ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

އެންމެފަހުން ރާއްޖޭގައި ފުރިހަމަކުރި 2023 ވަނަ އަހަރުގެ ލީގު ސީޒަން ކާމިޔާބުކުރި މާޒިޔާއަކީ 2019-20 ވަނަ އަހަަރު ސީޒަނަށްފަހު ކޮންމެ ފަހަރަކުވެސް ލީގު ޗެމްޕިއަނުންނެވެ. އޭގެ އިތުރުން ފުޓުބޯޅަ މެދުކެނޑިފައި އޮތް ދުވަސްތަކުގައި އެފްއޭއެމްއިން ރޭވި އެފްއޭއެމް ލީގު ކަޕުގެ ޗެމްޕިއަންކަންވެސް މާޒިޔާއިން ނަގާފައިވާ އިރު، މިހާތަނަށް މި ސީޒަނުގައި ކުޅުނު ހުރިހާ މެޗަކުންވެސް އެޓީމު ވަނީ މޮޅުވެފައެވެ.

ރޭ ގައުމީ ދަނޑުގައި މާޒިޔާއިން ޓީސީ ބަލިކުރީ 3-0 އިންނެވެ. އެމެޗަށް މާޒިޔާ ނުކުތީ ފުރަތަމަ މެޗުގައި ކްލަބު އީގަލްސް ބަލިކޮށްފައި އޮވެގެންނެވެ. އަނެއްކޮޅުން ޓީސީން ރޭގެ މެޗަށް ނުކުތީ ފުރަތަމަ ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ނިއު ރޭޑިއަންޓް ކައިރިން ބަލިވެފައި އޮވެގެންނެވެ.

ރޭ ކުޅުނު މެޗުގައިވެސް މާގިނައިރެއް ނުވެ، މާޒިޔާއިން ވަނީ މެޗުގެ ކޮންޓްރޯލް ނަގައި، ލީޑުވެސް ނަގައިފައެވެ. އަށްވަނަ މިނެޓުގައި އެ ގޯލު ޖެހީ ސާޖިއޯ މެންޑިގޫޝިއާ އިގްލޭސިއަސްއެވެ. ކުރިން އިންޑިއާ ލީގުގައިވެސް ކުޅެފައިވާ ފޯވަޑް މެންޑީ އެ ގޯލު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ހުރަހަކުން ބޮލުންނެވެ.

އޭގެފަހުން މާޒިޔާއިން އިތުރު ގޯލަކަށް ކުރި މަސައްކަތުގައި ޓީސީގެ ޑިފެންސް ވަރުގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މެޗުގެ ދެވަނަ ގޯލެއް ފެނިފައި ވަނީ 43 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ހަމްޕުގެ ބޯޅައަކުން ހަސަން ނަޒީމް (ޗޯޓު) ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ ފަހުކޮޅުގައި މާޒިޔާއިން ކާމިޔާބުކުރި ތިންވަނަ ގޯލަކީ ޒުވާން ދެ ކުޅުންތެރިންގެ މަސައްކަތުން ކާމިޔާބުކުރި ގޯލެކެވެ. އުމުރުން 16 އަހަރުގެ ފޯވަޑް މުހައްމަދު އިލާން އިމްރާން ގޯލު ޖެހި އިރު، އެ ގޯލަށް ފުރުސަތު ތަނަވަސް ކޮށްދިނީ ނައްސާހު އިބްރާހިމް ނާސިރެވެ.

ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސްއާއި ވިކްޓްރީ ސްޕޯޓްސް ކްލަބު ވާދަކުރާ އިރު، މިރޭ ޔުނައިޓެޑް ވިކްޓަރީން ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.