ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ރަސްމީކޮށް ފަށަން ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ގޯސްވެ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހަށްފަހު ލީގު މެޗެއް ކުޅެފައެއް ނުވެއެވެ. އޭގެފަހުން އެކި ފަހަރުމަތިން ލީގު ފަށަން މަސައްކަތްކޮށް، ކްލަބުތަކުން ތަމްރީނުތަކަށް ނުކުތް ނަމަވެސް، އެކި ކަންކަން ދިމާވެގެން ލީގު ފެށޭ ގޮތެއް ނުވިއެވެ.

އެހާލަތުން އެފްއޭއެމް އަރައިގަނެފައި ވަނީ މިދިޔަ ޖުލައި މަހު އާ ހިންގާ ކޮމިޓީ ހަވާލުވި ހިސާބުންނެވެ. އާ އެކްސްކޯއިން ލީގުގެ އޮނިގަނޑަށް ބަދަލު ގެނެސް، އާ ފޯމެޓެއް އިއުލާނު ކޮށްފައި ވަނީ އަތޮޅު ތެރޭގައި ކުޅެވޭ އަތޮޅު މުބާރާތްތަކާއި ޒޯން މުބާރާތްތައް އަދި ރީޖަނަލް މުބާރާތްތައްވެސް ރަސްމީކޮށް ފުޓުބޯޅަ ޕިރަމިޑްގައި ހިމަނައިގެންނެވެ.

ފުޓުބޯޅައިގެ އާ ސިސްޓަމުގައި ވާ ގޮތުން ރާއްޖޭގެ އެއްވަނަ ޑިވިޝަނުގައި މިހާރު 10 ކްލަބު ހިމެނެއެވެ. އެ ދިހަ ކްލަބަކީ ޕްރިމިއާ ލީގު ކުޅޭ 10 ކްލަބެވެ. ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށަން އެފްއޭއެމްއިން ކަލަންޑަރު ފައިނަލް ކޮށްފައިވާ އިރު، ރަސްމީކޮށް ލީގު ފަށާނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު އީގަލްސް ވާދަކުރާ މެޗުންނެވެ.

އެއީ ލީގު ފަށާ ތާރީހު ނަމަވެސް، އޭގެ ކުރިން 15 ވަނަ ދުވަހުގެ ރޭ އެ ދެޓީމުން ޗެރިޓީ ޝީލްޑް މެޗަށް ނުކުންނާނެއެވެ.

ލީގު މެދުކެނޑިގައި މިދިޔަ ދުވަސްތަކުގައި މާޒިޔާއިން އޭއެފްސީ މުބާރާތްތަކުގައި ވާދަކުރި ނަމަވެސް، އެހެން ކްލަބަކަށް ރަސްމީ މެޗެއް ކުޅެން ފުރުސަތު ލިބިފައެއް ނުވެއެވެ. އެހެންކަމުން މިފަހަރުގެ ލީގަށް އީގަލްސް ނުކުންނާނީ ގާތްގަނޑަކަށް ދޮޅު އަހަރު ދުވަހު ރަސްމީ މެޗެއް ނުކުޅެ ތިބުމަށްފަހުއެވެ.

މިފަހަރުގެ ލީގުގައި މާޒިޔާއާއި އީގަލްސްގެ އިތުރުން ދެން ވާދަކުރާނީ ކްލަބު ވެލެންސިއާ، ޓީސީ ސްޕޯޓްސް ކްލަބު، ކްލަބު ގްރީން ސްޓްރީޓްސް، އޮޑި ސްޕޯޓްސް ކްލަބުގެ އިތުރުން ޔުނައިޓެޑް ވިކްޓަރީ، ބުރު ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

މިފަހަރުގެ ފުރަތަމަ ޑިވިޝަނަށް ނިއު ރޭޑިއަންޓް ނުކުންނަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ބަދަލުގައެވެ. ނިއު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކުރަން އެފްއޭއެމްއިން ނިންމާފައި ވަނީ ސަސް ފުރަތަމަ ޑިވިޝަން ދޫކޮށްލުމުން، ދެވަނަ ޑިވިޝަނުގެ ނަތީޖާއަށް ބަލައިގެންނެވެ.

ފައިސާގެ ހާލަތު ހުރިގޮތުން ސަސް ފުރަތަމަ ޑިވިޝަން ދޫކޮށްލުމާއެކު، އެފްއޭއެމްއިން ވަނީ އެ ކްލަބު ޖޫރިމަނާ ކޮށްފައެވެ.