ވ. އަތޮޅު ފުލިދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
އެރަށު ބަނދަރު މަސައްކަތް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ބަނދަރުގެ މަަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަރިހުގައި ބަނދަރުގެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އަހުމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލިދޫގައި ބަނދަރުގެ ބަދަލުގައި މިހާރު ބޭނުންކުރަމުން އަންނަނީ ޖެޓީ އެކެވެ. ފުލިދޫއަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ތަރައްގީވެފައިވާ ރަށެކެވެ.
އެމްޓީސީސީން ބުނީ ފުލިދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 79،933 ކިއުބިޓް މީޓަރުގެ ސަރަހަދެއް ފުންކުރުމާއި، 300 މީޓަރުގެ ސަރަހަދެއްގައި އެއްގަމުތޮށި ލުމާއި، 439 މީޓަރުގެ ސަރަހަދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ އިތުރުން 174 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭހެން 25 މީޓަރުގެ ގްރޮއިން ޖެހުމާއި، 77 މީޓަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އަދި 1،450 އަކި މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ހަ މީޓަރު ދިގު 40 މީޓަރު ފުޅާ ކޮންކްރިޓް ބުރިޖެއް ހަދާނެކަމަށް އެމްޓީސީސީން ބުންޏެވެ. މީގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށް އެމްޓީސީސީން ބުންޏެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން، ފުލިދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 463.46 މިލިއަން ރުފިޔާއަށް 465 ދުވަހުން ނިންމާ ގޮތަށެވެ.
ވ. ފުލިދޫ
ވ. ފުލިދޫ
ވ. ފުލިދޫ
ވ. ފުލިދޫ