މިހާރު އޮތް ހާލަތުން ޖެހިޖެހިގެން ވަރުގަދަ ދެމެޗު ކުޅުމަކީ އުނދަގޫކަމެއް ނަމަވެސް، ކުޅުންތެރިން ކުރި ބުރަ މަސައްކަތާއި ހިތްވަރަށް ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށް ރާއްޖޭގެ ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ސްރީ ލަންކާގެ ރޭސްކޯސް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު އެއްވަރުވީ، 1-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު ރާއްޖެއިން ވަނީ އެގްރިގޭޓް 3-1 ގެ ނަތީޖާއަކުން ދެކުނު އޭޝިއާގެ ސުޕަ ކަޕް ކާމިޔާބު ކޮށްފައެވެ.
މިފަހަރުގެ ސުޕަ ކަޕު ދެމެޗަށްވެސް ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުތީ، ލީގު ނުކުޅެ އެތައް ދުވަހަކަށްފަހުއެވެ. އެހެން ނަމަވެސް، މިހާރު ޓީމުތަކުން ތަމްރީނުތައް ފަށާފައިވާ އިރު، ރާއްޖޭގެ ކުޅުންތެރިން ފުރަތަމަ މެޗުގައިވެސް ފެނުނީ ރަނގަޅު ކުޅުމެއް ދެއްކިތަނެވެ.
ލަންކާއާ ދެކޮޅަށް ހަވަނަ ދުވަހު ކުޅުނު މެޗުން ރާއްޖެ 3-0 އިން މޮޅުވި އިރު، އެއީ ފަސް މެޗުގެ ބަލިވުމުގެ ސިލްސިލާއެއްވެސް ރާއްޖެއިން ނިންމި މެޗެކެވެ.
މިދިޔަ 23 އަހަރު ތެރޭގައިވެސް ރާއްޖެ ކައިރިން ސްރީ ލަންކާއަށް މޮޅެއް ހޯދިފައި ނުވާ އިރު، އެ ތާރީހަށް އަނެއްކާވެސް ބޮޅެއް އިތުރުވީއެވެ. ލަންކާއިން މިދިޔަ ދެ އަހަރު ފުޓުބޯޅަ ރަނގަޅުކުރަން ބުރަކޮށް މަސައްކަތް ކުރި ނަމަވެސް، މިފަހަރުވެސް ރާއްޖެ މޮޅުވެފައިވާ އިރު، ލަންކާއިން އެންމެފަހުން ރާއްޖެ ބަލިކުރީ 2002 ވަނަ އަހަރުއެވެ.
މިފަހަރު މި ކުޅުނު ސުޕަ ކަޕް ދެމެޗަކީ އަލަށް ގައުމީ ޓީމާ ހަވާލުވި ކޯޗު، މޯހަންގެ އިރުޝާދުގެ ދަށުން ޓީމު ކުޅުނު ފުރަތަމަ ދެމެޗެވެ. މިއަދުގެ މެޗާއެކު ހިތްހަމަ ޖެހިފައި ހުރެ، އޭނާ ޝުކުރު އަދާކުރީ ކުޅުންތެރިންނަށެވެ.
"އަލްހަމްދު ﷲ. އަހަރެމެންގެ ކުޅުންތެރިން ވަރަށް މޮޅަށް ކުޅެފި. އަހަންނަށް އެނގޭ ދެވަނަ މެޗު މާ އުނދަގޫވާނެކަން. އަދި މާ ނަތީޖާ ކައިރިވެސް ވާނެކަން. އެއީ އަހަރެމެން ވަރަށް ދުވަސް ވެއްޖެ ވާދަވެރި މެޗެއް ނުކުޅޭތާ. މިކަހަލަ މެޗުތަކަކީ ފިޒިކަލީ ވަރަށް ބޮޑަށް އަސަރު ކުރާނެ މެޗުތަކެއް. ދެތިން ދުވަހުގެ ތެރޭގައި ދެމެޗު ކުޅުމަކީ އުނދަގޫ ކަމެއް މި ހާލަތުގައި. އެކަމަކުވެސް ކުޅުންތެރިން ދެއްކި އާދަޔާހިލާފު ހިތްވަރަށް ވަރަށް އުފާވޭ،" މޯހަން ބުންޏެވެ.
މިއަދުގެ މެޗަށް މޮޅަށް ކުޅެ، މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި، ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ބުނީ، ލަންކާ ކައިރިން ބަލިވާން ބޭނުންނުވި ކަމަށާއި، މެޗަށް ނުކުތީވެސް އެކަން ވިޔަ ނުދޭން ކަމަށެވެ.
ކުޑަ މުއްދަތަކެއް ކުރި މަސައްކަތުން ލިބުނު ނަތީޖާއަށް އުފާކުރާ ކަމަށާއި، ކުރިއަށް އޮތްތާ ޓީމުން ރަނގަޅު ނަތީޖާތަކެއް ފެންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.
މުހައްމަދު ޝިޔާޒް (މޯހަން)
މުހައްމަދު ޝިޔާޒް (މޯހަން)
މުހައްމަދު ޝިޔާޒް (މޯހަން)
މުހައްމަދު ޝިޔާޒް (މޯހަން)