ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ޗެލްސީން ކުޅުނު މެޗުން އެޓީމު މޮޅުވި އިރު، ޓޮޓެންހަމްއިން ނޯވޭގެ ބޯޑޯ/ގްލިމްޓް ކައިރިން އެއްވަރުވެއްޖެއެވެ.

ޗެލްސީން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗަކީ އެޓީމަށް ހާއްސަވި މެޗެކެވެ. ޗެލްސީން ރޭ ނުކުތީ މީގެ ކުރިން ދެ ފަހަރަށް ޗެލްސީއަށް ކޯޗުކަން ކޮށްދީ، އެކްލަބާއެކު ތިން ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކުރި ޖޯސޭ މޮރީނިއޯގެ ބެންފިކާއާ ދެކޮޅަށެވެ.

ސަޕޯޓަރުންގެ ފަރާތުން މޮރީނިއޯގެ ހާއްސަ ޗޭންޓް އިވިގެންވެސް ގޮސްފައިވާ އިރު، ޗެލްސީން މެޗުން ހަނި ގޮތަކަށް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މިފަހަރުގެ ލީގު ބުރުގައި ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި ބަޔާން މިއުނިކް ކައިރިން ބަލިވެފައި އޮވެ، ރޭގެ މެޗަށް ނުކުތީ ބަދަލުތަކަކާއެކުގައެވެ. ކޯލް ޕާމާ އަނިޔާގެ ސަބަބުން ކުޅެފައި ނުވާ އިރު، އެޓީމަށް ދިމާވެފައި އޮތް އިތުރު އަނިޔާގެ މައްސަލަތަކާއެކު އިތުުރު ބަދަލުތައް ގެންނަންވެސް ކޯޗު އެންޒޯ މަރެސްކާއަށް ވަނީ މަޖުބޫރުވެފައެވެ.

އެ ހާލަތުގައި އޮވެގެން ޗެލްސީން މެޗު ޑޮމިނޭޓް ކުރަން މަސައްކަތް ކުރި އިރު، ބެންފިކާ ދިޔައީ ރަނގަޅަށް ޕްރެސްކޮށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ކުރީކޮޅުގައި އެޓީމުގެ ރިކާޑް ރިއޯސްގެ އިތުރުން ވަންގެލިސް ޕަވްލިޑީސްއަށް ފުރަތަމަ ކޮޅުގައި ފުރުސަތުތައް ލިބުނު ނަމަވެސް ލީޑު ނެގީ ޗެލްސީންނެވެ.

މެޗުގައި މޮޅަށް ކުޅުނު ޕެޑްރޯ ނެޓޯ، މެޗުގެ 18 ވަނަ މިނެޓުގައި ނަގައިދިން ހުރަސް، އަރިމަތިން އެލެހާންޑްރޯ ގާނާޗޯ އޭރިއާ ތެރެއަށް ޖައްސާލި ވަގުތު ބޯޅަ ގޯލަށް ވަނީ ރިއޯސް ފައިގައި ޖެހި ބައިކޮޅަށެވެ.

އެ ލީޑު ހިފަހައްޓަން ޗެލްސީން މަސައްކަތް ކުރަމުން ދިޔަ އިރު، ދެވަނަ ހާފުގައި ބޮޑަށް ނުރައްކާ ކުރީ ބެންފިކާއިންނެވެ. ޗެލްސީގެ ފަހަތުން މާކް ކުކުރޭޔާއާއި ކީޕަރު ރޮބަޓް ސަންޗޭޒް ރަނގަޅު ބޯޅަތަކެއް މަތަކުރި އިރު، ރޭގެ މެޗުވެސް ޗެލްސީން ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ.

ޗެލްސީން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި އެޓީމުގެ ކުޅުންތެރިޔަކަށް ރަތް ކާޑު ދައްކާފައިވާ އިރު، ރޭގެ މެޗުގެ އިތުރު ވަގުތުގައި ރަތް ކާޑު ދައްކާފައި ވަނީ ބަދަލަކަށް ނުކުތް ޖުއާއޯ ޕެޑްރޯއަށެވެ.

ޓޮޓެންހަމްއިން ނޯވޭގައި ބޯޑޯ/ގްލިމްޓް ކައިރިން އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ބޯޑޯ/ގްލިމްޓްގެ ދެ ގޯލުވެސް ޖެންސް ޕެޓާ ހޭގް ޖަހައިދިން އިރު، ޓޮޓެންހަމްއިން ފަހަތުން އަރައި އެއްވަރުކުރީ މިކީ ވެން ޑެ ވެން ޖެހި ގޯލުގެ އިތުރުން، ޖޮސްޓީން ގުންޑަސަން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

ޓޮޓެންހަމްގެ ފަހު ގޯލަކީ 89 ވަނަ މިނެޓުގައި ޖެހި ގޯލެކެވެ.