ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ އޮޑި ސްޕޯޓްސް ކްލަބުން ކުޅުނު މެޗުގައި އިއްޔެ ބޮޑު ތަފާތަކުން ޔުނައިޓެޑް ވިކްޓަރީ ކްލަބު ބަލިކުރި އިރު، ކްލަބު ވެލެންސިއާއިން ކުޅުނު ފުރަތަމަ މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ.
ދެވަނަ ޑިވިޝަނުގެ ޗެމްޕިއަނުންގެ ގޮތުގައި މިފަހަރު ފުރަތަމަ ޑިވިޝަނަށް އޮޑި ނުކުތީ ވަރުގަދަ ސްކޮޑަކާއެކުގައެވެ. އެ ސްކޮޑާއެކު އިއްޔެ ހަވީރު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ޖެހި ގޯލާއެކު އޮޑިން ލީޑު ނަގާފައިވާ އިރު، ދެވަނަ ހާފުގައި އޮޑިން ވަނީ ތަފާތު މޮޅަށް ކުޅެފައެވެ. އިބްރާހީމް ވަހީދު ހަސަން (އިއްބެ)ގެ ގޯލުން ދެ ގޯލުގެ ލީޑެއް ނެގި އިރު، އޮޑީގެ ތިންވަނަ ގޯލު ޖެހީ ބަދަލަކަށް އެރި އަހުޒަމް ރަޝީދު (އަހު) އެވެ.
މެޗުގެ ފަހުކޮޅުގައި ޔުނައިޓެޑް ވިކްޓަރީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އާއި ޝަނާން ރަޝާދު ނުރައްކާ ކޮންމެވެސް ވަރަކަށް ފެނުނު ނަމަވެސް، މުޒްދާން ހަސަންގެ ގޯލަކާއެކު އޮޑިން މެޗު ނިންމާލީ ތިން ޕޮއިންޓް ޔަގީން ކޮށްގެންނެވެ.
ވެލެންސިއާއިން ރޭ ގައުމީ ދަނޑުގައި ކްލަބު ގްރީން ސްޓްރީޓްސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަކީ މިދިޔަ ދެ އަހަރު ތެރޭގައި ދެޓީމުންވެސް ކުޅުނު ފުރަތަމަ މެޗެވެ. 2023 ވަނަ އަހަރު ލީގު ނިމެން ދިޔަ ދުވަސްކޮޅު ކްލަބުތަކުގެ މާލީ ހާލަތު ދަށްވެގެން ގޮސްފައިވާ އިރު، ވެލެންސިއާ އެފަހަރު ސީޒަން މެދުތެރެއިން ލީގު ދޫކޮށްލިއެވެ. އެހެން ނަމަވެސް، ގްރީނުން ވަނީ ސީޒަން ނިމެންދެން ކުޅެފައެވެ.
ވެލެންސިއާއިން ރޭގެ މެޗަށް ނުކުތީ އީތަން އިބްރާހިމް ޒަކީގެ ކެޕްޓަން ކަމުގެ ދަށުގައެވެ. އުމުރުން 16 އަހަރުގައި ކްލަބެއްގެ ކެޕްޓަން ބޭންޑް އަޅައި، އީތަން ވެގެން ގޮސްފައި ވަނީ ދިވެހި ލީގުގައި ޓީމެއްގެ ކެޕްޓަންކަން ކުރި އެންމެ ހަގު ކެޕްޓަނަށެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ވެލެންސިއާއަށް ލީޑު ނަގައިދިނީ އީތަންއެވެ. އެ ގޯލާއެކު މޮޅަށް ކުޅުނު އީތަން އަރިމަތިން ހުނަރު ދައްކާލައި، ވެލެންސިއާގެ ދެވަނަ ގޯލަށް ފުރުސަތުވެސް ތަނަވަސް ކޮށްދިނެވެ. ދެވަނަ ހާފުގައި އީތަންގެ ބޯޅައިން ވެލެންސިއާއަށް ގޯލު ޖަހައިދިނީ އަބޫބަކާރު ސީލާ ސީލާއެވެ.
މެޗު ނިމެން ދަނިކޮށް ގްރީނުން ގޯލެއް ޖެހިވެސް މެއެވެ. އެ ގޯލު ޖަހައިދިނީ އޮބައިދާ ހާދިމް އަހުމަދެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު