ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓްސް ސްޕޯޓްސް ކްލަބުން ކުޅުނު ދެވަނަ މެޗުގައި ރޭ ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްފިއެވެ.

ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީ ކައިރިން ނިއު މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. 2019 ވަނަ އަހަރު ނިއު ސަސްޕެންޑް ކޮށްފައިވާ އިރު، އޭގެ ފަހުން ކުޅުމަށް އެނބުރި ނުކުތީ 2022 ވަނަ އަހަރުއެވެ. އޭގެފަހުން ދެފަހަރު ދެވަނަ ޑިވިޝަން ކުޅުނު ނަމަވެސް ނިއު ޕްރޮމޯޓްވެފައެއް ނުވެއެވެ.

މިފަހަރު ނިއު ލީގަށް ނުކުތީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަން ދޫކޮށްލުމުން، އެޓީމުގެ ބަދަލުގައެވެ.

ރޭގެ މެޗަށް ނުކުތް އިރު، ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު ކައިރިން 6-0 އިން ނިއު މޮޅުވި އިރު، ޔޫވީން ކުޅުނު ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބު ކައިރިން ބަލިވީ 4-0 އިންނެވެ.

ރޭގެ މެޗަކީ ކޯޗުންނަށްވެސް ހާއްސަވި ކުރިމަތިލުމެކެވެ. މި ސީޒަނަށް ނިއުގެ ކޯޗަކަށް ނުކުމެފައި ވަނީ އަލީ ސުޒޭނެވެ. ރޭގެ މެޗުގައި އޭނާއާ އިދިކޮޅަށް ޔުނައިޓެޑް ވިކްޓްރީއަށް އިރުޝާދު ދީފައި ވަނީ ސުޒޭންގެ ކޮއްކޮ، މުހައްމަދު ނަޒީހެވެ.

25 ސެޕްޓެމްބަރު 2025، މާލެ، ނިއު ރޭޑިއަންޓާއި ޔުނައިޓެޑް ވިކްޓްރީ ރޭ ކުޅުނު މެޗުގައި ކޯޗު އަލީ ސުޒޭން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިފައި ނުވާ އިރު، ދެވަނަ ހާފުގެ ތެރޭގައި ނިއުގެ ފުރަތަމަ ގޯލު ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ރޭގެ މެޗުގައި ގޯލު ޖެހީވެސް ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ސެންޓޭގެ ހިލޭ ޖެހުމެއް ފެނިގެން ގޮސްފައިވާ އިރު، ރޭގެ މެޗުގައިވެސް އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުކޮށްލީ ސީދާ ކަނަށެވެ.

މެޗުގައި ޔޫވީގެ ފޯވާޑް ޝަނާން ރަޝާދާއި ބަދަލަކަށް ކުޅެން އެރި އިޝްއާފް މުހައްމަދު ފިރާގަށް ފުރުސަތުތައް ލިބި ބޭކާރުވި އިރު، ނިއުގެ ދެވަނަ ގޯލު ޖެހީ ގޯމޭސް ޑަ ސިލްވާއެވެ.

ޑަ ސިލްވާ ބޮލުން ގޯލަށް ޖެހީ އޭރިއާ ތެރެއަށް ހަސަން ރާއިފް އަހުމަދު (ހަންނަ) ނަގައިދިން ބޯޅައަކުންނެވެ.