ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ކިލިއަން އެމްބާޕޭގެ ހެޓްރިކުން މޮޅުވި އިރު، ތުރުކީގެ ގަލަޓަސަރާއީން ލިވަޕޫލް ބަލިކޮށްފިއެވެ.

މުޅިން އަލަށް ޗެމްޕިއަންސް ލީގުގައި ކުޅެމުންދާ ކަޒަކިސްތާނުގެ ކައިރާތު އަލްމަޓީ ކައިރިން ރެއާލް ރޭ މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ.

ލީގުގައި އެންމެފަހުން ކުޅުނު މެޗުގައި އެތުލެޓިކޯ ކައިރިން ބަލިވެފައި އޮވެ، އެ މެޗުގެ ހަނދާން ނައްތާލުމަށް ރޭ ރެއާލުން ނުކުތީ ވަރުގަދަ މޮޅެއް ހޯދުމަށެވެ. ފްރާންސް ތަރި އެމްބާޕޭގެ ރަނގަޅު ފޯމާއެކު އެޓީމުން އެކަން ހާސިލް ކުރި އިރު، މަދު ފަހަރެއްގައި ނޫނީ ކައިރާތަށް ރެއާލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ރެއާލުން ލީޑު ނެގީ ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީއަކީ ރެއާލްގެ ޒުވާން ތަރި ފްރޭންކޯ މަސްޓަންޓުއޯނޯއަށް 18 އަހަރުގެ ކީޕަރު ޝެހްރާން ކަލްމުރްޒާ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބުކުރީ އެމްބާޕޭއެވެ.

އޭގެފަހުންވެސް ފުރަތަމަ ހާފުގައި ރެއާލަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ހާފު ނިންމާލަން ޖެހުނީ 1-0 އިންނެވެ.

އެހެން ނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، އެމްބާޕޭ ވަނީ ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެފަހުން ކައިރާތަށް ޕެނަލްޓީއެއް ދިނުމަށްފަހު، ވީއޭއާރް އެހީގައި އެ ޕެނަލްޓީ ކެންސަލް ކުރި އިރު، 73 ވަނަ މިނެޓުގައި އެމްބާޕޭ ހެޓްރިކް ފުރިހަމަ ކުރިއެވެ.

ރެއާލްގެ ފަހު ދެގޯލު ޖެހީ އެޑުއާޑޯ ކަމަވިންގާ އަދި ބްރަހީމް ޑިއާޒެވެ. ބަދަލަކަށް އަރައި ރޮޑްރީގޯ ވަނީ މޮޅަށް ކުޅެފައެވެ.

ލިވަޕޫލުން ރޭ ތުރުކީގައި ކުޅުނު މެޗުގައި ގަލަޓަސަރާއީ ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ 11 ގައި މުހައްމަދު ސަލާހާއި އެލެކްސެންޑާ އިސާކް ނުހިމެނޭ ރޭގެ މެޗަށް ލިވަޕޫލުން ނުކުމެފައިވާ އިރު، މެޗުގެ ހަމައެކަނި ގޯލު ޖެހީ ވިކްޓޯ އޮސީމެންއެވެ. އެއީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

އޮސީމެން ގޯލު ޖަހައި އުފާފާޅުކުރަނީ --- ފޮޓޯ/ ގެޓީ

ލިވަޕޫލަށް މެޗުގައި އިތުރު މާޔޫސްކަމަކާވެސް ކުރިމަތިވިއެވެ. ހޫގޯ އެކެޓީކޭއާއި ކީޕަރު އެލިސަން ބެކާއަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، އަންނ ހަފުތާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގައި އެލިސަންއަށް ނުކުޅެވެނޭކަންވެސް ވަނީ ޔަގީންވެފައެވެ.