ކ. ތުލުސްދޫ / ބިޖިލީއުފާ، އަލީ ޝިހާމް މަރައިލީ ގަސްތުގައި ނޫން ކަމަށާއި ނަމަވެސް ޝިހާމް މަރުވީ އޭނާއަތުން ކަަމަށް، އަލީ ޝިހާމް މެރިކަން ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ތުލުސްދޫ ރެޑްރޯސް މުހައްމަދު ނިޔާޒު ބުނެފިއެވެ.

މި މައްސަލައަކީ 31 ޖުލައި 2014 ވަނަ ދުވަހުގެ 18:50 އެހާކަންހާއިރު ތުލުސްދޫ، ދުއްފަޅުގޭގެ އިރުއުތުރު ފަރާތުގައި އޮތް ހުސްބިމެއްގައި ހުރި ގަހެއްގައި އެލުވާފައި ހުރި ޖޯއްޔެއްގައި އަލީ ޝިހާމް އޮއްވައި އޭނާގެ މެޔަށް ހަމަލާދީ މަރައިލި މައްސަލައެކެވެ.

މި މައްސަލައިގައި އެ ކުށަށް ވެފައިވާ އިއުތިރާފާއި ހެކިތަކަށް ބަލައި، އަދި މަރާލާފައިވާ ޝިހާމްގެ ވާރިސުން ގިސާސް ހިފުމަށް ހުށަހަޅާފައިވާތީ، ނިޔާޒުގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. އަދި އެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރިއެވެ.

އެއީ މަރުގެ ހުކުމަަކަށްވާތީ، މި ހުކުމް ތަންފީޒު ކުރެވޭނީ ހުރިހާ މަރުހަލާއެއް ނިންމައިގެންނެވެ. އެހެންކަމުން ކުރިމިނަަލް ކޯޓުން ހުކުމް ކޮށް، ހައިކޯޓުން ތާއީދު ކޮށްފައިވާ މި ހުކުމަކީ ނިހާއީ ހުކުމެއްކަން ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައިގެ އަޑުއެހުން މިއަދު ބޭއްވިއެވެ.

މި އަޑުއެހުމުގައި ވަކީލެއްގެ ފުރުސަތު ބޭނުންވޭތޯ ފަނޑިޔާރު އެއްސެވުމުން އޭނާ ބުނީ ވަކީލަކު ބޭނުން ނޫން ކަމަށާއި ވާހަކަ ދައްކާނީ އަމިއްލައަށް ކަމަށެވެ.

ދައުވާއާ ބެހޭގޮތުން އެއްޗެއް ބުނަން ބޭނުންތޯ ފަނޑިޔާރު އެއްސެވުމުން އޭނާ ބުނީ، މައްސަލައަށް އޭނާ އިއުތިރާފު ވެފައިވާ ކަމަށް ވިދާޅުވެ ދައުލަތުގެ ވަކީލު ކޯޓުގައި ދެއްކެވި ވާހައަކީ ރަނގަޅު ވާހަކައެއް ކަމަށެވެ.

"ރަނގަޅު ވާހަކައެއް އެއީ ގަސްތަކު ނޫން، ނަމަވެސް އަޅުގަނޑު އަތުން އޭނަ މަރުވީ އެއީ ބުނަން އޮތް އެއްޗަކީ،"

މި ހާދިސާ ހިނގި ގޮތް ކިޔައިދެމުން މީގެ ކުރިން ކޯޓުގައި ނިޔާޒް ބުނެފައިވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ މެދެންހާ ތަނުގައި އޭނާގެ މަންމައާއެކު އެމީހުންގެ ގޭ ކުރިމަތިން ކަހަލަ ގޮތަކަށް ގަސް އިންދާފައި ހުރި ތަނަކަށް ބާލިދީއެއް ގެންދިއުމަށް ނުކުތް ވަގުތު، ޝިހާމްއާ ދިމާވެގެން، ތުލުސްދޫ ހިތްވަރުގޭގައި ގެސްޓްހައުސްއެއް ގޮތަށް އިމާރާތްކުރަމުންދާ ތަނުގައި ހުރި ކަރަންޓް ސާމާނުތަކެއް ވަގަށް ނެގީ ނިޔާޒު ކަމަށް، ނިޔާޒުގެ މަންމަ ކައިރީގައި ބުނެ ވައްކަން ކުރިކަމުގެ ތުހުމަތު އެޅުވި ކަމަށެވެ.

ވައްކަން ނުކުރާ ކަމަށް ނިޔާޒް ތަކުރާރު ކުރުމުން ވެސް، ވައްކަންކުރީ އޭނާ ކަމަށް ބުނެ އެކި މީހުން ކައިރީގައި ޝިހާމް ވާހަކަ ދައްކާކަމުގެ އަޑުތައް އިވެމުންދިޔަ ކަމަށްވެސް ނިޔާޒު ބުނެފައިވެއެވެ.

މިކަމުގެ ސަބަބުން އަލީ ޝިހާމާ މެދު ވަރަށް ބޮޑަށް ނަފުރަތާއި ރުޅިވެރިކަން އުފެދި އިތުރުވަމުން ދިޔަ ކަމަށްވެސް ބުނެފައިވެއެވެ.

ނިޔާޒު ބުނެފައިވާ ގޮތުން 31 ޖުލައި 2014 ވަނަ ދުވަހުގެ 14:00 ހާއިރު ކޯލާވޯޓާ ބޮއެގެން، އެގޭ ކުރިމަތިން ކަހަލަ ގޮތަކަށް އޮންނަ ހުސްބިން ސަރަހައްދުގައި ހުރި ގަހެއްގައި އެލުވާފައި ހުރި ޖޯއްޔެއްގައި 17:00 ހާއިރު އޮށޯވެލައިގެން އޮއްވައި ނިޔާޒުމެން ގޭ ކުރިމަތިން އަލީ ޝިހާމް ސައިކަލެއްގައި ދިޔަ ތަން ފެނުނެވެ. އެވަގުތު ނިޔާޒުގެ ހިތުގައި އަލީ ޝިހާމާ މެދު އުފެދިފައި އޮތް ރުޅިވެރިކަން އިތުރުވެ، ކޮންމެ ވެސް ގޮތަކުން އަލީ ޝިހާމަށް ހަމަލާއެއް ދިނުމުގެ ނިޔަތް ހިތުގައި ކަނޑައެޅުނެވެ. އަދި ހިތު ތެރޭގައި އޮތް ރުޅިވެރިކަން އިތުރުވަމުން ގޮސް އަލީ ޝިހާމަށް ވަޅިން ހަމަލާ ދިނުމަށް ނިންމީއެވެ.

އޭގެ ފަހުން ގެއަށް ގޮސް ބަދިގެ ތެރޭގައި އޮތް ވަޅި ތަކުން، ތިލާގައި ހަ އިންޗި، މުއްގަނޑުގައި ފަސް އިންޗި ހުރި ވަޅިއެއް ހިފައިގެން ނުކުމެ، ބައިސްކަލަށް އަރައިގެން، އަލީ ޝިހާމް ފެނޭތޯ އޭނާ ދިރިއުޅޭ ގެ ކައިރިއަށް ދިޔައެވެ. ނަމަވެސް ޝިހާމް ނުފެނުމުން އެނބުރި ގޭދޮށަށް ގޮސް، ސިނގިރޭޓެއް ބޯން މަޑުކޮށްލައިގެން ހުއްޓައި އައި ރަހުމަތްތެރިން ތަކެއް ކައިރީގައި އަލީ ޝިހާމަށް ހޭއަރުވާލަން އުޅޭ ކަމަށްވެސް ބުންޏެވެ.

އޭގެފަހުން ދެވަނަ ފަހަރަށް އަލީ ޝިހާމް ފެނޭތޯ ދުށްފަޅު ގޭ ކައިރިއަށް ދިޔަ ކަމަށާއި އެވަގުތު ދުށްފަޅުގޭގެ އިރު އުތުރު ފަރާތު އަތިރިމައްޗާވީ ހިސާބުގައި އޮންނަ ހުސްބިން ސަރަހައްދުގައި ހުރި ގަހެއްގައި އެލުވާފައި ހުރި ޖޯއްޔެއްގައި، ފޯނުން ކޮންމެވެސް ކަމެއް ކުރަން އަލީ ޝިހާމް އޮއްވައި ފެނުނު ކަމަށެވެ.

އެހިސާބުން ބައިސްކަލް ބެހެއްޓުމަށްފަހު، ނިޔާޒު ގޮސް އަލީ ޝިހާމާ އަރާ ހަމަވި ވަގުތު ކަހަލަ ގޮތަކަށް ފެނިގެން "ކަލޭ ދޯ" އޭ ބުނި ވަގުތު، އަލީ ޝިހާމުގެ ކަނާތްފަރާތުން އަރިމައްޗަށް ވާގޮތަށް ހުރެ ކުޑަކޮށް ގުދުވެލުމަށްފަހު ނިޔާޒުގެ ކަނާތުގައި އޮތް ވަޅިން އަލީ ޝިހާމުގެ ހަށިގަނޑަށް ހަމަލާ ދިނީއެވެ. އަދި އަލީ ޝިހާމުގެ ހަށިގަނޑުގެ ހަމަލާދިން ތަނަށް ވަޅި ދޫކޮށްލުމަށްފަހު ދިޔައީއެވެ.

މި ކަން ކުރުމަށްފަހު ގޮސް، ނިޔާޒުގެ މަންމަ އާއި އެވަގުތު ގޭގައި ތިބި އާއިލާ މީހުންގެ ކައިރީގައި އެވާހަކަ ކިޔައިދިނުމަށްފަހު، ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފަރާތަށް ފޯނުކޮށް ވެސް އެވާހަކަ ކިޔައިދިނެވެ.

އެކަމާގުޅިގެން ފުލުހުންނާ ހަވާލުވުމަށް އޭނާގެ މަންބަ ބުނުމުން އެކަން ވިސްނިގެން ނިޔާޒުގެ ޅިޔަނު އަހުމަދު މުޖުތަބާއާ އެކު ތުުލުސްދޫ ޕޮލިސް ސްޓޭޝަނަށް ގޮސް އެވަގުތު އެތަނުގައި ތިބި ފުލުހުން ގާތު ޝިހާމަށް ހަމަލާދިނީ އޭނާ ކަމަށް ބުނެ ނިޔާޒު އިއުތިރާފްވީ ކަމަށްވެސް ބުނެފައިވެއެވެ.