ކުރިއަށް އޮތް ރާއްޖޭގެ ފުޓުބޯޅަ ސީޒަނަށް ބަލައިގެން، އެފްއޭއެމް އެވޯޑްސް އިއުލާނު ކޮށްފިއެވެ.
އެފްއޭއެމްގެ ރައީސް، މަހިބަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ތޯރިގު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅިވަރުގެ ރޫހު އިތުރަށް އާލާކުރުމާއި، ކުޅިވަރުގެ ވާދަވެރިކަން އިތުރުކުރުމުގެ އިތުރުން ފުޓްބޯޅައިގެ ހިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ މަގުސަދުގައި، ފުޓުބޯޅަ އެސޯސިއޭޝަންގެ ފަރާތުން އާ ފުޓްބޯޅަ ސީޒަންގެ އެވޯޑު ދޭން ނިންމާފައިވާ ކަމަށެވެ.
އެވޯޑު ދޭ ކެޓަގަރީތައް
- އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ (1، 2 އަދި 3)
- އެންމެ މޮޅު ފުޓުބޯޅަ ކޯޗް
- އެންމެ މޮޅު ފުޓުބޯޅަ ކުލަބު
- 21 އަހަރުންދަށުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ
- ރާއްޖޭން ބޭރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ
- ރަން ބޫޓް (އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ)
- ރަން އަންގި (އެންމެ މޮޅު ގޯލްކީޕަރު)
- އެންމެ މޮޅު ފުޓުބޯޅަ ރެފްރީ
- އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާ
- އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ
- އެންމެ މޮޅު ގޯލް
މީގެ ކުރިން އެފްއޭއެމްއިން ފުޓުބޯޅައަށް ހާއްސަކޮށް އެންމެފަހުން އެވޯޑު ދީފައި ވަނީ 2018 ވަނަ އަހަރުއެވެ. އޭރު އެވޯޑު ދެމުންދިޔައީ މޯލްޑިވްސް ފުޓްބޯލްއާ ގުޅިގެންނެވެ.
އޭގެފަހުން އެފްއޭއެމްއިން ފުޓުބޯޅައަށް ހާއްސަ އެވޯޑް ހަފުލާއެއް ބާއްވާފައި ނުވާ އިރު، އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ހޮވީ 2022 ވަނަ އަހަރު ބާއްވަން ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑު ގައެވެ. ސްޕޯޓްސް މިނިސްޓްރީން ބާއްވާ އެ ހަފުލާގައި އެންމެފަހުން ހޮވި، އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކީ ކްލަބު އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.
މިފަހަރުގެ އެވޯޑްސްއިން ފުޓްސަލް މޮޅު ކުޅުންތެރިޔާގެ މަގާމު ހޮވުމަށް އެފްއޭއެމްއިން އިއުލާނު ކޮށްފައިވާ އިރު، މިއީ ރާއްޖޭގައި އެކަން ރަސްމީކޮށް ކުރާނެ ފުރަތަމަ ފަހަރެވެ. ފުޓްސަލްގެ ގައުމީ ލީގެއް މިހާތަނަށް ބޭއްވިފައި ނުވި ނަމަވެސް، އެއީ އެންމެ މަގުބޫލު އެއް ކުޅިވަރެވެ.
އެ ކުޅިވަރުގެ ބެލެނިވެރި ފަރާތަކީ އެފްއޭއެމް ކަމަށްވީ އިރު، މީގެ ކުރިން ސްޕޯޓްސް އެވޯޑުގައިވެސް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ނުހޮވަނީ އެކަމުގައި އެފްއޭއެމްއިން މަސައްކަތް ނުކުރާތީ ކަމަށް އޭރު މިނިސްޓްރީން ބުނެފައިވެއެވެ.
އެފްއޭއެމްގެ އާ އެކްސްކޯއިން މަގާމުތަކާ ހަވާލުވެ، ފުޓްސަލްއަށް ސަމާލުކަން ބޮޑުކުރުމަށް ނިންމާފައިވާ އިރު، ފުޓްސަލް ކުޅުންތެރިންގެ ތެރެއިން އެއްވަނަ ހޮވާނީ ކޮން މުބާރާތްތަކަކަށް ބަލައިގެން ކަމެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.
އެފްއޭއެމް އެވޯޑްސް
އެފްއޭއެމް އެވޯޑްސް