެވެ. އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފިކޭޝަންގައި މިޔަންމާއާ ދެކޮޅަށް ރާއްޖެއިން ކުޅުނު ފަހު މެޗުގައި 7-3 އިން ބަލިވި އިރު، އެ މެޗުގެ ތެރެއިން އަނިޔާވެ ހާއްޕެ ބާލަން ޖެހުނީ އަށިގަނޑުގައެވެ.
ކުޑަހުޅުގެ ކަށިގަނޑެއްގައި ރެނދުއެޅުމުގެ ސަބަބުން ޕްލާސްޓަރު ކޮށްފައިވާ އިރު، ހާއްޕެއަށް މެޑިކަލް ޓީމުން އިރުޝާދު ދީފައި ވަނީ ވީ އެންމެ އަވަހަކަށް ސާޖަރީ ކުރުމަށެވެ.
"ވަން ސްޕޯޓްސް"އަށް އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި، ހާއްޕެ ބޭނުންވާ ގައުމަކުން ސާޖަރީ ހެދޭނެކަމަށް އޭރު ޓީމުން ބުނެފައިވެއެވެ. އެހެންކަމުން ހާއްޕެ ފުރަތަމަ ނިންމީ ތައިލެންޑުން ސާޖަރީ ފުރިހަމަ ކުރުމަށެވެ. އެއީ މެޑިކަލް ބައެއް ފަރާތްތަކުގެ ލަފައާއެކު ވީ އެންމެ އަވަހަކަށް ކުޅެން ނުކުތުމަށް ބޭނުންވާތީއެވެ.
ހާއްޕެ އެގޮތަށް ނިންމި ނަމަވެސް، ފަހުން އެފްއޭއެމްގެ މަޝްވަރާއާއެކު އިންޑިއާއިން ސާޖަރީ ކުރަން އެއްބަސްވުމަކަށް ގޮސް، އެކަމުގައި އެންސްޕާއަށް އެދުނު ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. އެންސްޕާ މެދުވެރިވެ، ސާޖަރީއަށް ބޭނުންވާ ހަރަދު ފައިނަލް ކުރި ނަމަވެސް، ފުރަން އަދި ސީދާ ތާރީހެއް ޔަގީން ނުވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ކުރިން ފުރަން އޮތީ މިއަދު ނަމަވެސް، މިހާރު މާދަމާއަށް ދަތުރު ލަސްވެފައިވާ ކަމަށްވެސް "ވަން ސްޕޯޓްސް"އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
އަނިޔާގެ ސަބަބުން ހާއްޕެއަށް ކްލަބު މޯލްޑިވްސް ކަޕް ގެއްލިފައިވާ އިރު، ސާޖަރީއަށް ނުދެވި މިހާތަނަށް ވަނީ 13 ވަރަކަށް ދުވަސްވެފައެވެ. އެކަމުގައި މިއަދު އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވަނީ ފެހި ސިގްނަލެއް ދެއްވައިފައެވެ.
ތޯރިގު މިއަދު ފޭސްބުކްގައި ވިދާޅުވީ "އިންޖަރީވި ފުޓްސަލް ޕްލޭޔަރު އިންޑިއާއިން އޮޕަރޭޝަންކުރަން އެއްބަސްވީ ބުރާސްފަތި ދުވަހު މަޝްވަރާއަށްފަހު، އޮޕަރޭޝަނަށްދާނެ ހަރަދާއި ކުޅުންތެރިޔާއާއި ދެ އެހީތެރިންގެ ޓިކެޓާއި، ތިބުމާއި ކެއުމުގެ ހަރަދުކުރާނީ އެފްއޭއެމުންނާއި ސަރުކާރުގެ އެންސްޕާގެ އެހީތެރިކަމާއެކު،" ކަމަށެވެ.
މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ އެފްއޭއެމްގެ ރައީސް ތޯރިގު އިތުރަށް ވިދާޅުވީ އެކަން ސާފުކޮށްދޭން ބޭނުންވީ ހާއްޕެގެ ސާޖަރީއާއި އަނިޔާގެ އެކި ކަންކަމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަން މަސައްކަތް ކުރާތީ ކަމަށެވެ.
ހާއްޕެގެ އަނިޔާއާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އޮޕަރޭޝަން ލަސްވުމުން ކަންބޮޑުވުން ފާޅުކޮށް، ހާއްޕެގެ އެކައުންޓް ނަމްބަރު ޖަހައި، އެހީގެ ޕޯސްޓުތައްވެސް ކޮށްފައެވެ.
ހާއްޕެއަށް 2024 ވަނަ އަހަރުވެސް ކަކުލުގެ އަނިޔާއަކާ ކުރިމަތިވިއެވެ. ކަކުލުގެ ސާޖަރީއަކާއެކު އެފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ގެއްލުނު ނަމަވެސް، މިއަހަރުގެ މުބާރާތަށް ފިޓްވެގެން އެނބުރި އައިސް މޮޅަށް ކުޅެފައިވެއެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް