އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބޭނުންވާނަމަ، އަލުން ޓޮޓެންހަމްއަށް އަންނަވީ ކަމަށް ކޯޗު ތޯމަސް ފްރޭންކް ބުނެފިއެވެ.

ކޭންއަކީ ޓޮޓެންހަމްގެ ތާރީހުގައިވެސް އެކްލަބަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 435 މެޗުން 280 ގޯލު ޖަހައިދީފައެވެ. ތަށި ނުލިބި ގިނަ ދުވަސްތަކެއްވުމުން، ކެރިއަރުގައި އިތުރު ކާމިޔާބީތަކެއް ހޯދަން ކޭން ބަޔާން މިއުނިކަށް ބަދަލުވީ 2023 ވަނަ އަހަރުއެވެ.

އޭގެފަހުން ބަޔާނަށް ކޭން ދަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ފުރަތަމަ ސީޒަނުގައިވެސް އޭނާ ވަނީ 32 މެޗުން 36 ގޯލު ޖަހައިދީ ޔޫރަޕްގެ ރަން ބޫޓުވެސް ހޯދައިފައެވެ. އޭގެފަހުން މިދިޔަ ސީޒަނުގައި 41 ގޯލު ޖަހައި ރެކޯޑު ހެދި އިރު، މިހާތަނަށް މި ސީޒަނުގައިވެސް އޭނާ ވަނީ ހަތް މެޗުން 13 ގޯލު ޖަހައިފައެވެ.

ކޭން ކުރިން ކުޅުނު ޓޮޓެންހަމްއިން އާ ކޯޗު ތޯމަސް ފްރޭންކާއެކު ރަނގަޅު ޓްރާންސްފާތަކެއް ކޮށް މިސީޒަނަށް ތައްޔާރުވެފައިވާ އިރު، އެ ކްލަބަށް ކޭން އަލުން ބަދަލުވެދާނެ ކަމަށް ބައެއް ނޫސްތައް ވަނީ ބުނެފައެވެ.

"އަހަންނަށް އެނގޭ ޓޮޓެންހަމްގެ ގިނަ ސަޕޯޓަރުންތަކެއްގެ އިތުރުން، އަހަރެންވެސް ބޭނުން ކޭން އަލުން ކްލަބާ ގުޅެން. ކޭން ބޭނުންވާނަމަ، އޭނާއަށް އަލުން މަރުހަބާ ކިޔަން މި ކްލަބުން އަބަދުވެސް ތައްޔާރުވާނެ،" ފްރޭންކް ބުންޏެވެ.

ފްރޭންކް އެހެން ބުނި ނަމަވެސް، ހަބަރުތައް ބުނީ ކޭން ބަޔާނާއެކު މިވަގުތު ހުރީ ހިތްހަމަ ޖެހިގެން ކަމަށެވެ.