ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު އީގަލްސްއާއި ބުރު ސްޕޯޓްސް ކްލަބު ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މިއަދު ހަވީރު ގައުމީ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަށް ނުކުތްއިރު އީގަލްސް އޮތީ ފުރަތަމަ ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކައިރިން ބަލިވެފައެވެ. އަނެއްކޮޅުން ބުރުން ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބު ކައިރިން ތަފާތު ބޮޑު މޮޅެއް ހޯދައިފައެވެ.
މިއަދުގެ މެޗު އީގަލްސްއިން ރަނގަޅަށް ފަށާފައިވާ އިރު، ކުރީކޮޅުގައި އަހުމަދު ރިޒުވާން (ރިޒޭ) އޭރިއާ ތެރެއަށް ނަގައިދިން ބޯޅައިގައި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ނަމަވެސް ދިޔައީ ބޭރަށެވެ. އޭގެ ތިން މިނެޓް ފަހުން، މެޗުގެ ހަވަނަ މިނެޓުގައި އީގަލްސްއިން ލީޑު ނެގިއެވެ.
ދުރުން ރިޒޭ ފޮނުވާލި ހަމަލާ، ބުރުގެ ކީޕަރު މުހައްމަދު ފައިސަލް މަތަކުރުމުން ރީބައުންސް ބޯޅައިގައި ގޯލް ކާމިޔާބުކުރީ ފޭދޫ އިއްބެއެވެ.
އޭގެފަހުން ބުރުން ނުރައްކާ ކޮށްފައިވާ އިރު، ހުޑްސަން ޑިއާސް ޑެ ޖީސަސް ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފައެވެ. އަދި އަބްދުﷲ ޔާމީން އޭރިއާ ބޭރުން ފޮނުވާލި ހަަމަލާ ގޯލަށް އަމާޒުނުވެ ދިޔައީ ބޭރަށެވެ.
އެ ހަމަލާތަކަށްފަހު އަނެއްކާވެސް ފެނުނީ އީގަލްސްއިން ގޯލެއް ޖެހިތަނެވެ. 20 ވަނަ މިނެޓުގައި އެ ގޯލުވެސް ޖެހީ ފޭދޫ އިއްބެއެވެ. ހިލޭ ޖެހުމެއް އޭރިއާ ތެރެއިން ކޮންޓްރޯލް ކޮށްލާފައި އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ.
ދެ ގޯލުގެ ލީޑެއްގައި އީގަލްސްއިން ހާފު ނިންމާލަން ދަނިކޮށް، ބުރުން ނަތީޖާގެ ފަރަގު ކުޑަކުރީ 38 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. މުހައްމަދު ނާއިމް ދުރުން ފޮނުވާލި ހިލޭ ޖެހުން އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.
އެ ގޯލާއެކު އުންމީދު ހޯދައި، ބުރުން މެޗުން ހޯދި ޕޮއިންޓް ޔަގީންކުރީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީގައެވެ. މެޗުގެ 57 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ހުޑްސަން ޖައްސާލި ބޯޅައިގައި ނާއިމް މަސައްކަތް ކުރުމުގެ ތެރެއިން އޭނާއަށް ކުރި ފައުލަށް ދިން ޕެނަލްޓީ ގޯލަށް ވައްދާލީ އަބްދުﷲ ޖުނައިދު (ޖޭއްނެ) އެވެ.
ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭ 9:00 ގައި އޮންނަ މެޗުގައި މާޒިޔާ ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު