މިއަދު ފަށާ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ލީގު، ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ދިރާގު ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ދިރާގާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކުރެވިގެން ގޮސްފައިވާ އިރު، އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް) އެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒެވެ.

"ދިވެހި ޕްރިމިއާ ލީގު، ރާއްޖޭގެ އެންމެ ޝަރަފުވެރި މުބާރާތުގެ ޓައިޓަލް ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފުޓުބޯޅައަކީ ދިވެހީންގެ މެދުގައި އަބަދުވެސް އެންމެ މަގުބޫލު ކުޅިވަރު ކަމުގައި ވީ ހިނދު، ފުޓުބޯޅައަށް އޮތް ލޯތްބާއި ފޯރި އަލުން އިޔާދަކުރުމަށާއި، ކުޅުންތެރިން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް،" ރިޔާޒް، މިއަދުގެ އެއްބަސްވުމާއެކު ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސް ތޯރިގު ވިދާޅުވީ މި ދަނޑިވަޅަކީ ރާއްޖޭގައި ފުޓުބޯޅައިގެ ރޫހު އަލުން ދިރުވައި، ކްލަބުތަކުގެ ކުރިއެރުމަށް ވާދަވެރި ޕްލެޓްފޯމެއް ގާއިމުކޮށްދޭން ޖެހިފައިވާ ވަގުތެއް ކަމަށާއި، އެކަމުގައި ދިރާގުން އެހީތެރިކަން ލިބުމަކީ ނުހުނަ އުފާކުރާ ކަމެއް ކަމަށެވެ. އަދި ދިރާގަކީ އަބަދުވެސް ފުޓުބޯޅައިގެ ގާތް ކުންފުންޏެއް ކަމަށްވެސް ތޯރިގު ފާހަގަކުރިއެވެ.

މީގެ ކުރިންވެސް އެކި ފަހަރު މަތިން ދިރާގުން ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. މިފަހަރު 10 ޓީމާއެކު ލީގު ފަށާނީ ގިނަ ދުވަސްތަކެން ވަންދެން ފުޓުބޯޅަ ހުއްޓިފައި އޮތުމަށްފަހުއެވެ.