މ. ނާލާފުށި ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނާލާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ މަސައްކަތު އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ނާލާފުށި ކައުންސިލުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ 546 މީހުންގެ އާބާދީއެއް އޮންނަ ނާލާފުށި ރައްޔިތުންނަށްޓަކައި ފެށިގެންދާ ބަނދަރުގެ މަޝްރޫއުގެ މަސައްކަތް ފުރިހަމަވުމާއެކު، ޖާގަ ތަނަވަސް ބަނދަރެއް ރަށުގެ ރައްޔިތުންނަށް ލިބި، ލަފައިފުރުމުގައާއި، މުދާ އަރުވައި ބޭލުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ބިން ހިއްކުމުގެ މަޝްރޫއު ނިމުމާއެކު ނާލާފުއްޓަށް ޒަމާނުއްސުރެ ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބި، ރަށުން ގޯތި ދޫކުރުމަށާއި، ސިނާއީ މަސައްކަތްކުރުމަށް އިތުރު ޖާގަ ތަނަވަސްވެގެންދާނެ ކަމަށާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ރަށް ގިރުމުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުތަކުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އުމްރާނީގޮތުންނާއި އިގުތިސާދީގޮތުން ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ބަނދަރު މަޝްރޫއުގެ ދަށުން 43،998.60 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 408 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 191 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، މިހާރު އޮތް ބޭރުތޮށީގެ 46 މީޓަރު ރީ ޕްރޮޕައިލް ކުރުމާއި، 78 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 2030 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އެ މަޝްރޫއަކީ 63.97 މިލިއަން ރުފިޔާއަށް 400 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 15.48 ހެކްޓަރުގެ ބިން ހިއްކުމާއި، 993 މީޓަރުގެ ބަޔޮސްވޭލެއް ހެދުމާއި، 709 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 440 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އެ މަޝްރޫއަކީ 172.79 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.