ސްޕެނިޝް ލީގުގައި މިރޭ ކުޅުނު މެޑްރިޑް ޑާބީގައި އެތުލެޓިކޯ މެޑްރިޑުން ރެއާލް މެޑްރިޑްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ފޯރިގަދަކޮށް ފެނިގެން ދިޔަ މެޑްރިޑް ޑާބީގައި އެތުލެޓިކޯއިން ރެއާލް ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. ރެއާލުން މިރޭގެ މެޗާ ހަމައަށް އައީ ލީގުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވަމުންނެވެ.
އެޓީމުން މިހާތަނަށް ކުޅުނު ހަތް މެޗުން 18 ޕޮއިންޓް ލިބޮފައިވާ އިރު، އަދިވެސް އޮތީ އެއްވަނައިގައެވެ. އެހެން ނަމަވެސް ދެވަނައިގައި އޮތް ބާސެލޯނާއަށް މިހާރު ވަނީ އެއްވަނައަށް އަރަން ފުރުސަތު ލިބިފައެވެ. އެއީ ވާސާއަށް ހަ މެޗުން 16 ޕޮއިންޓް ލިބިފައިވާތީއެވެ. މިރޭގެ މެޗުން މޮޅުވެ، އެތުލެޓިކޯ ވަނީ ހަތަރު ވަނައަށް ޖެހިލައިފައެވެ. އެއީ ހަތް މެޗުން 12 ޕޮއިންޓާއެކުގައެވެ.
އެތުލެޓިކޯއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ލީޑު ނެގީ 14 ވަނަ މިނެޓުގައެވެ. އެ ގޯލު ޖަހައިދިނީ ރޮބިން ލެ ނޯމާންޑެވެ. އޭނާ ބޮލުން ޖެހި ގޯލާއެކު ރެއާލަށް ސިހުން ގެނުވި ނަމަވެސް، އޭގެފަހުން ކިލިއަން އެމްބާޕޭއާއި އާދާ ގުލާ ޖެހި ގޯލުތަކުން ރެއާލް ނަތީޖާ އަނބުރާލިއެވެ.
އެފަހުންވެސް ރެއާލަށް ހިންދެމިލުމަށް ފުރުސަތެއް ނުދީ އެތުލެޓިކޯއިން ނުރައްކާ ކުރިމަތިކޮށްފައިވާ އިރު، އެލެކްސެންޑާ ސޯލޯތު ޖެހި ގޯލުން މެޗު އެއްވަރުކުރިއެވެ.
ދެ ވަަނަ ހާފުގެ ކުުޅުން ފަށައިގެން ހަ މިނިޓް ތެރޭގައި ޕެނަލްޓީ އަކުން އެތުލެޓިކޯގެ ޖޫލިއަން އަލްވަރޭޒް، އެޓީމަށް ފަހަތުން އަރައި ލީޑު ނަގައިދީފައިވާ އިރު، ދެންވެސް ފެނުނީ އޭނާގެ ޖާދުލެވެ. މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމެއްގައި އަލްވަރޭޒް ވަނީ އެތުލެޓިކޯއަށް ހިންދެމިލަން ފުރުސަތު ދީފައެވެ.
އެތުލެޓިކޯއިން ފަހު ހާފުގައި މޮޅެއް ކުޅެފައިވާ އިރު، އެޓީމުން ތިން ޕޮއިންޓް ޔަގީންކުރީ އެންޓޮއިން ގްރީޒްމަން ޖެހި ގޯލާވެސް އެކުގައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ