ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ޖެންޑާ ފެމިލީއާއި އެޗްޑީސީ، އުރީދޫ އަދި ފުލުހުން ގުޅިގެން 'އިސްރަށްވެހިންގެ ހަވީރު' ބާއްވަން ނިންމައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ އުމުރުން ދުވަސްވީ މީހުންނަށް އާއިލާތަކާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ އެ ހަވީރު ކުރިއަށްދާނީ މާދަމާ ހަވީރު 16:30 ގައި ހުޅުމާލެ ފޭސް-2 'ރުއްގަނޑު 3' ސަރަހައްދުގައި ކަމަށެވެ.

"އެ ހަވީރުގައި، އުމުރުން ދުވަސްވީ މީހުންނާއި އެފަރާތްތަކުގެ އާއިލާތަކަށް އުފާވެރި ހިތްހަމަޖެހޭ މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތައް ކުރިއަށް ގެންދެވޭނެ. މި މިނިސްޓްރީގެ އިސްރަށްވެހީންގެ ނާދީގެ މެންބަރުންގެ ފަރާތުން ވެސް ތަފާތު ހަރަކާތްތައް ދައްކުވައިދޭ ސްޓޯލްތައް ތައްޔާރުކުރެވިފައި ހުންނާނެ." ޖެންޑާއިން ބުންޏެވެ.

އޭގެ އިތުރުން ހިތްހަމަޖެހޭ، އެކުވެރި މާހައުލެއްގައި، އާއިލާތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމަކީ އުމުރުން ދުވަސްވީ ފަރާތްތަކަށް ދެވޭނެ ވަރަށް އަގުހުރި ހަދިޔާއެއް ކަމަށާއި އެހެންކަމުން، އާއިލާގެ އުމުރުން ދުވަސްވީ ފަރާތްތަކާއެކު ވީހާވެސް ގިނަ ފަރާތްތައް އެ ހަވީރުގައި ބައިވެރިވުމަށް ޖެންޑާއިން ވަނީ އެދިފައެވެ.