ވ. ފުލިދޫގައި މޫދު ކުލާހެއްގެ އުޅުނިކޮށް ނޭވާލާން އުނދަގޫވި އަންހެނަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އިއްޔެ 16:30 އެހާކަންހާއިރު، ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ވޯޓާ ބްރޭކް ވަގުތު އެއްގަމަށް އަރަންދިޔަ މީހަކު ނޭވާލާން އުނދަގޫވާ ކަމަށް ބުނުމުން ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ، ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް، 18:14 އެހާކަންހާއިރު އެ މީހާ މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މި ހާދިސާގައި މަރުވީ އާއިޝަތު އާތިފާ 39އ، ރޮކެޓް، ބ. ކުޑަރިކިލެވެ. އޭނާއަކީ ފުލިދޫ މަސައްކަތު މީހެއްގެ މަގާމުގައި ހުރި މީހެކެވެ.

އެނގިފައިވާ ގޮތުގައި އޭނާ މޫދު ހަރަކާތްތަކުގައި އުޅުމަށްފަހު ނޭވާލާން އުނދަގޫވެގެން އެއްގަމަށް އެރައި، އެވާހަކަ އެންގުމުން ވަގުތުން ސިއްހީ މަރުކަޒަށް ގެންދިޔައެވެ.

އޭގެ ފަހުން އޭނާއަށް ދޮޅުގަޑިއެއްހާ އިރު ވަންދެން ފަރުވާ ދިން ކަމަށާއި އޭނާ މަރުވީ ހާލު ސްޓޭބަލް ކަމަށް އެންގި ފަހުން، ޕެނިކް އެޓޭކެއް ޖެހިގެންނެވެ.

އޮފިޝަލު ވިދާޅުވީ، އެ މީހާގެ ހަށިގަނޑު މާލެ، އައިޖީއެމް ހޮސްޕިޓަލަށް ގެނެސް މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.