ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށްފަހު ދެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގުގައި ކުޅޭ މެޗުތަކުގައި ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ ކުޅުން ފެންނާނެ ކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ހަފުތާގެ ކުޅުން ނިމިފައިވާ އިރު، މި ހަފުތާ މެޗުތަކަށް ފަހު، ގައުމީ ޓީމުގެ މެޗުތަކަށް ބްރޭކެއް ނަގާނެއެވެ. ބްރޭކަށްފަހު، ނިއުއިން ކުޅޭނެ ފުރަތަމަ މެޗަކީ، މިމަހު 21 ވަނަ ދުވަހު ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗެވެ.

މިހަފުތާ ބުދަ ދުވަހު ނިއުއިން ކްލަބު ވެލެންސިއާއާ ދެކޮޅަށް ނުކުންނަ އިރު، ޕްރި މެޗު ޕްރެސްގައި ސުޒޭން ބުނީ ދަގަނޑޭ ބޭނުންކުރަން ފެށޭނީ ބްރޭކަށްފަހު ކަމަށެވެ.

"އަޝްފާގު ނިއުއަށް ވަރަށް ބޮޑު ސަޕޯޓެއް ދޭންވެގެން އޭނާ މިވަގުތު ޓީމާ ބައިވެރިވެގެން ކުރިއަށް އެދަނީ. އެހެންނަމަވެސް އޭނާގެ އެބަހުރި އަނިޔާއިން ރަނގަޅުވެ، ކުރަން ޖެހޭ ބައިވަރު މަސައްކަތްތަކެއް. އެ މަސައްކަތް ކުރަމުން އެދަނީވެސް. މި އަންނަ ބްރޭކް (އިންޓަނޭޝަނަލް ބްރޭކް) އަށްފަހު އަޝްފާގަކީ ކޮންމެ މެޗެއްގައިވެސް، ކޮންމެވެސް ވަގުތު ކޮޅެއް ކުޅޭނެ ކުޅުންތެރިޔަކަށްވާނެ އިރާދަކުރެއްވިއްޔާ،" ސުޒޭން ބުންޏެވެ.

އުމުރުން 39 އަހަރުގެ ދަގަނޑޭއަކީ މީގެ ކުރިންވެސް ނިއުއަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެންމެ ފުރަތަމަ 2006 އިން 2007 އަކަށް ނިއުއަށް ކުޅުމަށްފހު، 2012 އިން 2013 އަށް ދަގަނޑޭ ނިއުއަށް ކުޅެފައިވެއެވެ. އަދި އެންމެފަހުން އޭނާ ނިއުގެ ޖާޒީގައި ފެނުނީ 2017 އިން 2018 އަށެވެ.

ނިއުއަށް ކުޅުނު ކޮންމެ ފަހަރެއްގައި ވެސް ދަގަނޑޭ ވަނީ އެ ކްލަބާއެކު ކާމިޔާބީތައް ހޯދައިފައެވެ. އެގޮތުން 2006، 2012، 2013 އަދި 2017 ވަނަ އަހަރު ދަގަނޑޭ ވަނީ ނިއުއާ އެކު ލީގުވެސް ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން އޭއެފްސީ ކަޕްގައިވެސް ދަގަނޑޭ ވަނީ ނިއުގެ ޖާޒީގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ ދަގަނޑޭ ފުޓުބޯޅައަށް އެނބުރި އަންނަން ތައްޔާރު ވަނީ ސާޖަރީއަކަށްފަހުއެވެ. ކަކުލުގެ ސާޖަރީއަކަށްފަހު ދަގަނޑޭ އެނބުރި ކުޅުމަށް އަންނަން ތައްޔާރުވަމުންދާ އިރު، އޭނާގެ ކަކުލަށް އަނިޔާވީ 2023 ވަނަ އަހަރު ޕްރެސިޑެންޓްސް ކަޕުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އަށް ކުޅެނިކޮށެވެ.