ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުންވެސް މޮޅުވެއްޖެއެވެ.

ރޭ ރަށުން ބޭރުގައި ރެއާލުން ލެވަންޓޭ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް މި ސީޒަނުގެ ލީގުގައި ރެއާލުން ކުޅުނު ހަ މެޗުންވެސް މޮޅުވެފައިވާ އިރު، އެޓީމު އެއްވަނައިގައި އޮތީ 18 ޕޮއިންޓާއެކުގައެވެ. އެ ހަމެޗުގައި ރެއާލުން 14 ގޯލު ޖަހާފައިވާ އިރު، އެޓީމު ކޮޅަށް ވަދެފައި ވަނީ އެންމެ ތިން ގޯލެވެ.

ދެވަނައިގައި އޮތް ބާސެލޯނާއަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، މިވަގުތު ރެއާލް އެއްވަނައިގައި އޮތީ ހަމަޖެހިލައިގެންނެވެ.

ރެއާލުން ރޭ ކުޅުނު މެޗުގައި އެޓީމަށް ލީޑު ނަގައިދިނީ ވިނީޝިއަސް ޖޫނިއާއެވެ. އާ ކޯޗު ޒަބީ އެލޯންސޯ ކްލަބާ ހަވާލުވެ، މިހާތަނަށް ކުޅުނު މެޗުތަކުގައި ވިނީޝިއަސްއަށް ކޮންމެވެސް ވަރެއްގެ ނުތަވަސްކަމެއް ކުރިމަތިވެފައިވެއެވެ. އެއީ ބައެއް މެޗުތަކުގައި އޭނާ ބެންޗުން ފަށަން ޖެހުމުގެ އިތުރުން މެޗުގެ 90 މިނެޓް ފުރިހަމަކުރަން ބައެއް ފަހަރު ފުރުސަތު ނުލިބޭތީއެވެ.

އެ ކަންކަން ހަނދާނުން ފޮހެލަން ވިނީޝިއަސް ވަނީ ރޭގެ މެޗުގައި މޮޅަށް ކުޅެފައެވެ. އޭނާ ފަހު 30 އަކަށް މިނެޓް ކުޅެފައި ވަނީ ކެޕްޓަން ބޭންޑް އަޅައިގެންނެވެ.

ވިނީޝިއަސްގެ ހިތްގައިމު ގޯލާއެކު ރެއާލުން ރަނގަޅަށް މެޗު ފަށާފއިވާ އިރު، އޭގެ 11 މިނެޓްފަހުން އޭނާގެ އެސިސްޓަކުން ފްރޭންކޯ މަސްޓަންޓުއޯނޯ ވަނީ ރެއާލްގެ ދެވަނަ ގޯލު ޖަހައިފައެވެ.

ކައުންޓާ އެޓޭކަކުން މަސްޓަންޓުއޯނޯ ރެއާލްގެ ދެވަނަ ގޯލު ޖަހައިދީފައިވާ އިރު، ދެވަނަ ހާފު ފެށިގެން 54 ވަނަ މިނެޓުގައި އެޓާ އެޔޯންގް ޖެހި ގޯލުން ލެވަންޓޭ ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. އެގޯލުން ލެވަންޓޭ އުންމީދެއް ހޯދި ނަމަވެސް، އެމްބާޕޭ ވަނީ ދެ ގޯލާއެކު ރެއާލަށް މޮޅު ޔަގީން ކޮށްދީފައެވެ.

އެމްބާޕޭގެ ފުރަތަމަ ގޯލު ޕެނަލްޓީއަކުން ޖަހައިދިން އިރު، އެ ޕެނަލްޓީއަކީ އޭރިއާ ތެރެއިން ލެވަންޓޭ ކެޕްޓަން އުނައި އެލްގެޒަބާލް އެމްބާޕޭއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އޭގެ ތިން މިނެޓް ފަހުން އެމްބާޕޭގެ ދެވަނަ ގޯލު ފެނިގެން ގޮސްފައިވާ އިރު، އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ އާދާ ގުލާއެވެ.