އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެންޗެސްޓާ ޑާބީގައި މެންޗެސްޓާ ސިޓީން ބޮޑު ތަފާތަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި އިރު، ލިވަޕޫލުން ހޯދި މޮޅާއެކު އެޓީމުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރެކޯޑު އަގަކަށް އަލަށް ކްލަބަށް ގެންދިޔަ އެލެކްސެންޑާ އިސާކާ ނުލައި ރޭގެ މެޗަށް ނުކުތް ލިވަޕޫލުން، ރޭ ފަހުވަގުތު ބާންލީ ބަލިކުރީ 1-0 އިންނެވެ. ރަށުން ބޭރުގައި ލިވަޕޫލުން ރޭ ހޯދި މޮޅާއެކު އެެޓީމު ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ.

އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް، 12 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އާސެނަލާއި ތިންވަނައިގައި އޮތް ޓޮޓެންހަމް އަދި ހަތަރު ވަނައިގައި އޮތް އޭއެފްސީ ބޯންމައުތަށްވެސް ހަތަރު މެޗުން ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ.

ބާންލީ މެޗުގައި ލިވަޕޫލްގެ ފަހަތަށް މާ ބޮޑަށް ނުރައްކާ ނުކުރި ނަމަވެސް، އަނެއްކޮޅުން ޑިފެންސްގައި އެޓީމު ފެނުނީ ވަރުގަދަ ކޮށެވެ. ދެވަނަ ހާފުގައި ޑޮމިނިކް ޒޮބޮސްލާއީގެ ބާރު ހަމަލާއެއް ކީޕަރު މާޓިން ޑުބްރާވްކާ ސޭވްކޮށްފައިވާ އިރު، ފެޑެރީކޯ ޗިއޭސާއަށް ލިބުނު ފުރުސަތު އޭނާ ނަގާލިއެވެ.

މެޗުގެ ފަހުކޮޅުގައި ބާންލީގެ ލެސްލޭ އުގޮޗުކްވޫއަށް ދެއްކި ރަތް ކާޑުން ލިވަޕޫލަށް ފައިދާ ލިބިގެން ގޮސްފައިވާ އިރު، ފަހު ވަގުތު ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން ހަނިބަލް އަތުގައި ބޯޅައިން ޖެހުމުންނެވެ. އެޕެނަލްޓީ ކާމިޔާބުކޮށް، ލިވަޕޫލަށް ތިން ޕޮއިންޓް ޔަގީންކޮށްދިނީ މުހައްމަދު ސަލާހެވެ.

މި ސީޒަނުގެ މިހާތަނަށް އެންމެ ހާލަތު ގޯސްކޮށް އޮތް އެއް ކްލަބު، ޔުނައިޓެޑުން ރޭ ސިޓީ ކައިރިން އިއްތިހާދުގައި ބަލިވީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ރުބެން އަމޯރިމް ހަވާލުވިފަހުން މިހާތަނަށް އެކްލަބުން ކުޅުނު 47 މެޗުގެ ތެރެއިން 20 މެޗުން ބަލިވެފައިވެއެވެ. މޮޅުވީ އެންމެ 18 މެޗުންނެވެ. އެހެންކަމުން އަމޯރިމްއާއެކު ޔުނައިޓެޑް މޮޅުވެފައި ވަނީ ކުޅުނު މެޗުތަކުގެ 38 ޕަސެންޓް މެޗުތަކުންނެވެ.

ސިޓީއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގައިވެސް ޔުނައިޓެޑްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވާ އިރު، ފުރަތަމަ ހާފުގައި ޖެރެމީ ޑޮކޫ ނެގި ހުރަހަކުން ފިލް ފޮޑެން ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފުގައި އާލިން ހާލަންޑްގެ ދެ ގޯލު ފެނިފައިވާ އިރު، އެ ގޯލުތަކަށް އެސިސްޓް ކޮށްދިނީ ޑޮކޫއާއި ބަނާޑޯ ސިލްވާއެވެ.

ރޭގެ މެޗުގައި ސިޓީއަށް އަލަށް ގެންދިޔަ އިޓަލީ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ ކުޅެފައިވާ އިރު، އޭނާގެ ފަރާތުން މުހިއްމު ދެ ސެވޭއް ފެނިގެން ގޮސްފައިވެއެވެ.

މިހާތަނަށް ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓާއެކު ސިޓީ އަށްވަނައިގައި އޮތް އިރު، ޔުނައިޓެޑް 14 ވަނައިގައި އޮތީ ހަަތަރު މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ.