ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގި ކޮރަޕްޝަންގެ މައްސަލަތަކުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަނު ނުހުންނެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފެނަކައިގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް، ދާދި ފަހުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އޮޑިޓް ރިޕޯޓެއް އާންމުކޮށްފައިވާ އިރު، އެކަމާ ގުޅޭގޮތުން ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ 2021 ވަނަ އަހަރު އޭސީސީގެ އޭރުގެ ރައީސް ވެސް ވަނީ ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތައް ރައީސް ސޯލިހުގެ ސަމާލުކަމަށް ގެންނެވުމަށް ސިޓީއެއް ފޮނުއްވާފައި ކަމަށެވެ.

"އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބީރުކަންފަތެއް ދެއްވިކަން މިއަދު މި އެނގެނީ އެކަމަށް ފިޔަވަޅު ނާޅުއްވާ އޮތީމަ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަށް އެބަޖެހޭ ބަސްފުޅު ވިދާޅުވާން، ހަނު ހުންނެވޭނެ ކަހަލަ މައްސަލައެއް ނޫން މިއީކީ،" މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ގޯހެއް ހެއްދެވި އިރު، ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އައިސް ނެތިއްޔާ ކުރާނެ ކަމެއް ނެތް ނަމަވެސް، ލިޔެކިޔުމުން އެކަން ރައީސް ސޯލިހުގެ ސަމާލުކަމަށް އޮތީ ގެންނަވާފައި ކަމަށެވެ. ފެނަކައިގެ ކޮރަޕްޝަނަށް ސަރުކާރުން ސަމާލުވާން ޖެހޭކަމާއި، އެގޮތަށް ހިނގަން ދޫކޮށްނުލުމަށް އޭސީސީގެ އޭރުގެ ރައީސް ސިޓީއަކުން ދަންނަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ފެނަކައިގެ އޭރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވެސް އެ ކުންފުނީގައި ހިންގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް ސޯލިހުގެ ސަމާލުކަމަށް ގެންނެވި ކަމަށާއި އޭރު މެނޭޖިން ޑިރެކްޓަރުގެ އަމަލުތައް ފެނަކައިގެ ތެރޭގައި ވަރަށް ގޯސްކަމާއި ވައްކަން އިތުރުވާކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބޮޑުވާކަން ފާހަގަކުރެއްވި ކަމަށް ސައީދު ވިދާޅުވިއެވެ.

"އޭރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހަމަ ސިޓީއަކުން ދެންނެވިކަމަށް މިވަނީ. ދެންނެވީމަ ރައީސް ސޯލިހު އަމަލުކުރެއްވި ގޮތަކީ، އެ ވާހަކަ ވިދާޅުވި ބޭފުޅާ ގެނެސް ރައީސް އޮފީހަށް ބަދަލުކޮށްފައި، ހަމަ މެނޭޖިން ޑިރެކްޓަރު ބާރުގަދަ ކުރެއްވީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ފެނަކައިގެ އެ ހުރިހާ މައްސަލަތަކެއް ހިނގައިގެންދިޔައީ ރައީސް ސޯލިހަށް އެނގިވަޑައިގެންކަން، އެ ހުރިހާ ކަމަކުން އެނގިގެންދާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުން ބޮޑެތި ކޮރަޕްޝަންތަކެއް ވަނީ ފާހަގަވެފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު އޭރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސައީދުގެ އާއިލީ ތިން ކުންފުންޏަށް ޖުމްލަ 49.7 މިިލިއަން ރުފިޔާގެ ކޮންޓްރެކްޓް މަސައްކަތް ދީފައިވެއެެވެ.

ފެނަކައިން މަޝްރޫއުތަކާ ގުޅުން ހުރި ހަރަދުތައް ކުރުމުގެ ނަމުގައި 26 މިލިއަން ރުފިޔާ އެކައުންޓްތަކަށް ޖަމާކޮށްފައިވާ އިރު، އެ ފައިސާގެ ތެރެއިން 21 މިލިއަން ޖަމާކޮށްފައިވަނީ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ކަމަށާއި އަދި ނަގުދު ފައިސާގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

އޭގެ އިތުރުން ބިޑަކަށް ހުޅުވައި ނުލައި އަދި އެއްބަސްވުމެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެ ހިއްސާ އޮންނަ ސިރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ އަތުން ފެނަކައަށް 112 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެ އޮޑިޓް ރިޕޯޓާ ގުޅިގެން ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ސައީދު މިއަދު ވިދާޅުވެފައިވަނީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ކޯޕަރޭޝަންގެ ބޭނުމަށް ކުރެވިފައިވާ އެންމެހައި ޕްރޮކިއުމަންޓް މުޢާމަލާތްތައް ކުރިއަށް ގެންގޮސްފައިވާނީ ކުންފުނީގެ އެތެރޭގައި ހެދިފައިވާ އެންމެހައި އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ކުންފުނީގެ ބޯޑުން އެކަށައަޅާފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ސައީދު ހަތަރު އަހަރު ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

އެ މައްސަލައަކީ، 2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް 2019 ވަނަ އަހަރު ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ މައްސަލައިގައި ސައީދުގެ މައްޗަށް 26 ޑިސެމްބަރު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި އެ އަމަލުގެ ސަބަބުން ފެނަކަ ކޯޕަރޭޝަނަށް ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ.