ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި މޯލްޑިވްސް މީޑިއާ އެންޑް ރެގިއުލޭޝަން ބިލުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވިދާޅުވީ މުޅި ބިލަކީ ބާތިލު ބިލެއް ކަމަށާއި އެއީ ގާނޫނުއަސާސީ އާއި ހެދިފައި ހުރި ގާނޫނުތަކާ ހިލާފަށް ފާސްކޮށްފައިވާ ބިލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕީޖީ ގްރޫޕުގެ ފަރާތުން ވާނެ ދަންނަވާފައި، އެ ބިލަކީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް މަޖިލީހުން ފާސްކޮށްފައިވާ ބިލެއް ކަމަށް ދެކި، އަޅުގަނޑުމެން ކޯޓަށް ދާނެ ވާހަކަ. އެހެންވީމާ އެ މަސައްކަތް ކުރިއަށްދާ ވާހަކަ ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އެ ބިލުގައި ހުރި މައްސަލަތައް ދެނެގަނެ، ކޯޓަށް ހުށަހަޅާނީ ބިލު ބާތިލުކުރަންތޯ ނޫނީ ވަކިވަކި މާއްދާ ބާތިލުކުރަންތޯ އެމްޑީޕީގެ ލީގަލް ޓީމުން ނިންމާނެ ކަމަށެވެ. އަދި އެ ބިލު ދިރާސާކުރި މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުން ބާއްވާފައިވަނީ ވެސް މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިބޭފުޅުންނަށް އެނގިލައްވާނެ ބިލު ފާސްކުރަމުންދިޔަ ގޮތް. އަޅުގަނޑުމެން އެ ބިލު ފާސްކުރަމުންދިޔަ އިރު، ކޮމިޓީ އަޑުއަހަމުން ދިޔައިން. އެ ކޮމިޓީގައި ހިމެނޭ އަޅުގަނޑުމެންގެ ހަމައެކަނި މެންބަރަކަށް ނޭނގޭ ކައުންސެލް ޖެނެރަލް ދެއްވާފައިވާ ލަފާ ދެއްވީ ކޮން ލަފައެއް ކަމެއް. އެ ވަގުތު ވެސް އެދެމުންދިޔަ އެ ލަފާ ފެނުނީމަ ނޫންތޯއޭ އިސްލާހެއް ހުށަހެޅޭނީ، ވޯޓުދެއްވަން ވެސް އެނގޭނީ،" އޭނާ ވިދާޅުވިއެވެ.

ސަމީރު އިތުރަށް ވިދާޅުވީ މަޖިލިސް ޖަލްސާއެއް ބާއްވާނަމަ، މަޖިލިސް މެންބަރުންނަށް ހަ ގަޑިއިރު ކުރިން ޖަލްސާގެ އެޖެންޑާ ފޮނުވަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވީ ނަމަވެސް، އެ ޖަލްސާގެ އެޖެންޑާ އަދިވެސް މެންބަރުންނަށް ލިބިފައިނުވާ ކަމަށެވެ. އަދި ޖަލްސާ ފެށުނު އިރުވެސް ކޮމިޓީ ރިޕޯޓު ލިބިފައިނުވާތީ، އެ ޝަކުވާ ވެސް ހުށަހަޅަމުން ގޮސްފައިވާނެކަން ވެސް ފާހަގަކުރެއްވިއެވެ.