ތ. ވޭމަންޑޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ތ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އެމްޓީސީސީން ބުނީ ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ 1270 މީހުންގެ އާބާދީއެއް އޮންނަ ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ރަށުން ގޯތި ދޭނެ އިތުރު ޖާގަ ތަނަވަސްވެގެންދާނެ ކަމަށާއި ސިނާއީ މަސައްކަތްކުރުމަށް ވެސް ރަށުން ޖާގަ ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި ރަށަށް އިގުތިސާދީގޮތުންނާއި އިޖުތިމާއީގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ވޭމަންޑޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، އެ ރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމާއި، ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުވެ، ރައްޔިތުންނަށް އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 15.40 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 819 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްކުރާނެއެވެ. އެ މަޝްރޫއަކީ 113.19 މިލިއަން ރުފިޔާއަށް 270 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ވޭމަންޑޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 55،255 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނުމާއި، 25 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 236 މީޓަރުގެ ސަރަހައްދެއްގައި ކުރީގެ ބޭރުތޮށި މަރާމާތުކުރުމާއި، 210 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮއްޓެއް ލުމާއި، 260 މީޓަރުގެ ސަރަހައްދެއްގައި ދެ މީޓަރު ފުޅާ ބުރިޖެއް ހެދުމާއި، 2،480 މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްކުރާނެއެވެ. އެ މަޝްރޫއަކީ 53 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.