ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މަޖިލީހަށް ބަަލައިގަތް، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ދިރާސާ ކުރުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކާ ބެހޭ ކޮމިޓީ ސިއްރު ކުރީ އުސޫލާ ހިލާފަށް ކަމަށް އެ ކޮމިޓީގެ މެންބަރެއް ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހަޅުއްވަމުން، އެ ކޮމިޓީގެ ނައިބު މުގައްރިރު ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ، ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އާއްމުންގެ ފަރާތްތަކުން ބިލަށް ހުށަހެޅި ބައެއް ކޮމެންޓްތަކަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިއަދުވެސް އިތުރު ކޮމެންޓްތައް ހުރުމުން އިއްޔައެކޭ އެއްފަދައިން މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހަޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސެއިންއެވެ.

އެ ހުށަހެޅުން ފާސްކުރީ ކޮމިޓީ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ބައްދަލުވުން ސިއްރު ނުކުރުމަށް ވޯޓު ދެއްވީ ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ އެމްޑީޕީގެ މެންބަރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

ކޮމިޓީ ބައްދަލުވުމުން ސިއްރުކުރުމާ ގުޅޭގޮތުން ނޫސްވެރިއަކަށް ދެއްވި އިންޓަވިއެއްގައި މީކާއިލް ވިދާޅުވީ ބިލާ ގުޅޭ ކަންކަން ސިއްރުން ކުރިއަށް ގެންދަން ކޮމިޓީން ނިންމީ އެ ކުރެވެނީ ރަނގަޅު ކަމެއް ނޫންކަން މެންބަރުން ގަބޫލުކުރާތީ، އެ މަންޒަރު އާންމު ރައްޔިތުންނަށް ފޮރުވުމަށް ކަމަށެވެ.

"މިއަދު ކޮމިޓީ ސިއްރުކުރީކީ ސިއްރުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮންނަ އުސޫލުން ބޭރުން އިނގޭތޯ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ހުއްދަ ކުރަނީ ކޮމިޓީ ސިއްރު ކުރަން މީހެއްގެ ޒާތީ މައުލޫމާތު އާންމުންނަށް ހާމަވެދާނެ ހާލަތެއްގަ، ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގެންފާނެ މިފަދަ މައުލޫމާތެއް ހާމަވެދާނެ ހާލަތެއްގަ ނޫނިއްޔާ ގައުމީ ސަލާމަތުގެ ނުރައްކަލެއް ދެއްތޯ، ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް އޮތް ހާލަތެއްގާ އެކަން ކުރެވިދާނެ،" މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ މިއަދު ކޮމިޓީ ސިއްރު ކުރި އިރު އެއިން ހާލަތަކަށް ނުފެތޭ ކަމަށެވެ. ކޮމިޓީގައި އިއްޔެވެސް މިއަދުވެސް ކުރަން ހަމަޖެހިފައިވަނީ ބިލާ ގުޅިގެން އާންމުންގެ ފަރާތުންނާއި ދައުލަތުގެ ބައެއް މުއައްސަސާތަކުން ފޮނުވާފައިވާ ހިޔާލުތައް ދިރާސާކުރުން ކަމަށް މީކާއީލް ވިދާޅުވިއެވެ.

ނަމަވެސް އެ ހިޔާލުތަކަކީވެސް ސިއްރެއްގެ ގޮތުގައި ކޮމިޓީން ބަލައިގެންފައިވާ މަންޒަރު މިއަދު ފެންނަމުންދާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ ބިލާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހުންވެސް ހިޔާލުތަކެއް ލިބިފައިވާ ކަމަށާއި ކޮމިޓީން ދިރާސާ ކުރާ ކަންކަމުގެ ތެރޭގައި އެކަންވެސް ހިމެނޭ ކަމަށެވެ.