ޑުބާއީގައި ކުރިއަށްދާ އޭޝިއާ ކަޕްގެ ސުޕަ 4 ބުރުގައި ރޭ ކުޅުނު މެޗުގައި ބަންލްގްލަދޭޝް ބަލިކޮށް، އިންޑިއާއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޑުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުރިއަށްދިޔަ މެޗުގައި އިންޑިއާއިން ބަންގްލަދޭޝް ބަލިކުރީ 41 ލަނޑުންނެވެ.
ގަދަ ހަތަރެއްގެ ބުރުގައި އިންޑިއާއިން މިހާތަނަށް ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް، އެޓީމުން ފައިނަލްގެ ޖާގަ ޔަގީންކޮށްފައިވާ އިރު، ސްރީ ލަންކާ ވަނީ ކަޓައިފައެވެ. ޕާކިސްތާނާއި ބަންގްލަދޭޝް ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި އޮތް އިރު، ދެން ފައިނަލަށް ދާ ޓީމު އެނގޭނީ އެ ދެޓީމު ވާދަކުރާ މެޗަށްފަހުއެވެ. ގަދަ ހަތަރެއްގެ ބުރުގައި އިންޑިއާއަށް އަދި ބާކީ މެޗެއް އެބައޮތެވެ. އެމެޗުގައި އިންޑިއާ ނުކުންނާނީ ކަޓާފައި އޮތް ސްރީ ލަންކާއާ ދެކޮޅަށެވެ.
ރޭގެ މެޗުގައި ޓޮސް ދިމާވީ ބަންގްލަދޭޝްއަށެވެ. އެޓީމުން ނިންމީ ހޮވާށެވެ. އިންޑިއާއިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 168 ލަނޑު ހެދި އިރު، އަބީޝޭކް ޝަރުމާ ވަނީ 37 ބޯޅައިން 75 ލަނޑު ހަދާފައެވެ.
އަބީޝޭކް ރަނގަޅު ފޯމެއްގައި ކުޅެމުންދާ އިރު، އޭނާ ވަނީ މިހާތަނަށް 248 ލަނޑު ހަދައިފައެވެ. އަބީޝޭކަކީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާވެސް މެއެވެ.
ބަންގްލަދޭޝްއަށް އެންމެ ރަނގަޅަށް އުކި، ރިޝާދު ހޮސޭން މެޗުގައި ދެ ވިކެޓް ނެގިއެވެ.
ޖަވާބުގައި ކުޅެން އަރައި، ބަންގްލަދޭޝަށް 19.3 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 127 ލަނޑެވެ. އެޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 51 ބޯޅައިން 69 ލަނޑު ހެދި ސައިފް ހަސަނެވެ.
މެޗުގައި އިންޑިއާގެ ކުލްދީޕް ޔާދަވް ތިން ވިކެޓް ނެގި އިރު، ޖަސްޕްރީތު ބުމްރާއާއި ވަރުން ޗަކްރަވަރުތީ، ކޮންމެ ކުޅުންތެރިއަކު ދެވިކެޓް ނެގިއެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް