ރާއްޖޭގައި ވާދަވެރި ފުޓުބޯޅަ އަލުން ފެށުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި އަބަދުވެސް އަދާކުރަން ޖެހޭ ޒިންމާއަކީ ހުރިހާ މެޗަކުން މޮޅުވުން ކަމަށް ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
ދޮޅު އަހަރެއްހާ ދުވަހަށްފަހު ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ކްލަބު އީގަލްސްއިން ނުކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. ފުޓުބޯޅަ ހުއްޓިފައި އޮތް ދުވަސްތަކުގައި މާޒިޔާއިން އޭޝިއާގެ މުބާރާތްތަކުގައި ވާދަކުރަން އެ ކްލަބުން ތަމްރީނުތައް ކޮށް، މެޗުތައްވެސް ކުޅެފައިވާ އިރު، އެހެން ކްލަބަކުން ފުޓުބޯޅައިގައި ފެނިގެން ގޮސްފައެއް ނުވެއެވެ.
އެ މުބާރާތްތަކަށް ޓީމު އެކުގައި އޮތުމަކީ މާޒިޔާއަށް ބޮޑު ފައިދާއެއް ކަމަށް އީގަލްސްގެ ކޯޗު އަހުމަދު ނިމާދު (ނިމާ)ވެސް ޕްރި މެޗު ޕްރެސްގައި ފާހަގަކޮށްފައިވާ އިރު، މާޒިޔާގެ ކޯޗު ހެނާންޑޭޒް ބުނީ ޗެރިޓީ މެޗަކީ އީގަލްސް ރަނގަޅަށް ދަސްކުރަން ލިބޭ މެޗަކަށްވާނެ ކަމަށެވެ.
"ރާއްޖޭގެ ފުޓުބޯޅަ އަލުން ކުޅެން ފެށުމަކީ ރަނގަޅު ކަމެއް، ރަނގަޅު ފުރުސަތެއް. އަހަރެމެންނަށް ޗެރިޓީ މެޗުން އެ އުފާވެރިކަން ލިބޭނެ. އެހެން މެޗުތަކަށްވެސް ތައްޔާރުވާ ގޮތަށް އަހަރެމެން މި މެޗަށްވެސް މި ތައްޔާރުވަނީ. އެއީ އިދިކޮޅު ޓީމު އެނަލައިޒްކޮށް ބަލައިގެން. އަހަރެމެންނަށް އީގަލްސްއާ ދެކޮޅަށް ކުޅެން ޖެހޭ ލީގު ފަށަންވެސް. އެހެންވީމަ މިއީ އެ މެޗުގެ ކުރިން އީގަލްސް ރަނގަޅަށް ދަސްކުރަން ލިބޭނެ ފުރުސަތެއް. ޔަގީނުންވެސް މާޒިޔާ ނުކުންނާނީ މޮޅުވާން. އެއީ ކޮންމެ މެޗަކަސް އެކަން އޮންނާނީ އެހެން،" ހެނާންޑޭޒް ބުންޏެވެ.
ކޯޗު ހެނާންޑޭޒް ބުނީ ގައުމީ ޓީމު ދެ މެޗަށްފަހު އަނިޔާގެ މައްސަލަތައް ބައެއް ކުޅުންތެރިންނަށް ދިމާވެފައިވާ ކަމަށާއި، އެ ކުޅުންތެރިންގެ އަނިޔާގެ މައްސަލަތައް ބަލައި، ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ގައުމީ ޓީމުގެ ކާމިޔާބީއަށް އުފާކުރަން. އެ ކާމިޔާބީގައި އަހަރެމެން ތެރޭގައި ހިމެނޭ ބައެއް ކުޅުންތެރިންނަށް އަނިޔާވި. އަދި އޭގެފަހުން މާގިނަ ދުވަހެއްވެސް ނުވެ، މި ނުކުންނަނީ ސީޒަނުގެ ފުރަތަމަ މެޗަށް. އެހެންވީމަ އެކަންކަމަށް ހައްލު ހޯދަމުން މިދަނީ،" އޭނާ ބުންޏެވެ.
ހެނާންޑޭޒް ބުނީ ސީޒަނަށް ނުކުންނަ އިރު، މާޒިޔާއަށް ހުރިހާ މެޗަކުން މޮޅުވާން މަޖުބޫރުކަން ދަނެގެންވެސް، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ވިސްނާ ކަމަށެވެ. ހެނާންޑޭޒް ބުނީ ރާއްޖެ ފުރަތަމަ އައިއިރުވެސް ފުޓުބޯޅަ ހާލަތު ރަނގަޅަށް އެނގޭ ކަމަށާއި، މާޒިޔާގެ ޓާގެޓަކަށް އަބަދުވެސް ވާނީ ކުޅޭ ހުރިހާ މެޗަކުންވެސް މޮޅުވުން ކަމަށެވެ. އަދި މެނޭޖުމަންޓުން ހަވާލުކޮށްފައިވާ ޒިންމާއަކީވެސް އެއީ ކަމަށް އޭނާ ބުންޏެވެ.
މާޒިޔާއާއި އީގަލްސް ވާދަކުރާ ޗެރިޓީ ޝީލްޑް މެޗު އޮންނާނީ މާދަމާ ރޭ 9:00 ގައެވެ.
އެންމެފަހުން 2023 ވަނަ އަހަރު ޗެރިޓީ ޝީލްޑް މެޗުގައިވެސް މާޒިޔާއާއި އީގަލްސް ވާދަކޮށްފައިވާ އިރު، އެފަހަރު ޝީލްޑް ކާމިޔާބުކުރީ މާޒިޔާއެވެ. އެންމެ ގިނަ ފަހަރު ޝީލްޑް އުފުލާލުމުގެ ރެކޯޑް އޮތް މާޒިޔާ އިން ވަނީ 2015، 2016، 2017، 2021 އަދި 2023 ވަނަ އަހަރު ޝީލްޑް ހޯދައިފައެވެ. އީގަލްސްއިން ވަނީ 2020 ވަނަ އަހަރު މާޒިޔާ ބަލިކޮށް ޝީލްޑް އުފުލާލައިފައެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު