އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި ރޭ ޗެލްސީއާއި ލިވަޕޫލުން ކުޅުނު މެޗުތަކުންވެސް މޮޅުވެ، ދެޓީމުންވެސް ހަތަރުވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ރޭ ޗެލްސީން ތިންވަނަ ޑިވިޝަނުގެ ލިންކޮން ސިޓީއާ ދެކޮޅަށް އެޓީމުގެ ދަނޑުގައި ކުޅުނު މެޗުން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލުން ސައުތުހެމްޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެޓީމު މޮޅުވީވެސް 2-1 ގެ ނަތީޖާއަކުންނެވެ.

އެ ދެމެޗުގެ ތެރެއިން ގިނަ ބައެއްގެ ފޯކަސް އަމާޒުވީ ލިވަޕޫލްގެ މެޗަށެވެ. އެޓީމުން އަލަށް ގެންދިޔަ ފޯވަޑް، 125 މިލިއަން ޕައުންޑްގެ އެލެކްސެންޑާ އިސާކް މެޗުގައި ގޯލު ޖެހި އިރު، އޭނާގެ ގޯލު ފެނިގެން ދިޔައީ 43 ވަނަ މިނެޓުގައެވެ.

އޭގެ ސިކުންތު ކޮޅެއްގެފަހުން ސައުތުހެމްޓަންގެ އެޑަމް އާމްސްޓްރޯންގެ ހަމަލާއެއް ދަނޑިއަށް އަމާޒުވެފައިވާ އިރު، ދެވަނަ ހާފުގައި ސައުތުހެމްޓަންއިން ވަނީ އެއްވަރު ކޮށްފައެވެ. 76 ވަނަ މިނެޓުގައި ސައުތުހެމްޓަންގެ ގޯލު ޖެހީ ޝެއާ ޗާލްސްއެވެ.

އެ ގޯލާއެކު މެޗު އެއްވަރުވާން ދަނިކޮށް، ލިވަޕޫލް މޮޅުވި ގޯލު، 86 ވަނަ މިނެޓުގައި ޖަހައިދިނީ ހޫގޯ އެކެޓީކޭއެވެ. އެކެޓީކޭ ގޯލު ޖެހުމުގެ ކުރިން އޭނާއަށް ރީނދޫ ކާޑެއް ދައްކާފައިވާ އިރު، ގޯލާއެކު އުފާފާޅުކުރުމަށް ޖާޒީ ބޭލުމުން ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައިފައެވެ.

އެ ރަތް ކާޑާއެކު އެކަޓީކޭ ވަނީ މެޗަށްފަހު މައާފަށް އެދިފައެވެ. އެކަޓީކޭގެ ރަތް ކާޑުގެ ސަބަބުން އޭނާއަށް ކުރިއަށް އޮތް ލީގު މެޗު ގެއްލޭނެއެވެ.

ދުނިޔޭގެ ޗެމްޕިއަން ޗެލްސީން ރޭ ކުޅުނު މެޗުން އެޓީމު ކިރިޔާ ސަލާމަތްވެފައިވާ އިރު، ޗެލްސީ ކޮޅަށް ފުރަަމަ ގޯލު ޖެހީވެސް ލިންކޮންއެވެ. ފުރަތަމަ ހާފުގައި ލިންކޮންގެ ގޯލު ޖަހައިދިނީ ރޮބާޓް ސްޓްރީޓްއެވެ.

ބަދަލުތަކާއެކު މެޗަށް ނުކުތް ޗެލްސީން ދެވަނަ ހާފުގައި ނަތީޖާ އަނބުރާލީ ކުރީކޮޅުގައި ދެ ގޯލު ޖަހައިގެންނެވެ. ތައިރީގް ޖޯޖާއި ފަކުންޑޯ ބުއޮނަނޯޓޭ ޗެލްސީއަށް ގޯލުތައް ޖަހައިދިން އިރު، ދެވަނަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީވެސް ޖޯޖެވެ.