ދިވެހި ފުޓުބޯޅައަށް މިދިޔަ ދެތިން އަހަރު ތެރޭގައި އައި ހުއްޓުމަކީ ވަރަށް ބޮޑަށް މާޔޫސްވާން ޖެހުނު ހުއްޓުމެއް ނަމަވެސް، އަލުން ލީގު ފެށިއިރު ވަރުގަދަކޮށް ލީގު ފެށުމަކީ ލިބުނު އުފަލެއް ކަމަށާއި، އެ ބްރޭކުގައި ފުޓުބޯޅަ ހިފަހައްޓައިދިނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
ލީގުގެ ދެ ހަފުތާ ކުޅުން ނިމުނު އިރު، ނިއު ރޭޑިއަންޓުން ވަނީ ކުޅުނު ދެމެޗުންވެސް މޮޅުވެފައެވެ. ނިއު މިފަހަރު ފުރަތަމަ ޑިވިޝަނަށް ނުކުތީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަން ދޫކޮށްލުމުން އެ ޖާގައަށެވެ. އެ ޖާގަ ނިއުއަށް ދޭން އެފްއޭއެމްއިން ނިންމީ، ވަކި ކަންތައްތަކަކަށް ބެލުމަށްފަހުއެވެ.
އެ ޖާގަ ރަސްމީކޮށް ނިއުއަށް ނުލިބެނީސް އެޓީމުން ސްކޮޑު ވަރުގަދަކޮށް، ކޯޗަކަށް ސުޒޭންވެސް ހަމަޖައްސާފައިވެއެވެ. މިއަދު ބޭއްވި ޕްރި މެޗު ޕްރެސްގައި ނިއުގެ ކޯޗު ސުޒޭން ބުނީ ނިއު ދެވަނަ ޑިވިޝަނުގައި އޮތް ނަމަވެސް، ހަވާލުވާން ތައްޔާރަށް ހުރި ކަމަށެވެ.
"ގައުމީ ޓީމުގައި އޭރުގައި ހުރެފައި، ފުޓުބޯޅައާ އެއްކޮށް ދުރަށް ދިޔައީކީ ނޫން. ފުޓުބޯޅައިގައި މަސައްކަތް ކުރުމުގެ ވިސްނުމުގައި ހުއްޓައި ނިއުއިން ޕްރޮޕޯސަލް ލިބުމާއެކު ވިސްނިން އެކަމަށް. ވިސްނިއިރު ނިއު ދެވަނަ ޑިވިޝަނުގައި އޮތަސް، ނިއު ފުރަތަމަ ޑިވިޝަނުގައި ކުޅޭކަމަށް ބައިވެރި ރަނގަޅު ޕޮސިޓިވް ވާހަކަތައް ހުރި. އެކަންކަމަށް ބަލާފައި ނިންމި ނިންމުން ނިންމީ. ދެން ނިއު ދެވަނަ ޑިވިޝަނުގައި ކުޅެން ޖެހުނު ނަމަވެސް، އެއީ ނުނަގާނެ ޗެލެންޖެއް ނޫން. އެ ޗެލެންޖްތައް ނަގައިގެން ތަފާތު ތަޖުރިބާތައް ކުރެވޭނީ. މިއީ ގަލޮޅު ދަނޑުގައި އަޅުގަނޑުގެ 40 ވަނަ ސީޒަން. އެހެންވީމަ ދެވަނަ ޑިވިޝަނަށް ނުކުތުންވެސް އެއީ މައްސަލައެއް ނޫން ކަމަށް ދެކެނީ،" ކުރިން ގައުމީ ސީނިއާ ޓީމުގެ ކޯޗަކަށް ހުރި ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ އޭނާ ހަވާލުވިއިރު ނިއުގެ ފޯކަސް ގެންދަން ބޭނުންވި މިސްރާބަށް އެބަ ގެންދެވޭ ކަމަށާއި، މިދިޔަ ދެ މެޗުންވެސް ރަނގަޅު ކަންތައްތަކެއް ފެނުނު ކަމަށެވެ.
އެންމެފަހުން ނިއު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީ ކައިރިން ބަލިވި އިރު، އެމެޗުގައި އިދިކޮޅު ޓީމުން ނިއުގެ ފޯވަޑް ލައިން ހިފެހެއްޓުމަށް ކުރި މަސައްކަތާ ގުޅޭ ގޮތުން ސުޒޭން ބުނީ މިފަހަރުގެ ސީޒަނުގައި ގިނަ ކްލަބުތަކަކުން ވަރުގަދަ ކަމަށެވެ. ސުޒޭން ބުނީ ލީގުގައި ހަތް ވަރަކަށް ޓީމު ވަރުގަދަ ކަމަށާއި، ނިއުއާ ދެކޮޅަށް ކުޅޭއިރުވެސް އޭގެން އެއްވެސް ޓީމަކުން ފަހަތަށް ޖެހި ޑިފެންސް ކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
އެވާހަކައިގެ ތެރެއިން ސުޒޭން ފާހަގަކުރީ އޮޑި ސްޕޯޓްސް ކްލަބުވެސް ވަރުގަދަ ކަމަށާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަކީ މިދިޔަ ދެތިން އަހަރު ފުޓުބޯޅައިގެ ވެންޓިލޭޓަރު ކަމަށެވެ.
"އޮޑި މި ފެންނަނީ ވަރުގަދަކޮށް. ދެން މާޒިޔާއަކީ މިދިޔަ ދެތިން އަހަރުވެސް ކުޅެމުން ދިޔަ ޓީމު. ރާއްޖޭގެ ފުޓުބޯޅަ އައިސީޔޫގައި އޮތް އިރު، ވެންޓިލޭޓަރަކީ މާޒިޔާ ކަމަށް ބަލަމާ ހިނގާ. އޭރު މާޒިޔާއިން ހުއްޓާނުލައި ކުޅުމުގެ ސަބަބުން ގައުމީ ޓީމު ހިމެފެހެއްޓުނީ. ދެން ބުރުވެސް އެހެން ކްލަބުތައްވެސް މި ފެންނަނީ ވަރަށް ވަރުގަދަކޮށް،" ސުޒޭން ބުންޏެވެ.
ސުޒޭން ފާހަގަކުރީ ލީގު އަލުން ފެށިގެން އައިއިރު، ވާދަވެރިވެ ރަނގަޅު މެޗުތަކެއް ކުޅުމަކީ ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށާއި، ލީގުގެ ވާދަވެރިކަން ފެންނަނީ ކުރިއަށްވުރެ ރަނގަޅަށް ކަމަށެވެ.
އޭގެ އިތުރުން ބުނީ، ޓީމުތަކުން ބިދޭސީ ކޯޗުން ފެނުމަކީ ކުރިއެރުމެއް ކަމަށާއި، އެ ކޯޗުންގެ ފަރާތުން ދިވެހި ކޯޗުންނަށް ތަޖުރިބާތަކެއް ހޯދޭނެ ކަމަށެވެ.
އަލީ ސުޒެއިން
އަލީ ސުޒެއިން
އަލީ ސުޒެއިން
އަލީ ސުޒެއިން