ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރު ފެށުމުގެ ގޮތުން ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ރެއާލް މެޑްރިޑްވެސް މޮޅުވެއްޖެއެވެ.
އާސެނަލުން ރޭ ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯ ކައިރިން 2-0 އިން މޮޅުވެފައިވާ އިރު، އެޓީމުން ތަފާތު ދެއްކީ ދެވަނަ ހާފުގައެވެ.
ޖުމުލަކޮށް މުޅި މެޗުގައިވެސް މަދު ހަމަލާތަކެއް ފެނިގެން ގޮސްފައިވާ އިރު، ބޮޑަށް ފުރަތަމަ ހާފު ކޮންޓްރޯލް ކުރީ ބިލްބާއޯއިންނެވެ. އެހެން ނަމަވެސް، ރަނގަޅު ފުރުސަތުތައް ލިބުނީ އާސެނަލަށެވެ.
އޭގެ ތެރެއިން އެންމެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ފާހަގަކުރެވުނީ ޖޫރިއަން ޓިމްބާ ނަގައިދިން ހުރަހުން ވިކްޓޯ ޔޯކެރޭޝްއަށް ލިބުނު ފުރުސަތެވެ. އޭރިއާ ތެރެއިން ޔޯކެރޭޝަން ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
ފުރަތަމަ ހާފުގައި އާސެނަލްގެ ފަރާތުންވެސް މަދު ހަމަލާތަކެއް ފެނުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ލެއާންޑްރޯ ޓްރޮސާޑު ޖައްސާލި ބޯޅައިން ގެބްރިލިއަލް މާޓިނެލީ ވަނީ އާސެނަލަށް ލީޑު ނަގައިދީފައެވެ.
އޭގެފަހުން އާސެނަލުން ޖެހި ދެވަނަ ގޯލަކީ، މާޓިނެލީ ދިން ބޯޅައެއްގައި ޓްރޮސާޑް ޖެހި ގޯލެކެވެ.
ރެއާލުން ރޭ އަމިއްލަ ދަނޑުގައި މާސޭ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ރެއާލަށް ވެގެން ގޮސްފައި ވަނީ އުނދަގޫ މެޗަކަށެވެ. އެއީ ދެވަނަ ހާފުގައި ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.
ފުރަތަމަ ހާފުގެ ކުރީކޮޅުގައި ޑިފެންޑަރު ޓްރެންޓް އެލެކްސެންޑާ-އާނޯލްޑަށް އަނިޔާވެގެން، ޑެނިއަލް ކަވަހާލް ބަދަލަކަށް އަރުވާފައިވާ އިރު، ދެވަނަ ހާފުގައި ކަވަހާލްއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. ގެރޮނީމޯ ރުލީގެ މޭ މަތީގައި ކަވަހާލްގެ ބޮލުން ޖެހުނު ކަމަށް ރެފްރީ ނިންމާ، އޭނާއަށް ދެއްކީ ސީދާ ރަތް ކާޑެކެވެ.
މެޗުގެ 22 ވަނަ މިނެޓުގައި މާސޭގެ ތިމޮތީ ވެއާ ވަނީ ރެއާލް ހައިރާން ކޮށްލައި ލީޑު ނަގައިފައެވެ. އެހެން ނަމަވެސް، އޭގެ ހަތް ވަރަކަށް މިނެޓްފަހުން ކިލިއަން އެމްބާޕޭގެ ފުރަތަމަ ޕެނަލްޓީން ރެއާލް އެއްވަރުކުރި އިރު، މޮޅުވި ޕެނަލްޓީއަކީ 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެކެވެ.
އެ ޕެނަލްޓީވެސް އެމްބާޕޭ ކާމިޔާބުކޮށްދިނީ ފަސޭހަ ކަމާއެކުގައެވެ.
ރޭ ކުޅުނު ޗެމްޕިއަންސް ލީގު އިތުރު މެޗުތަކަށް ބަލާ އިރު، ޔުވެންޓަސްއިން ވަނީ 4-4 އިން ޑޯޓްމުންޑާ އެއްވަރުވެފައެވެ. ޓޮޓެންހަމްއިން ވަނީ 1-0 އިން ވިލަރެއާލް ބަލިކޮށްފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު