އަބަދު އެއް ވާހަކައެއް ދައްކައިގެން ތިބުން އެއީ އެންމެ ކަމުދާ ގޮތެއް ނޫނެވެ. ރާއްޖޭގެ ފުޓުބޯޅައިގައި ދާދި އެއް ވާހަކައެއް ދައްކާތާ ދުވަސްގަނޑެއް ވެއްޖެއެވެ. ކޮރަޕްޝަނާއި ވައްކަމުގެ ވާހަކައެވެ. އުންމީދެއް ނެތް ވާހަކައެވެ. އަލުން ފަށާނެ ހިސާބެއްވެސް ނޭނގޭ ވާހަކައެވެ. އެ ވާހަކަތަކުގެ ތެރެއިން ފުޓުބޯޅަ ރަސްމީކޮށް ހުއްޓިފައި އޮންނަތާ މިހާރު ދެ އަހަރު ވަރު ވެއްޖެއެވެ. ހަގީގަތަށް ވިސްނާލާނަމަ، ރަސްމީ ވަޒީފާއަކަށް ފުޓުބޯޅަ ކުޅޭ ކުޅުންތެރިއަކަށް އެއީ ހީނުކުރާހާ ބޮޑު ގެއްލުމެކެވެ. އަނބިދަރީންނާއި އާއިލީ ހަރަދުވެސް ފުޓުބޯޅައިން ބަލަހައްޓަމުން ދިޔަ އިރު، އެތައް ކުޅުންތެރިންނެއް ތިބީ ގޮތް ހުސްވެ، މާޔޫސްވެފައެވެ.
އެ އިހުސާސް ހަގީގަތުގައި ކުރެވޭނީވެސް ހަމަ ކުޅުންތެރިންނަށެވެ. އެތައް ފަހަރަކު ލީގު ފަށަންވެސް ތައްޔާރުވެ، އެކަމަށް ފުރުސަތު ނުލިބި، ހުއްޓާލަން ޖެހުނެވެ. އެ މައްސަލަތަކުގެ ތެރެއިން ކްލަބުތަކުގެ ހިންގުމަށްވެސް އެތައް ދައްޗެއް ދިމާވާނެކަން ޔަގީނެވެ. ފައިސާގެ އެތައް ހަރަދެއް ހިނގާނެކަންވެސް ޔަގީނެވެ. އެކަން ގަބޫލުކުރާ ހާލު، ފުޓުބޯޅައިގެ އާ ފެށުން، އުފާވެރިކަމާއެކު، ޕްރެޝަރު ކުޑަކޮށް ފަށަން ފުރުސަތު މި ހޯދައިދިނީ ހިތްވަރު ގަދަ ކުޅުންތެރިންނެވެ.
ސްރީ ލަންކާގައި ބޭއްވި ދެ ގައުމުން ވާދަކުރި ދެކުނު އޭޝިއާ ސުޕަ ކަޕް ރާއްޖެއިން ކާމިޔާބުކޮށް، އެތައް އަހަރަކަށްފަހު ބައިނަލްއަގުވާމީ ތަށްޓެއް ގެނެސްދިނީއެވެ. އާނއެކެވެ. ފުޓުބޯޅައިގައި އޮންނަ ގޮތަކީ ދެ ގައުމު ކުޅެގެން، ނޫނީ ދެ ކްލަބު ކުޅެގެން އެގްރިގޭޓް ނަތީޖާއިން ލިބޭ ތަށިވެސް އެއީ ހަމަ ތަށްޓެވެ. ޔޫއެފާ ސުޕަ ކަޕް ފަދަ މުބާރާތްތަކަކީވެސް ދެ ކްލަބު ވާދަކޮށް ހޯދާ ތަށްޓެވެ. އެއީ އެކަން އޮތް ގޮތެވެ. އެހެންކަމުން ރާއްޖެއިން ހަތް އަހަރު ފަހުން ބައިނަލްއަގުވާމީ ތަށްޓެއް ހޯދީއެވެ.
ކެޕްޓަނާއި ކޯޗުގެ ޝުކުރުވެސް ކުޅުންތެރިންނަށް
"ވަރަށް އުފާވެއްޖެ މި ކާމިޔާބީ ލިބުނީމަ. ދެން އެންމެ ފުރަތަމަވެސް ކޯޗު ޓީމު އިއުލާނުކޮށް، ޕްރެކްޓިސް ފެށި ހިސާބުން ހުރިހާ ކުޅުންތެރިންވެސް ނިންމީ ގޮސްފައި އަންނާނީ ތަށި ހިފައިގެންނޭ. ދެން ކުޅުންތެރިން ވަރަށް ބޮޑަށް އެކުގައި މި މަސައްކަތް ކުރީ. ވަރަށް ބޮޑަށް އެކުވެރިކޮށް ޓީމު އޮތީ. އިރާދަކުރެއްވިއްޔާ ލީގުވެސް ފެށުމާއެކު ރާއްޖޭގެ ފުޓުބޯޅަ ރަނގަޅު. އެއީ މެޗުތައް ނުކުޅެ ދިޔައިމަ އެ ތަންކޮޅު ދެއްކި. ސަޕޯޓަރުންނާ ނުލައި ދެން މިކަންވެސް ނުވާނެ. އެއީ ފުޓުބޯޅައަކީ ސަޕޯޓަރުންގެ ކުޅިވަރެއް. ހުރިހާ ސަޕޯޓަރުން ކޮށްދިން ބުރަ މަސައްކަތަށް ޝުކުރު އަދާކުރަން،" ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ތަށި މާލެއަށް ގެނެސްދިން އިންޓަވިއުގައި ބުންޏެވެ.
ސަޕޯޓަރުންނާއި ކުޅުންތެރިންގެ ވާހަކައެވެ. އޭގެ ތެރެއިން ކުޅުންތެރިންގެ ވާހަކައަށް ބަލަމާ ހިނގާށެވެ. ހަގީގަތުގައި ކުޅުންތެރިން ދެއްކި ޖޯޝަކީ، ހިތްވަރެއް ހޯދޭނެ މަގެއް ނެތި، ދެއްކި ޖޯޝެކެވެ. ކުރިން ފާހަގަކުރި ދަތި ހާލަތުގައި އެ ކުޅުންތެރިން ފިޓްނަސްއަށް ކުރި މަސައްކަތުގައި އެހީތެރިކަން ހޯދުނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޭޝިއާ މުބާރާތްތައް ކުޅެން ތައްޔާރުވި ފަހަރުތަކުގައެވެ. އެއީވެސް ބައެއް ކުޅުންތެރިންނަށް ލިބުނު ފުރުސަތެކެވެ. އެހެން ނޫނީ، ފައިސާ ހޯދީވެސް، ފިޓްނަސް ދެމެހެއްޓީވެސް އަމިއްލައަށް ހޯދި އަތޮޅުތެރޭގެ ފުރުސަތުތަކުންނެވެ. އެކި ގޮތްގޮތުން ފުޓުބޯޅައިގައި ޝާމިލުވެގެންނެވެ.
"ފުރަތަމަ ކަމަކަށް ވިސްނީ ކުޅުންތެރިން މޯޓިވޭޓް ކުރާނެ ގޮތެއް. އެއީ ހާލަތުވެސް ވަރަށް ދަށްކޮށް އޮތުމާއެކު. ދެން އެއަށް ބަލައި، ޓެކްޓިކަލީ ކުރަން ޖެހޭ ކަންތައް ދެން މިކުރީ. ކާމިޔާބީއާ ދިމާލަށް ކުޅުންތެރިން ކުރި މަސައްކަތްވެސް ފާހަގަކޮށްލަން އަނެއްކާވެސް. މި ކާމިޔާބީގެ ކްރެޑިޓްސް ހައްގުވަނީ ކުޅުންތެރިންނަށް. ފުރަތަމަ ދުވަހުން ފެށިގެން ޑިސިޕްލިން، ގަޑިއަށް ހާޒިރުވުން، އަދި އެހެން ހުރިހާ ކަމެއްވެސް ރަނގަޅަށް ފެނުނީ. ކުޅުންތެރިން އަމިއްލައަށް ދަނެގެން މަސައްކަތް ކުރީ. އެއީ ހާލަތުވެސް އޮތް ގޮތުން،" ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ލަންކާގައި ހުރެ "ޕީއެސްއެމް"އަށް ބުންޏެވެ.
ކޯޗުގެ މޮޅު މަސައްކަތެއްކަން ޔަގީނެވެ. ހިތްވަރު ހޯދަން ކޯޗު ބޭނުންކުރި އުކުޅު ހާމަނުކުރި ނަމަވެސް، ހިތްވަރު ހޯދައިދިނެވެ. ކުޅުންތެރިންނަށް އެކަން ވާނެކަން ބުނެދީ، އެކަން ކުރުވިއެވެ. ޝުކުރު ހައްގެވެ. އެ ހިސާބުން ކޯޗާއި ކުޅުންތެރިން އެކުވެ، ދިވެހި ފުޓުބޯޅައިގެ ހިންގުންތެރިންނަށް އެދިނީ ފުން މެސެޖެކެވެ. ހަގީގަތުގައި ގައުމަށް އައުމުން އަޅާލި މާފަތިތަކަށްވުރެ، އެ ކުޅުންތެރިންނަށް މުހިންމުވާނެ އެހެން ބައިވަރު ކަންތައް އެބަހުއްޓެވެ. މާފަތި އަޅައި، އުފާފާޅުކުރުން ގޯހީކީ ނޫނެވެ. އެހެންނަމަވެސް، ހިތާހިތުން އެ ކުޅުންތެރިން ބުނާނެ އެއް ވާހަކައެއް ޔަގީންވެއެވެ. އެއީ "ހޯދައިދިން އުންމީދު ފަނޑިވިޔަ ނުދޭށޭ" އެވެ.
އަމިއްލަ ހޯމްގެ ހާލަތު ދަށް، އިހުލާސްތެރިކަން ބޭނުންވެފައި
ޔަގީނެވެ. ގައުމީ ޓީމަކަށް އެންމެ މުހިންމު އެއް ކަމަކީ ލީގުގެ ވަރުގަދަކަމެވެ. އެކަމަށް އެފްއޭއެމްއާ އަލަށް ހަވާލުވި އަހުމަދު ތޯރިގު (ޓޮމް)ގެ ޓީމުން އަވަސް ބަދަލެއް ގެނެސް، މިހާރު މިއޮތީ އާ ފެށުމަކުން ފަށާ ހިސާބުގައެވެ. އެ ގޮތްތައް ކިތަންމެހާވެސް ރަނގަޅެވެ. ކުރިންވެސް އެ ކުޅުންތެރިން ބޭނުންވެފައި ތިބީ، ފޮނި އުންމީދުތަކަކާއެކު ލީގުގެ ފޯރިވެސް ގަދަވޭތޯއެވެ. އެކަން އޭރު ނުވިއެވެ. ފަށައިފައިވެސް ހުއްޓުނީއެވެ. ރެފްރީންނަށް ފައިސާކޮޅުވެސް ނުދެވިގެންނެވެ. ލީގު އެކަންޏެއް ނޫނެވެ. މުޅި ރާއްޖޭގައި ފަށަން އުޅުނު އެކަޑެމީތަކާއި، ރަނގަޅު ފެންވަރުގެ ދަނޑުތައްވެސް ދިޔައީ ތޮޅިއަށެވެ.
އެ ވާހަކަ ބާއްވަންވީ ވައުދުގައި އެ ވާހަކަ ބާއްވަލަން ހިނގަށާށެވެ. އެ ގޯސްތައް އެންމެންނަށްވެސް އެނގޭނެއެވެ. އެންމެންވެސް އެއްބަސްވާންވީ ހަގީގަތަކީ "ފުޓުބޯޅަ ލަދަކަށް" ވެގެން ދާން އެއީ ހިތްވަރު ގަދަ ކުޅުންތެރިން ލޮލުން ކަރުނަ އަންނާނެ ކަމެއް ކަމެވެ. އެކަން ކުރިން އޮތީ ވެފައެވެ. ފިލާވަޅު ހޯދަން ޖެހެއެވެ. އެ ކުޅުންތެރިން ތަކުރާރުކޮށް، އުންމީދު ގެނެސްދޭން މަސައްކަތް ކުރިއެވެ. އެއީ ގައުމީ ޓީމަކީ ފެންވަރު މިނެކިރައި، އިތުބާރު ދެމެހެއްޓުމަށް ރައްޔިތުން ބަލާ މިންގަނޑަށްވީތީއެވެ.
"މުޅި ފުޓުބޯޅައިގައިވެސް މިދިޔައީ އުނދަގޫކޮށް. ހަތް އަހަރު ދިޔައީ ބައިނަލްއަގުވާމީ ތަށްޓެއް ނުލިބި. އޭގެ އިތުރުން ރާއްޖޭގެ ފުޓުބޯޅަ ދެ އަހަރެއްހާ ދުވަސް މިދިޔައީ ލީގުވެސް ހުއްޓިފައި އޮއްވައި. އެފްއޭއެމްގެ އެތެރޭ ކަންތައްތައްތަކާ ހެދި ރައްޔިތުންނަށްވެސް ނާއުންމީދީ ދުވަސްތަކެއް މިދިޔައީ. އެހެންވީމަ މިއީ އަލަށް ފަށައިގަނެގެން ކުރިން ފުޓުބޯޅަ އޮތް ހިސާބަށް ގެންދަން ލިބުނު ވަރަށް ބޮޑު ހިތްވަރެއް. މިހާރު އޮތް ހިސާބުން ނަގާނެ ދުވަސްކޮޅެއް ކުރިން އޮތް ހިސާބަށް ދާން،" އެފްއޭއެމްގެ ރައީސް ތޯރިގު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ ގައުމީ ޓީމުގެ ނަތީޖާ ބިނާވާނީ ލީގުގެ ހާލަތުން ކަމަށާއި، ރާއްޖޭގެ ފުރަތަމަ ޑިވިޝަން އަންނަ ހަފުތާ އަލުން ފެށި، އަތޮޅު މުބާރާތްތައް ފެށުމުން ތަފާތުތައް ފެންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސީޒަން ފެށުމުން ކޯޗު މޯހަންއަށް ގިނަ ކުޅުންތެރިން ފެނިގެންދާނެ ކަމަށާއި، އެއީ ލިބިގެންދާނެ ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ.
ދެން އޮތީ ވަސީލަތްތަކުގެ ވާހަކައެވެ. ހަގީގަތުގައި ގައުމީ ޓީމަށް ހޯމްއެއް ނެތެވެ. މިވަގުތު ރާއްޖޭގެ ގައުމީ ރަސްމީ ފުޓުބޯޅަ ދަނޑުގެ ގޮތުގައި ބޭނުންކުރަ ގަލޮޅު ދަނޑު ހިމެނޭ ސަރަހައްދަކީ ސްޓޭޑިއަމެއް ތަރައްގީ ކުރަން އެންމެ އެކަށޭނެ ސަރަހައްދެއް ނޫން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ މެޗަކާއި ގައުމީ ޓީމުގެ މެޗުތައްވެސް ކުޅެން އޮތް ހަމައެކަނި ދަނޑު، ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް ވީރާނާވެފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. 2019 ވަނަ އަހަރު ގަލޮޅު ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ އެ ދެ ފަރާތް ބަންދުކުރި ގޮތަށް، ކިރިޔާވެސް ބޭނުންކުރީ ސާފް ޗެމްޕިއަންޝިޕް 2021 ގައެވެ. އެއީ އެ ނޫން ގޮތެއް ނެތިގެންނެވެ. އަދި ލައިޓްތައް މައްސަލަ ޖެހި މުބާރާތްތައް ހަވީރު އެކަނި ކުޅެން ޖެހިފައިވަނިކޮށް، މިހާރުގެ ސަރުކާރުން ވަނީ އެމްއެންޑީއެފްއާ ހަވާލުކޮށް، ލައިޓްތައް ރަނގަޅުކޮށްފައެވެ.
ކުރިން އެ ހާލަތުގައި ދަނޑު އޮއްވައި، 2021 ވަނަ އަހަރު، ދަނޑު ހަދަން ފެށޭނެހެން ހީވެސް ވިއެވެ. ކުރީގެ މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ ދަނޑުގެ ކުރެހުމެއްވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައިފައެވެ. ދަނޑު ހަދަން ފެށުމާއެކު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ހުޅުމާލެއަށް ބަދަލުކުރަން ނިންމި ހިސާބަކަށްވެސް ދިޔައެވެ. އެހެން ނަމަވެސް، އެ ކުރެހުމުގައި ކުލައެއް ނުޖެހުނެވެ. ހުރިހާ ކަމެއް ނިމިފައި ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، މަހްލޫފަށްވެސް އެ މަސައްކަތް ނުފެއްޓެވުނެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ސޯޝަލް ސެންޓަރު ކައިރީގައި ހުންނަވައި މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އޭރުގެ ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވީ އިންޑިއާއިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީއެއްގެ ތެރެއިން ގަލޮޅު ދަނޑު ތަރައްގީކުރުމަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 380 މިލިއަން ރުފިޔާ) ހަމަޖެހިފައިވާ ކަމަށެވެ. އެ އަހަރު ދަނޑު ތަރައްގީ ކުރަން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައި، 2023 ވަނަ އަހަރު ބަޖެޓަށްވެސް 10 މިލިއަން ރުފިޔާގެ ބަޖެޓެއް ގައުމީ ދަނޑު ތަރައްގީކުރަން ހަމަޖެއްސިއެވެ. އެ މަސައްކަތް އިންޑިއާގެ އެހީގައި ކުރިއަށްގެންދަން ކުރި މަސައްކަތް އެވަރުންވެސް ވީ ނާކާމިޔާބެވެ.
މިއީ ދަނޑުގެ ކުޑަ ތަފްސީލެކެވެ. އެތައް ދުވަހެއް ވަންދެން ރަސްމީކޮށް ނުކުޅެ ތިބެ، ލަންކާގައި އެ ގައުމު ބަލިކޮށްފައި އައިސް ކުޅުންތެރިން އެދޭނެ އެއް އެދުމަކަށް އެކަންވެސް ވާނެއެވެ. މީޑިއާގައި ނުބުނި ނަމަވެސް، ރާއްޖޭގެ ސަޕޯޓަރުން ކުރިމަތީގައި، ޖޯޝާއި ފޯރީގައި ގައުމީ ޓީމު ކުޅެން ބޭނުންވާނެއެވެ. އެކަންވެސް ހަނދާނުން ކައްސާލައިގެން ނުވާނެއެވެ.
މިނިސްޓަރު ރާފިއު، އުފާފާޅުކުރުމުގެ ހަރަކާތުގެ ތެރެއިން ފާހަގަކުރެއްވިހެން، ކާމިޔާބު ދަމަހައްޓަން މަސައްކަތް ކުރަން ޖެހެއެވެ. ޓީމެއްގެ ކާމިޔާބީއަކީ ފަހަތުގައި އޮންނަ ޓީމުގެ ހިތްވަރެވެ.
"ބާރަވަނަ ކުޅުންތެރިންގެ މުހިންމުކަން ދެ މެޗުންވެސް ފެނިގެންދިޔަ. ސަޕޯޓަރުންގެ ތަފާތު ވަރަށް ފުރިހަމަކޮށް ފެނިގެން ދިޔައީ. ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ތަފާތު ފެނިގެން ދިޔަ. ދެން ކާމިޔާބީ ހޯދޭނީވެސް، އަދި ދެމެހެއްޓޭނީވެސް ވަރަށް ގިނަ ކަންތައްތަކެއް ކޮށްގެން. އެންމެ މުހިންމު ކަމަކީ ލިބޭ ކާމިޔާބީ، އަދި ފެންވަރުވެސް ގިނަ ދުވަސްތަކެއް ވަންދެން ދެމެހެއްޓުން. އޭރުން އެހެން ފިޔަވަޅެއް ކުރިއަށް އެރޭނީ. އަޅުގަނޑުމެންނަށް މުހިންމު ކަމަކީ، މި މޮމެންޓަމް ކުރިއަށް ގެންދިއުން. އެގޮތުން ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދީ، ސީނިއާ ޓީމަށްވެސް އިތުރު ފުރުސަތުތައް ހޯދައިދީގެން ނޫނީ ދާންވީ މިސްރާބަށް ނުދެވޭނެ. އެއީ ޓީމެއްގެ ކުރިއެރުން އަންނާނީ ފަހަތުގައި އޮންނަ ޓީމުގެ ތަފާތުން،" ރާފިއު ވިދާޅުވިއެވެ.
ވަރަށް ރަނގަޅު ވާހަކައެކެވެ. ކުޅުންތެރިންގެ ހިތްވަރަށް ދެން ޖަވާބު ދޭންވީ އިދާރާތަކެވެ. އިހުލާސްތެރިކަން އިސްކޮށް، އާ ފެށުމަކުން ފަށަން ކުޅުންތެރިން ފުރުސަތު ހޯދައިދީފިއެވެ. އެ ފުރުސަތުގައި އިދާރާތަކުން ކުރަން ޖެހޭ މަސައްކަތް ކުރަން ޖެހޭނެއެވެ. މިއީ ކުޅުންތެރިންނަށް ލިބުނު އުންމީދަކުން ހޯދި ނަތީޖާއެކެވެ. އެ ނަތީޖާ ދެމިއޮންނާނީ، ދެން ހުރި ކަންކަމުން ކުޅުންތެރިންނަށް ހިތްހަމަޖެހުމެއް ލިބިގެންނެވެ. އެ ކުޅުންތެރިން ދަނޑުމަތީގައި އޮހޮރުވި ދަލަށް، ފުޓުބޯޅައިގެ ހިންގުންތެރިން ޖަވާބުދޭންވީ ވަގުތަކީ މިއީއެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު