ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި މެންޗެސްޓާ ސިޓީއާއި ބާސެލޯނާއިންވެސް ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބު ކޮށްފިއެވެ.
ސިޓީން ރޭ އަމިއްލަ ދަނޑުގައި ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު މޮޅުވީ 2-0 ގެ ނަަތީޖާއަކުންނެވެ.
އިޓަލީ ޗެމްޕިއަން ނަޕޯލީން ރޭގެ މެޗަށް ނެރުނު ފުރަތަމަ 11 ގައި ސިޓީގެ ކުރީގެ ކެޕްޓަން ކެވިން ޑި ބްރޭނާ ހިމަނާފައިވެއެވެ ސިޓީގައި ގިނަ ދުވަސްތަކެއް ހޭދަކޮށް، ކްލަބާއެކު ހުރިހާ ކާމިޔާބީއެއް ހޯދުމަށްފަހު މި ސީޒަނަށް ނަޕޯލީއަށް ބަދަލުވި ޑި ބްރޭނާއަށް ރޭގެ މެޗު ވެގެން ދިޔައީ އުނދަގޫވެސް މެޗަކަށެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ނަޕޯލީގެ ޖިއޮވާނީ ޑި ލޮރެންޒޯއަށް ސީދާ ރަތް ކާޑެއް ދެއްކުމުން، ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ޑި ބްރޭނާ ބާލައި، ބަދަލަކަށް މަތިއަސް އޮލިވިއޭރާ ކުޅެން ނެރެފައެވެ.
އެ ރަތް ކާޑާއެކު ސިޓީން މެޗުގެ ކޮންޓްރޯލް ހޯދައި، ފުލުފުލުގައި ހަމަލާތައް އުފައްދަމުން ދިޔައެވެ. ފުރަތަމަ ހާފުގައިވެސް ޓިޖާނީ ރެއިންޑާސްއާއި ފިލް ފޮޑެންގެ އިތުރުން ރޮޑްރީގެ ހަމަލާތައްވެސް މަތަކުރީ ނަޕޯލީގެ ކީޕަރު ވަންޖާ މިލިންކޮވިޗް-ސަވިޗެވެ.
ނުރައްކާ ކުރަމުން ދިޔަ ސިޓީން ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ނެގި އިރު، 56 ވަނަ މިނެޓުގައި ގޯލު ޖެހީ އާލިން ހާލަންޑެވެ. ފޮޑެން ހުރަސް ކުރި ބޯޅަ ގޯލަށް ވައްދާލައި، ހާލަންޑް ވަނީ ޗެމްޕިއަންސް ލީގުގައި ޖެހި ގޯލުގެ އަދަދު 50 އަށް އަރުވާފައެވެ. ހާލަންޑް 50 ގޯލު ހަމަކުރީ 49 މެޗުންނެވެ. އެއީ މިހާތަނަށް މުބާރާތުގެ ރެކޯޑެކެވެ.
ސިޓީން ކޮންޓްރޯލް ކުރި މެޗުގައި އެޓީމުން ޖެހި ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޖެރަމީ ޑޮކޫއެވެ. އެއީ ރެއިންޑާސްގެ ބޯޅައަކުން 65 ވަނަ މިނެޓުގައެވެ.
ބާސާއިން ނިއުކާސަލްއާ ދެކޮޅަށް، ނިއުކާސަލް ދަނޑުގައި ކުޅުނު މެޗު 2-1 އިން ނިމިގެން ގޮސްފައިވާ އިރު، ބާސާއަށް ވިދާލީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް، މާކަސް ރަޝްފޯޑެވެ.
ރަޝްފޯޑު މި ސީޒަނަށް ބާސާއަށް ބަދަލުވެފައި ވަނީ ލޯން އެއްބަސްވުމެއްގައެވެ. ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމްއާ އުފެދުނު ދެބަސްވުންތަކެއްގައި ރަޝްފޯޑުގެ ކުޅުން ދަށްވެ، އެ ކްލަބުން އޭނާ ލޯނަށް ފޮނުވާލީ ސީޒަނަށެވެ.
އެފަހުން ބާސާއަށް ކާމިޔާބުކުރި ފުރަތަމަ ދެ ގޯލަކީވެސް ރޭގެ މެޗުގައި ޖެހި ގޯލެވެ. ބާސާއިން ރޭ ރަޝްފޯޑަށް ފުރަތަމަ 11 އިން ޖާގަ ދިނީ އުމުރުން 18 އަހަރުގެ ލަމީން ޔަމާލަށް އަނިޔާވެފައި ހުރުމުންނެވެ.
ޔަމާލް ނެތްތައް ފޫބައްދަން އަރައި ރަޝްފޯޑު ދެ ގޯލު ޖެހި އިރު، އޭނާ އަކީ ބާސާ ޖާޒީގައި ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗެއްގައި ދެ ގޯލު ޖެހި ފަސްވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ޝަރަފު އޮތީ ޒިކީ ބެގިރިސްޓައިން، ކްރިސްޓިއަން ޓެޔޯ، ރޮބާޓް ލެވަންޑޯސްކީގެ އިތުރުން ޖުއާއޯ ފެލިކްސް އަތުގައި އެކަންޏެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި އެންތަނީ އެލަންގާއާއި އެންތަނީ ގޯޑަންގެ ނުރައްކަލާއެކު ނިއުކާސަލްއިން މޮޅަށް ފެށި ނަމަވެސް، ބާސާއިން ފަހު މެޗުގެ ކޮންޓްރޯލް ނެގިއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ރަފީނިއާއާއި ލެވަންޑޯސްކީގެ ނުރައްކާ ފެނިގެން ގޮސްފައިވާ އިރު، ބާސާއިން ލީޑު ނެގީ 58 ވަނަ މިނެޓުގައެވެ. ޖޫލްސް ކޫންޑޭގެ ހުރަހަކުން ރަޝްފޯޑުގެ ފުރަތަމަ ގޯލު ފެނުނު އިރު، އޭނާގެ ދެވަނަ ގޯލަކީ ހިތްގައިމު ގޯލެކެވެ.
އޭރިއާ ބޭރުން ރަޝްފޯޑު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ. ނިއުކާސަލްއިން ޖެހި ހަމައެކަނި ގޯލު ފަހުވަގުތު ޖަހައިދިނީ ގޯޑަންއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު