މިހަފުތާގެ ލަ ލީގާގައި ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑް ކައިރިން ބަލިވެފައި އޮތުމުން އެ ބަލީގެ ފައިދާ ނަގައިގެން ބާސެލޯނާ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ބާސާއިން ތާވަލުގެ އެއްވަނައަށް އެރީ ރޭ އަމިއްލަ ދަނޑުގައި ފަހަތުން އަރައި، 2-1 ގެ ނަތީޖާއަކުން ރެއާލް ސޮސިއެދާދު ބަލިކޮށްގެންނެވެ.
ބާސާއިން މިހާތަނަށް ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައި ނުވާ އިރު، އެޓީމަށް ވަނީ 19 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ރެއާލަށް ހަތް މެޗުން 18 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު ބަލިވީ އެއް މެޗުންނެވެ.
އަނިޔާއިން އެނބުރި އައިސް ލަމީން ޔަމާލް ރޭގެ މެޗުގައި ތަފާތު ދައްކާފައިވާ އިރު، ދެވަނަ ގޯލަށް އެސިސްޓް ކޮށްދިނީވެސް އޭނާއެވެ. ރޭގެ މެޗަށް ޔަމާލް ނުކުތީ އިންޓަނޭޝަނަލް ބްރޭކް ކުރިން އުކުޅުވަޅަށް ލިބުނު އަނިޔާއިން ރަނގަޅު ވެގެންނެވެ.
ބާސާ ކޮޅަށް މެޗުގެ ފުރަތަމަ ހާފުގައި ގޯލް ވަދެފައިވެއެވެ. އެންޑާ ބަރެނެޓްޒެއާގެ ހުރަހަކުން ސޮސިއެދާދަށް ގޯލް ޖަހައިދިނީ އަލްވާރޯ އޮޑްރިއޮޒޯލާއެވެ. އެއީ ޖޫލްސް ކޫންޑޭގެ ގޯހަކުން ޖެހި ގޯލަކުންނެވެ.
ކޫންޑޭގެ އެ ގޯހަށް އޭނާ ފަހުން ރައްދު ދިނެވެ. ހާފު ނިމުމުގެ ދެ މިނެޓް ކުރިން މާކަސް ރަޝްފޯޑު ނަގައިދިން ކޯނަރު އޭނާ ބޮލުން ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ.
އެ ގޯލާއެކު ނަތީޖާ އެއްވަރުވެގެން ފުރަތަމަ ހާފު ނިމިފައި އޮއްވައި، ޔަމާލްގެ އެސިސްޓިން ދެވަނަ ހާފުގައި ބާސާގެ ގޯލް ޖަހައިދިނީ ރޮބާޓް ލެވަންޑޯސްކީއެވެ.
އުމުރުން 18 އަހަރުގެ ޔަމާލް މިދިޔަ ސީޒަނުން ފެށިގެން މިހާތަނަށް ބާސާއށް 24 އެސިސްޓް ފުރިހަމަކޮށްފައިވެއެވެ. އެއީ ޔޫރަޕްގައިވެސް ފާހަގަކޮށްލެވޭ އަދަދެކެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ