ދެގައުމުން ވާދަކުރި ސައުތު އޭޝިއަން ސުޕަ ކަޕްގައި ސްރީ ލަންކާގެ މައްޗަށް ކުރި ހޯދައި، ރާއްޖެއިން މުބާރާތް ކާމިޔާބުކޮށްފިއެވެ.
ސްރީ ލަންކާގެ ރޭސްކޯސް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު އެއްވަރުވީ، 1-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު ރާއްޖެއިން ވަނީ އެގްރިގޭޓް 3-1 ގެ ނަތީޖާއަކުން ދެކުނު އޭޝިއާގެ ސުޕަ ކަޕް ކާމިޔާބު ކޮށްފައެވެ.
މިފަހަރުގެ ސުޕަ ކަޕު ދެމެޗަށްވެސް ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުތީ، ލީގު ނުކުޅެ އެތައް ދުވަހަކަށްފަހުއެވެ. އެހެން ނަމަވެސް، މިހާރު ޓީމުތަކުން ތަމްރީނުތައް ފަށާފައިވާ އިރު، ރާއްޖޭގެ ކުޅުންތެރިން ފުރަތަމަ މެޗުގައިވެސް ފެނުނީ ރަނގަޅު ކުޅުމެއް ދެއްކިތަނެވެ.
ލަންކާއާ ދެކޮޅަށް ހަވަނަ ދުވަހު ކުޅުނު މެޗުން ރާއްޖެ 3-0 އިން މޮޅުވި އިރު، އެއީ ފަސް މެޗުގެ ބަލިވުމުގެ ސިލްސިލާއެއްވެސް ރާއްޖެއިން ނިންމި މެޗެކެވެ. އެ ކާމިޔާބީއާއެކު މިއަދުގެ މެޗަށް ނުކުތީ އިތުރު ރަނގަޅު ނަތީޖާއެއް ހޯދުމަށެވެ.
މިއަދުގެ މެޗުވެސް ރާއްޖެއިން ފެށީ ވަރުގަދަކޮށެވެ. ޑިފެންސް ކުރުމުގައި އޯގަނައިޒްކޮށް ޓީމު ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ 10 ވަރަކަށް މިނެޓުގައިވެސް ރާއްޖޭގެ އެޓޭކުން ނުރައްކާ ކުރިއެވެ. ފުރަތަމަ މެޗުގައިވެސް ގޯލު ޖެހި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ދުރުން ފޮނުވާލި ބޯޅައެއް ދަނޑިއަށް އަމާޒުވެފައިވާ އިރު، އަރިމަތިން އޭރިއާ ތެރެއަށް ވަދެ، އަހުމަދު އައިހަމް (ފަތޯ) ފޮނުވާލި ހަމަލާ މަތަކުރީ ކީޕަރު ސުޖަން ޕެރޭރާއެވެ.
ސްރީ ލަންކާއިން އެޓޭކަށް ދާ ގިނަ ފަހަރުތަކުގައި ހުރަސް ނަގައިގެން ނުރައްކާ ކުރަން މަސައްކަތް ކޮށްފައިވާ އިރު، ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ އޭރިއާ ތެރެއިން ގިނަ ހުރަސްތަކެއް ފަސޭހަކަމާއެކު ނަގައިފައެވެ.
ހާފުގެ ފަހުކޮޅުގައިވެސް ރާއްޖެއިން ބޮޑަށް ނުރައްކާ ކުރި އިރު، ފަތޯ ދުރުން ފޮނުވާލި ހަމަލާއެއް ގޯލާ އަމާނުވެ ދިޔައީ ކިރިޔާއެވެ. އަދި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ހުސްކޮށް ލިބުނު ފުރުސަތެއް އޭނާ އަތުން ބޭކާރުވެގެން ދިޔައެވެ.
ރާއްޖެއިން ރަނގަޅަށް ފުރަތަމަ ހާފު ނިންމާލި އިރު، ދެވަނަ ހާފުގައިވެސް ފެށީ ދާދި އެއްގޮތަކަށެވެ. ނާއިޒް ހަސަން (ދާދު) ހާފުގެ ކުރީކޮޅުގައި ނުރައްކާކުރި އިރު، ލަންކާއިން ކުރަމުންދިޔަ ނުރައްކަލާ ރާއްޖޭގެ ޑިފެންސުން ވަނީ ރަނގަޅަށް ކުރިމަތިލައިފައެވެ.
ހާފުގެ ފަހުކޮޅަށް ގޮސް ލަންކާއިން ނުރައްކާ އިތުރު ކުރުމަށް މަސައްކަތް ކޮށްފައިވާ އިރު، އެޓީމުގެ ފޯވަޑް ވަސީމް ރަޒީކް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު ފައިސަލް އަތަށެވެ.
ރާއްޖެއިން މެޗުގައި ލީޑު ނެގީ 67 ވަނަ މިނެޓުގައެވެ. ލަންކާއިން ކުރިއަށް ޖެހި ކުޅެމުން ދަނިކޮށް ލިބުނު ފުރުސަތުގައި ރާއްޖެއިން ރަނގަޅު އެޓޭކެއް އުފައްދާ ގޯލު ޖެހީ އަރިމަތިން އަލީ ފާސިރު (ސެންޓޭ) ނަގައިދިން ބޯޅަ، ފޭދޫ އިއްބެ ފޮނުވާލުމުން ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. ރީބައުންސްގައި އެ ގޯލު ޖެހީ ދާދުއެވެ.
އެ ގޯލާއެކު ދަނޑުގައި ތިބި ރާއްޖޭގެ ސަޕޯޓަރުން އަޑުބާރުކޮށް، އުފާފާޅުކުރަމުން ގޮސްފައިވާ އިރު، މިއަދުގެ މެޗުގައި ރާއްޖެއަށް ސަޕޯޓްކުރަން ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެފައިވެއެވެ.
މެޗުގެ ފަހުކޮޅުގައިވެސް ރާއްޖެއިން ހިތްވަރާއެކު ލަންކާ ހިފަހައްޓާފައިވާ ކީޕަރު ފައިސަލް ވަނީ ފަހު ދެމިޓުގައިވެސް ތަފާތު މޮޅު ދެ ސޭވެއް ކޮށްފައެވެ.
ލަންކާއިން މެޗުގައި ޖެހި ގޯލު ފަހުކޮޅުގައި ފެނިގެން ދިޔަ އިރު، އެ ގޯލު ޖެހީ ކެލާތެވެ.
މިދިޔަ 23 އަހަރު ތެރޭގައިވެސް ރާއްޖެ ކައިރިން ސްރީ ލަންކާއަށް މޮޅެއް ހޯދިފައި ނުވާ އިރު، އެ ތާރީހަށް އަނެއްކާވެސް ބޮޅެއް އިތުރުވީއެވެ. ލަންކާއިން މިދިޔަ ދެ އަހަރު ފުޓުބޯޅަ ރަނގަޅުކުރަން ބުރަކޮށް މަސައްކަތް ކުރި ނަމަވެސް، މިފަހަރުވެސް ރާއްޖެ މޮޅުވެފައިވާ އިރު، ލަންކާއިން އެންމެފަހުން ރާއްޖެ ބަލިކުރީ 2002 ވަނަ އަހަރުއެވެ.
މިފަހަރު މި ކުޅުނު ސުޕަ ކަޕް ދެމެޗަކީ އަލަށް ގައުމީ ޓީމާ ހަވާލުވި ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ދެމެޗެވެ. އެދެމެޗުންވެސް މޮޅުވުމާއެކު، މި ދެމެޗުގެ ނަތީޖާއަކީ ކޯޗަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެއެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު