ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބު ގްރީން ސްޓްރީޓްސްއިން ކްލަބު އީގަލްސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ގައުމީ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި ގްރީން ސްޓްރީޓްސްއިން އީގަލްސް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަނުގައި ގްރީނުން ހޯދި ފުރަތަމަ މޮޅެވެ. އެޓީމުން މިރޭގެ މެޗަށް ނުކުތީ ސީޒަނުގެ ލީގުގައި ކުޅުނު ފުރަތަމަ ދެމެޗުންވެސް ބަލިވެފައި އޮވެގެންނެވެ.

މިދިޔަ ދެ ސީޒަނުގައިވެސް ލީގު ތާވަލުގެ ދެވަނައިގައި ނިންމާލި އީގަލްސްއަށް މިހާތަނަށް މި ސީޒަނުގައި މޮޅެއް ހޯދިފައެއް ނުވެއެވެ. ސީޒަން ފެށުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުންވެސް އެޓީމު ބަލިވެފައިވާ އިރު، އޭގެފަހުން ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކައިރިންވީ ބައްޔެވެ. އަދި އެންމެފަހުން ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން އީގަލްސްއަށް ލިބުނީ ޕޮއިންޓެކެވެ.

މެޗު ފެށިގެން ފުރަތަމަ 10 ވަރަކަށް މިނެޓުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، ބޮޑަށް ނުރައްކާކޮށް ފެނުނީ އީގަލްސްއެވެ. އަހުމަދު ރިޒުވާން (ރިޒޭ) އާއި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ގެ ނުރައްކާ މަޑުމަޑުން ފެންނަމުން ދިޔަ ނަމަވެސް، ލީޑު ނެގީ ގްރީނުންނެވެ.

މެޗުގެ 11 ވަނަ މިނެޓުގައި މެދުތެރެއިން، ރިޒުވާން އަތުން ގެއްލިގެން ދިޔަ ބޯޅައާއެކު ގްރީނަށް ލީޑު ނަގައިދިނީ އޮބައިޑާ ހާދިމް އަހުމަދެވެ. އޭނާ އޭރިއާ ތެރެއިން ލިބުނު ބޯޅަ ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ.

އޭގެ އިރުކޮޅެއްފަހުން އިސްމާއީލް އީސަ (މެސީ) އޭރިއާ ތެރެއިން ކޮންޓްރޯލް ކޮށްލި ބޯޅައިގައި ރިޒުވާން ފޮނުވާލި ބޯޅަ ބްލޮކް ވެގެން ބޭރަށް ދިޔަ އިރު، އަނެއްކޮޅުން ގްރީން ވަނީ 31 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ.

އެއީ ކެޕްޓަން ރިލްވާން ވަހީދު ޖަހައިދިން ހިތްގައިމު ގޯލެކެވެ. ސެންޓަ ސާކަލް ތެރެއިން، މެދު ރޮނގަށްވުރެ ކުޑަ ތަންކޮޅެއް ކުރިއަށް ޖެހިލާފައި އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ އީގަލްސް ކީޕަރު މުހައްމަދު އަޝްވާން ބޯމަތިންނެވެ.

1 އޮކްޓޯބަރު 2025، މާލެ، ގްރީންގެ ރިލުވާން ޖެހި ގޯލަށްފަހު އޭނާ އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އޭގެފަހުން ހާފު ނިމުމުގެ ކުރިން އީގަލްސްއިންވެސް ގޯލެއް ޖަހައި ފަރަގު ކުޑަކުރިއެވެ. އީގަލްސްގެ ޖަޕާން ވިންގް، ކަޓްސުޔޯޝީ ކިވިޝީމާ އަރިމަތިން އޭރިއާ ތެރެއަށް ވަދެ، އެތެރެއަށް ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ ސީދާ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

ދެވަނަ ހާފުގައި އީގަލްސްއިން ބޮޑަށް ޕްރެސްކޮށްގެން ކުޅެމުން ދިޔަ އިރު، ގްރީންގެ ކީޕަރު އަހުމަދު ރަމީޒުގެ ރަނގަޅު ސޭވްތަކެއް ފެނިގެން ދިޔައެވެ. ރިޒުވާނާއި ފޭދޫ އިއްބެ ހަމަލާތައް އޭނާ މަތަކުރި އިރު، ކެޕްޓަން ރިލްވާނާއި އިބްރާހީމް ހަސީބް ވަނީ ދެ ފަހަރެއްގެ މަތިން ގޯލް ރޮނގުމަތިން ބޯޅަ ސާފު ކޮށްލައިފައެެވެ.

ގްރީނުން ކުރަމުންދިޔަ ޕްރެޝަރުގައި ރިޒުވާންގެ ގޯލަކުން މެޗު އެއްވަރުކުރި ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ގްރީނުން އަނެއްކާވެސް ގޯލު ޖަހައި މެޗުގެ ލީޑު ނެގިއެވެ. އެ ގޯލްވެސް ޖަހައިދިނީ އޮބައިދާއެވެ.

މިހަފުތާގެ ލީގުގައި ކުޅޭ ފަހު މެޗު މާދަމާ ރޭ އޮންނާނެއެވެ. އެމެޗުގައި އޮޑި ނުކުންނާނީ ވިކްޓްރީއާ ދެކޮޅަށެވެ.